14 ފެބުރުއަރީ 2024 - 11:17

އެމްއައިބީގެ ރުފިޔާ ކާޑުތަކުގެ ތެރެއިން އެ ބޭންކުގެ އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކޮށްފި އެވެ.

އެ ބެންކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މީގެކުރިން ކަނޑައަޅާފައިވާ ލިމިޓަކީ ކޮންމެ މަހަކަށް 100 ޑޮލަރެވެ. މި ލިމިޓް މިހާރު ވަނީ 250 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އެމްއައިބީއިން ބުނި ގޮތުގައި އެ ބެންކުގެ އެކައުންޓުތަކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް، ބެންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެން އެ ބެންކުގެ "މިބްނައިން" ކްލަބުގެ މެމްބާޝިޕުގެ ދަށުން މި ފަދަ އެކި ލުއިފަސޭހަތަކާއި ފައިދާތައް ލިބޭނެ އެވެ. އޭގެ ތެރޭގައި އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ، "އުޖާލާ ދިރިއުޅުމު"ގެ ޕްރޮފިޓް ރޭޓަށް ނަގާ 15 ޕަސެންޓު 13 ޕަސެންޓަށް ކުޑަވުމާއި، ފައިނޭންސިން ފީއަށް ނަގާ އެއް ޕަސެންޓު 0.5 ޕަސެންޓަށް ކުޑަވުން ހިމެނެ އެވެ. އަދި ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ ދައްކަން ނުޖެހުން ފަދަ ފައިދާތައް ހިމެނެ އެވެ.
އެމްއައިބީން "މިބްނައިން" މެމްބަޝިޕް ކްލަބުގެ މެމްބަރުންނަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު ބޮޑުކުރުމާ ގުޅިގެން އެ ބެންކުގެ އެކައުންޓުތަކަށް މުސާރަ ޖަމާކުރަމުންދާ އެކި އޮފީސްތަކަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނަށް "މިބްނައިން" މެމްބާޝިޕް ކްލަބުގެ މައުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ. އެމްއައިބީގެ ބްރާންޗްތަކާއި ސޭލްސެންޓަރުތަކުގެ ހިމެނޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނުކަން އެ ބެންކުން ފާހަގަކުރެ އެވެ.
އެމްއައިބީއިން "މިބްނައިން" ކްލަބްގެ މެމްބަރުންނަށް ހާއްސަކޮށް އެކި ޕްރޮމޯޝަންތައް ވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި މި މަހުގެ އެއް ވަނަ ދުވަހު ފެށި ސައިކަލެއް ލިބޭ ޕްރޮމޯޝަން ހިމެނެ އެވެ. ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް ހުށަހަޅާފައި ވަނީ ހޮންޑާ އެއާބްލޭޑް ސައިކަލެކެވެ.