16 ފެބުރުއަރީ 2017 - 10:12

އަކްޝޭ ކުމާރުގެ "ޖޮލީ އެލްއެލްބީ2" އަކީ މި އަހަރުގެ މިހާތަނަށް ނިކުތް އެންމެ އުންމީދީ ފިލްމެވެ. ގިނަ ބަޔަކަށް މި ފިލްމު ކަމުގޮސްފައި ވާއިރު ބޮކްސް އޮފީހުގައި ވެސް އަންނަނީ ރަނގަޅު ފައިދާއެއް ހޯދަމުންނެވެ. މި ފިލްމު ވަނީ ރިތިކް ރޯޝަންގެ "ގާބިލް" އަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ނަމަވެސް ޝާހްރުކް ޚާންގެ "ރައީސް" ފަހަތަށް ޖައްސާލެވޭ ގޮތެއް ނުވި އެވެ.
މި ފިލްމަށް ފާޑުކިޔުންތެރިންގެ ނުރުހުން އަމާޒުވެފައި ވިޔަސް ބެލުންތެރިން ބުނަނީ މިއީ ވަރަށް ހެއްވާ މަޖާ އަދި އެހާމެ އިބްރާތްތެރި ފިލްމެއް ކަމަށެވެ.
މިހާރު "ޖޮލީ އެލްއެލްބީ 2"ގެ ވިޔަފާރި ހިނގަމުންދާ ގޮތަށް ބަލާއިރު އެންމެ ހަ ދުވަހުން 70 ކްރޯޑު (7.1 ބިލިއަން) ވަރު ލިބޭނެ އެވެ.
މި ފިލްމާ ވާދަކުރުމަށް އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައި ވަނީ ރާނާ ދަގުބަތީ އާއި ތާޕްސީ ޕަންނޫގެ "ގާޒި އެޓޭކް" އެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރިޔަސް "ޖޮލީ އެލްއެލްބީ 2" އަށް އެންމެ މަދުވެގެން ވެސް 100 ކްރޯޑު (10 ބިލިއަން ރުޕީސް) ލިބޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
"ޖޮލީ އެލްއެލްބީ 2" އަކީ ފަރުވާކުޑަ ޒާތަކަށް އުޅޭ ގާނޫނީ ވަކީލެއް ކަމަށްވާ ޖަގްދިޝްވަރް މިޝްރާ (ޖޮލީ) އަށް ކޯޓުގައި ވަކާލާތުކުރަން ޖެހޭ ބައެއް މައްސަލަތަކާއި އޭނާއަށް ކުރިމަތިވާ ކޮރަޕްޝަން އާއި ސިޔާސީ މައްސަލަތަކާ އޭނާ ކުރިމަތިލާ ގޮތް ފެނިގެންދާ ފިލްމެކެވެ.