12 ޖޫން 2016 - 10:28

މާސޭ، ފްރާންސް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލުމަށް ފްރާންސަށް ގޮސް ތިބި އިނގިރޭސި ސަޕޯޓަރުންނާ އިދިކޮޅު ސަޕޯޓަރުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އިންގްލެންޑް ޓީމާ ބެހޭ ކަމެއް ނޫން ކަމަށާއި އެކަމުގެ އެއްވެސް އަސަރެއް ޓީމަށް ނުކުރާ ކަމަށް ކޯޗު ރޯއީ ހޮޖްސަން ބުނެފި އެވެ.
އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި ރޭ ރަޝިއާއާ 1-1 އިން އެއްވަރުވިއިރު ރަޝިއާ އިން ލަނޑު ޖެހީ ފަހު ވަގުތެވެ. މެޗަށް ފަހު ރަޝިއާގެ ސަޕޯޓަރުން ވަނީ އިނގިރޭސި ސަޕޯޓަރުންނަށް ހަމަލާދީފަ އެވެ. އަދި ފާއިތުވި ތިން ދުވަހު ވެސް އިނގިރޭސި ސަޕޯޓަރުންނާއި ފްރާންސުގެ ފުލުހުންނާ ދެމެދު ހަމަނުޖެހުން ވަނީ ހިނގައިފަ އެވެ.
"ތިފަދަ ކަންކަމަކީ އިނގިރޭސި އެފްއޭ އިން ބަލާ ކަންކަން. އެއީ ކޯޗާ ބެހޭ ކަމެއް ނޫން. އަހަރެމެންނަށް ނޭގޭ ކަމެއް ވީ ކަމެއް ވެސް. އެކަމުގެ އެއްވެސް އަސަރެއް ޓީމަށް ނުކުރޭ،" ހޮޖްސަން ބުންޏެވެ.
އޭނާ ބުނީ މޮޅަށް ކުޅެ ފަހު ވަގުތު އެއްވަރުވުމަކީ ގަބޫލުކުރަން ދަތި ނަތީޖާއެއް ކަމަށެވެ.
"ހައްގު މޮޅެއް ލިބެން އެހާ ކައިރިވެފައި ވަނިކޮށް ފަހު ވަގުތު އެއްވަރުވުމަކީ ވަރަށް ހިތި ނަތީޖާއެއް. އެއީ ދިރުވާލަން އުނދަގޫ ބޭސްގުޅައެއް. އެކަމަކު މިއީ ފުޓްބޯޅަ. މިފަދަ ކަންކަން ވެސް ދިމާވާނެ،" ހޮޖްސަން ބުންޏެވެ.
ހޮޖްސަން ބުނީ މި ނަތީޖާއިން އަރައިގަންނަން އެހާ ގިނަ ވަގުތެއް ނުނަގާނެ ކަމަށާއި މި މެޗުން ފާހަގަކުރެވުނު ގިނަ ކަންކަން ކުރިއަށް އޮތް މެޗަށް ރަނގަޅުކުރާނެ ކަމަށެވެ.
"މެޗުގެ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނިން. ދެ ވަނަ ހާފުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ގެއްލި ރަޝިއާ އިން ރަނގަޅަށް ކުޅުނު. އެކަމަކު ހިލޭ ޖެހުމަކުން ޖެހި ލަނޑަށް ފަހު އަހަރެމެން އަނެއްކާ ވެސް މެޗުގެ ކޮންޓްރޯލް ހޯދިން،" ހޮޖްސަން ބުންޏެވެ.