16 ފެބުރުއަރީ 2017 - 06:05

"ތާރޭ ޒަމީން ޕަރް"ގައި ކުޑަކުއްޖެއްގެ ރޯލު އަދާކުރި ދަރްޝީލް ސަފާރީ އެ ފިލްމު ރިލީޒްކުރިތާ 10 އަހަރު ފަހުން އަނެއްކާވެސް ބޮޑު ސްކްރީން ފިލްމެއް ކުޅެން ފަށައިފި އެވެ.
"ކުއިކީ" ނަމަކަށް ކިޔާ މި ފިލްމަކީ ފުރާވަރު ދެ ކުއްޖެއްގެ ލޯބީގެ ވާހަކަ އެކެވެ. ޕްރަދީޕް އަޓްލޫރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ފުރަތަމަ އިޝްތިހާރު ޕޯސްޓަރު، ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ތަރަން އާދާޝް ވަނީ ޓްވީޓްކޮށްފަ އެވެ.
ދަރްޝީލް "ތާރޭ ޒަމީން ޕަރް"ގައި ފެންނަ ގޮތާއި އޭގެ 10 އަހަރު ފަހުން އޭނާއަށް އައިސްފައިވާ ބަދަލު ފެނިފައި ބައެއް މީހުންނަށް އެއީ އޭނާ ކަން ގަބޫލުކުރަން ވެސް ދަތިވާ ވަރުވި އެވެ.
އާމިރު ޚާން ޑައިރެކްޓްކުރި "ތާރޭ ޒަމީން ޕަރް"ގައި ދަރްޝީލް ވަނީ އާމިރާ އެކު ވަރަށް މޮޅު ރޯލެއް އަދާކޮށްފައިވެ އެވެ. އެ ފިލްމަށް ފަހު ޕްރިޔަދަރްޝަންގެ "ބަމް ބަމް ބޯލޭ" އާއި ދީޕާ މެހެތާގެ "މިޑްނައިޓްސް ޗިލްރަން" ވެސް ދަރްޝީލް ކުޅެފައިވެ އެވެ. އަދި މިދިޔަ އަހަރު އެމްޓީވީން ދެއްކި "ޔޭ ހޭ އާޝިގީ"ގައި ވެސް އޭނާ ބައިވެރިވި އެވެ.
ދަރްޝީލް އަކީ އާދަޔާޚިލާފު މޮޅު އެކްޓަރެކެވެ. "ތާރޭ ޒަމީން ޕަރް" އިން 2007 ގައި އޭނާ ބެސްޓް އެކްޓަރުގެ އެވޯޑަށް ޝާހްރުކް ޚާން ފަދަ ތަރިންނާއެކު ނޮމިނޭޓް ވެ ބެސްޓް އެކްޓަރުގެ ކްރިޓީކްސް އެވޯޑު އެ އަހަރު އޭނާ ވަނީ ހޯދާފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ދަރްޝީލް މަސައްކަތް ކުރަމުންދިޔައީ ތިއޭޓާގައި "ކޭން އައި ހެލްޕް ޔޫ؟" ކިޔާ ތަމްސީލެއް ކުޅުމުގަ އެވެ.
ދަރްޝީލްގެ މިފަހަރުގެ ފިލްމު "ކުއިކީ" ރިލީޒްކުރާ ދުވަހެއް އަދި ހަމައެއް ނުޖެހެ އެވެ.