14 ފެބުރުއަރީ 2024 - 12:24

އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް، މެންޗެސްޓާ ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަންނަން ކުރިއަށް ގެންދިޔަ ޑީލަށް، ޕްރިމިއާ ލީގުން ރުހުން ދީފި އެވެ.
ޔުނައިޓެޑް ގަންނަން ރެޓްކްލިފް ކުރި 1.3 ބިިލިއަން ޑޮލަރުގެ ޑީލާ މެދު ޕްރިމިއާ ލީގުން ރުހުނަސް، އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އަދި ރުހުން ދީފައެއް ނުވެ އެވެ.
ކްލަބްގެ މެޖޯރިޓީ ހިއްސާ ގްލޭޒާސް އަތުގައި އޮތެއް ކަމަކު ކްލަބްގެ ފުޓްބޯޅަ އޮޕަރޭޝަންތަކުގެ ފުރިހަމަ ކޮންޓްރޯލް ނަގާނީ ރެޓްކްލިފްގެ އީނޯސް ގުރޫޕުންނެވެ. ފިރިހެން އަދި އަންހެން ފުޓްބޯޅައިގެ އިތުރުން އެކަޑަމީތައް ވެސް ކުރިއަށް ގެންދާނީ އީނޯސްގެ ބެލުމުގެ ދަށުންނެވެ.
"ޕްރިމިއާ ލީގުން މިހާރު އިންތިޒާރު ކުރެވެމުން ދަނީ ފައިސާގެ މުއާމަލާތް ފުރިހަމަ ކުރެވޭނެ ވަގުތަކަށް،" ރަސްމީ ލިޔެކިޔުންތަކުގައި ރެޓްކްލިފް ސޮއި ވެސް ކުރައްވައިފިކަން ހާމަ ކުރައްވައި ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ވެއެވެ.
ރެޓްކްލިފް ވަނީ މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ހިއްސާ ގަންނަން އެއްބަސް ވެފަ އެވެ. އެ ޑީލުގައި، ކްލަބްގެ ސްޓޭޑިއަމް ތަރައްގީ ކުރަން 300 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ޔުނައިޓެޑްގެ މެޗުތަކާއި ފަރިތަކުރުންތައް ބަލައިލާން ރެޓްކްލިފް ގިނަ ޒިޔާރަތްތަކެއް ކޮށްފައި ވާއިރު، އޭނާ މިހާރު އިންތިޒާރު ކުރަމުން ދަނީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންގެ ރުހުމަކަށެވެ.
އެމެރިކާގެ ގްލޭޒާސް، ޔުނައިޓެޑް ގަތީ 2005 ވަނަ އަހަރު 790 މިލިއަން ޕައުންޑްގެ އަގަކަށެވެ. ކްލަބްގެ ހިއްސާ ވިއްކާލަން އެ ވެރިން ނިންމީ 2022 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ..