މަޖިލިސް އިންތިހާބު: ނަން އަނބުރާ ނަގަން ހުޅުވާލައިފި
މަޖިލިސް އިންތިހާބު: ނަން އަނބުރާ ނަގަން ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ، ފޯމު އަނބުރާ ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް އަންނަ ހުކުރު ދުވަހުގެ މެންދުރު 2:00 އާ ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ.

އެކަން ކުރަން ޖެހޭނީ މަޖިލިސް އިންތިހާބަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ، ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމުންނެވެ.

އަންނަ މަހުގެ 17 ގައި ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަނޑި މިއަދު 2:00 ގައި ހަމަވިއިރު 93 ދާއިރާއަކަށް 400 އެއްހާ ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

ނަން ނަގަން ވަގުތު ދިނުމަށް ފަހު ކެންޑިޑޭޓުންގެ މެދުގައި، ގުރުއަތު ނެގުން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

ނަމަވެސް، އެއީ މިހާތަނަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންނަށް ވާތީ، އޭގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީ އިން ބާތިލްކުރާނެ އެވެ. އެހެންވެ، އެ އަދަދަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.