އެމެރިކާގައި 150 އަހަރުތެރޭ ފުރަތަމަ ފަހަރަށް ކެބިނެޓް މެންބަރަކު އިމްޕީޗްކޮށްފި
އެމެރިކާގައި 150 އަހަރުތެރޭ ފުރަތަމަ ފަހަރަށް ކެބިނެޓް މެންބަރަކު އިމްޕީޗްކޮށްފި

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން މިދިޔަ 150 އަހަރެއްހާ ދުވަހުގެ ތެރޭގައި ކެބިނެޓްގެ މެންބަރަކު އިމްޕީޗްކުރަން ފުރަތަމަ ފަހަރަށް މިއަދު ފާސްކޮށްފި އެވެ.

އިދިކޮޅު ރިޕަބްލިކަންގެ ހަނި އަޣުލަބިއްޔަތެއް އޮންނަ ހައުސް އިން ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އަލެހަންދްރޯ މަޔޯކާސް އިމްޕީޗްކުރަން ފާސްވީ 214-213 ވޯޓުންނެވެ.

އޭނާ އިމްޕީޗްކުރަން ނިންމީ ގާނޫނާ ހިލާފަށް މެކްސިކޯއިން އެމެރިކާއަށް އެތެރެވޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެ "އިންސާނީ ކާރިސާއެއް" ކުރިމަތިވެފައިވާ ކަމަށް ބުނެ އެވެ. ރިޕަބްލިިކަން އިން ތުހުމަތުކުރާ ގޮތުގައި މަޔޯކާސް ގެންދަވަނީ ގާނޫނާ ހިލާފަށް އެތެރެވާ މީހުންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަން ގާނޫނު ތަންފީޒުކުރުމާ ކަނޑައެޅިގެން ދެކޮޅު ހައްދަވަމުންނެވެ.

ހައުސް އިން އިމްޕީޗްކުރަން ފާސްވި ނަމަވެސް އެ ހިސާބުން މަގާމެއް ނުގެއްލޭނެ އެވެ. މިއީ މަގާމުން ވަކިކުރުމުގެ ފުރަތަމަ މަރުހަލާ އެވެ. ދެން މައްސަލަ ދާނީ ސެނެޓަށެވެ. އިމްޕީޗްކުރަން ނިންމި މައްސަލަ ސާބިތުވޭތޯ ބެލުމަށް "ޝަރީއަތް" ހިންގުމުގެ ބާރު ގާނޫނުއަސާސީން ދީފައިވަނީ ހަމައެކަނި ސެނެޓަށެވެ. އެ ތަނުގައި އޮތީ ސަރުކާރުގެ އަޣުލަބިއްޔަތެވެ.

މިދިޔަ ހަފްތާގައި ވެސް މަޔޯކާސްގެ އިމްޕީޗްމަންޓް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ޖަލްސާއަށް ބައެއް މެންބަރުން ހާޒިރުވެ ނެތުމާ އެކު ރިޕަބްލިކަންގެ މަސައްކަތް އެންމެ ވޯޓަކުން ފެއިލްވީ އެވެ. މިފަހަރު ވޯޓު ކާމިޔާބުވީ ރިޕަބްލިކަންގެ މެޖޯރިޓީ ލީޑަރު ސްޓީވް ސްކަލީޒް ކެންސަރަށް ފަރުވާ ހޯއްދެވުމަށް މަސައްކަތާ ދުރުގައި ހުންނެވުމަށް ފަހު އެނބުރި ވަޑައިގެން ވޯޓު ދެއްވުމުންނެވެ.

"ހަނގުރާމަ އިއުލާނުކުރުމުގެ ބާރަށް ފަހު ހައުސް އަށް ދީފައި އޮންނަ އެންމެ ސީރިއަސް ބާރަކީ އިމްޕީޗްކުރުން. އަޅުގަނޑުމެން މި ވަނީ މި މައްސަލައިގައި އެގޮތުގެ މަތިން އަމަލުކޮށްފައި،" ހައުސްގެ ރައީސް މައިކް ޖޯންސަން ވިދާޅުވި އެވެ.

"ސެނެޓުން ސެކްރެޓަރީއާ މަތިކޮށްފައިވާ ޒިންމާ އަދާ ނުކުރާތީ، ހައުސް އިން މި ވަނީ ޒިންމާ އަދާކޮށްފައި."

އެކަމަކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިއީ ދައުލަތަށް އިހްލާސްތެރިކަމާ އެކު ހިދުމަތްކުރަމުން ދިޔަ ބޭފުޅަކާ ދެކޮޅަށް ސިޔާސީ ކުޅިވަރެއްގެ ގޮތުގައި ކުރި ގާނޫނުއަސާސީއާ ހިލާފް އަމަލެއް ކަމަށް ވިދާޅުވެފަ އެވެ.

"އެމެރިކާ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހަގީގީ ހައްލުތައް ހޯދަމުން ގެންދާނަން. ހައުސްގެ ރިޕަބްލިކަން އިން އަޅުގަނޑުމެންނާ ގުޅިގެން މައްސަލަ ހައްލުކުރަން މަސައްކަތްކުރާނީތޯ ނުވަތަ ބޯޑަރުގެ މައްސަ ސިޔާސީކުރާނީތޯ ނިންމަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެންމެ ފަހުން އެމެރިކާގައި ކެބިނެޓް ސެކްރެޓަރީއަކު އިމްޕީޗްކުރީ 1876 ވަނަ އަހަރު ސެކްރެޓަރީ އޮފް ވޯ ވިލިއަމް ބެލްކްނެޕް އެވެ. އެއީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވި މައްސަލައެއްގައެއް ނޫނެވެ. އެއީ ކޮރަޕްޝަންގެ ބޮޑު މައްސަލައަކާ ހެދި އެވެ.