15 ފެބުރުއަރީ 2024 - 15:46

އަންނަ ރޯދަ މަހު މާލޭގެ ނޫރު މިސްކިތުގައި އިމާމުވެ ތަރާވީހް ނަމާދުކުރާނީ 11 އަހަރުގެ އިޒްކާން އަޖީބް ހުސައިން ކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިއުލާންކުރައްވައިފި އެވެ.

އިޒްކާން ވަނީ ގުރުއާން ހިތުދަސްކޮށް ނިންމައިފަ އެވެ. ހާފިޒު ކަމުގެ ސަނަދު ހާސިލްކުރުމަށް ފަހު މަންމަ އާއި ބައްޕައާ އެކު އިޒްކާން ވަނީ އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފަ އެވެ.
އާއިލާއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކުރަމުން މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި، އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު ހޯދައި ދޭން ކަމަށެވެ. އެ ފުރުސަތު އިޒްކާން އަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިޒްކާން އިމާމުވެ ތަރާވީހް ނަމާދުކުރާނީ، މިނިސްޓަރު އިއުލާން ކުރެއްވި ގޮތުގައި، ނޫރު މިސްކިތުގަ އެވެ.
ހަގު އުމުރުގައި ގުރުއާން ހިތުދަސްކޮށް ހާފިޒުންނަށް ވާ ކުދިންނަށް އިސްލާމިކް މިނިސްޓްރީން އަންނަނީ އިތުރަށް ކުރިއަށް ދާން ހިތްވަރު ދެމުންނެވެ. މި ފަހުން، ގްރޭޑް 10އިން މަތީގެ ދަރިވަރުން މާލެ އާއި އެކި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން ވެސް ވަނީ ނިންމައިފަ އެވެ.