15 ފެބުރުއަރީ 2017 - 13:38

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ މީހެއްގެ ގޮތުގައި މުޅި ރާއްޖެ އަށް މަޝްހޫރުވި ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ހަތަރު އަހަރަށް ފަހު އެ ކްލަބުގެ ކޯޗުގެ މަގާމާ ހަވާލުވެއްޖެ އެވެ.
ވިކްޓަރީން 2012 ވަނަ އަހަރުގެ ސީޒަނަށް ފަހު އިސްތިއުފާ ދިން ކޯޗު އަލުން ވިކްޓަރީއާ ހަވާލުވިކަން އިއުލާންކުރީ ދާދި ދެންމެ އަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކްލަބުގެ ޗެއާމަން އިބްރާހިމް ނަޒީމެވެ.
މަޝްހޫރު ކުޅުންތެރިންނާ އެކު އާ ސީޒަނަށް ތައްޔާރުވާ ވިކްޓަރީން އެ ޓީމުގެ ކޯޗަކަށް އެންމެ ފުރަތަމަ ހަމަޖެއްސީ މުހައްމަދު ޝާޒްލީ އެވެ. އެކަމަކު ސީޒަން ނުފެށެނީސް ކޯޗު މިވަނީ ބަދަލުކޮށްފަ އެވެ.
ވިކްޓަރީން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު ސުޒޭން 2013 ވަނަ އަހަރު މަސައްކަތްކުރީ އެފްއޭއެމްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމްސްގެ މަގާމުގަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު މާޒިޔާއާ ހަވާލުވެ އަލުން ކޯޗިން އަށް ވަނެވެ. އޭނާ ވަނީ މާޒިޔާ އަށް މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި މާޒިޔާ އަށް ހަމަކޮށްދީފައިވާއިރު ސުޒޭން ވެފައިވަނީ މާޒިޔާގެ 20 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗަށެވެ.
ވިކްޓަރީ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ އަދި ވެލެންސިއާގައި ވެސް ދުވަސްތަކެއް ހޭދަކުރި ސުޒޭން ކޯޗިން ފަށާފައި ވަނީ 2002 ވަނަ އަހަރު ވިކްޓަރީގެ ބެންޗުންނެވެ. އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަދި ހެޑް ކޯޗެއްގެ ގޮތުން ސުޒޭން ވަނީ ވިކްޓަރީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.
ސުޒޭނުގެ މުޅި އާއިލާ ވެސް ވަނީ ވިކްޓަރީއާ ވަރަށް ބޮޑަށް ގުޅިފަ އެވެ. އެގޮތުން އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަހުމަދު ރިޔާޒް (ގާނާ) އާއި ދެ ކޮއްކޮ ކަމަށްވާ މުހައްމަދު ނަޒީހާއި އިބްރާހިމް ޝިނާޒް ވަނީ ވިކްޓަރީ އަށް ކުޅެފަ އެވެ. ވިކްޓަރީގެ ގޯލްކީޕަރު ޓްރޭނަރެއްގެ ގޮތުގައި ގާނާ މިހާރު މަސައްކަތްކުރާއިރު ނަޒީހު ވަނީ އެ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. ޝިނާ އަންނަނީ އެ ކްލަބް ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.