15 ފެބުރުއަރީ 2024 - 05:39

ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެންމެ ދަށް އަގު ކަނޑައެޅުމަށް ގޮވާލާ އިންޑިއާގައި މުޒާހަރާ ފަށައިގެން އުޅޭ ދަނޑުވެރިން ވެރިރަށް ނިއު ދިއްލީއަށް ވަނަ ނުދީ ހިފަހައްޓައިފި އެވެ.

"ޑެލްހީ ޗާލޯ" ގެ ނަމުގައި މުޒާހަރާ ފެށި ދަނޑުވެރިން އެ މުޒާހަރާގެ ނަމާ އެއްގޮތަށް ގައުމުގެ އެކި ހިސާބުތަކުން ޓްރެކްޓަރުތަކާއި އެކި ވެހިކަލްތަކުގައި ނިއު ދިއްލީ އަށް އަރަން އައި އިރު ފުލުހުން ވަނީ މަގުތައް ބަންދުކޮށް ބެރިކޭޑް ޖަހައިފަ އެވެ. އެކަމަކު އެ ބެރިކޭޑްތައް ވައްޓާލައި އެތެރެއަށް ވަންނަން މަސައްކަތްކުރުމުން ފުލުހުން ވަނީ ކަރުނަގޭސް ޖަހައި ދަނޑުވެރިން ހުއްޓުވައިފަ އެވެ.
ދިއްލީއަށް ވަނަ ނުދިނުމަށް ކޮންކްރީޓް ބްލޮކްތައް ބެހެއްޓުމުގެ އިތުރުން ކަށިނަރު ވެސް ވަނީ ދަމައިފަ އެވެ.
ދަނޑުވެރިން ގޮވާލާ މައިގަނޑު ކަމަކީ އެ މީހުން ހައްދާ ތަކެތި ވިއްކުމަށް އެންމެ ދަށް އަގެއް ގާނޫނަކުން ކަނޑައެޅުމެވެ. އަދި އެ މީހުން ނަގާފައިވާ ލޯނުތައް މާފުކޮށްދިނުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
"ފުލުހުން އަހަރެމެންނާ މެދު އަމަލުކުރަމުން ގެންދަނީ ދުޝްމަނު ގައުމަކުން އައިސްގެން އުޅޭ ބަޔަކާ މެދު އަމަލުކުރާ ގޮތަށް،" ވެރިރަށާ 415 ކިލޯމީޓަރު ދުރުގައި އޮންނަ ކަޕުރްތަލާ ޑިސްޓްރިކްޓުން މުޒާހަރާގައި ބައިވެރިވާން ގޮސް ހުރި އުމުރުން 65 އަހަރުގެ މޯހަން ސިންގް ބުންޏެވެ.
"އަހަރެމެން ބޭނުންވާ ހަަމައެކަނި ކަމަކީ ދިއްލީއަށް ގޮސް އަހަރެމެންގެ ހައްގުތަކުގެ އަޑު އިއްވުން. އެކަމަކު ފުލުހުން އަހަރެމެންގެ 150 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި."
އަނެއްކޮޅުން، ހަރިޔާނާ ސްޓޭޓްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މުޒާހަރާކުރާ މީހުން ފުލުހުންނާ ދިމާލަށް ގިނަ އަދަދަކަށް ގާ އުކި ކަމަށާއި އެކަމުގެ ސަބަބުން 24 ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އިންޑިއާގައި ދަނޑުވެރިންގެ އަދަދު ގިނަކަމުން އެ މީހުންނަކީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވޭ ބަޔަކަށް އޮންނަނީ ވެފަ އެވެ. މި މުޒާހަރާ ފަށާފައި މި ވަނީ އާންމު އިންތިހާބު އޭޕްރީލް މަހު ބާއްވާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ. --އޭއެފްޕީ