އާލިޔާ
އާލިޔާ

އާދިއްތަ ދުވަހާ ގުޅޭ

"އާލިޔާ އޮފީހުން ކެނޑޭ!" ކިނާން ކުރީ ހުކުމެވެ.

އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތަށްއެރިއެވެ. ހުރިހައި ހަރަދެއްކުރަނީ އަހަރެންކަން ކިނާނަށް ނުވިސްނެނީހެއްޔެވެ؟ އޮފީހުން ކެނޑިފައި، އަތްމަތި ދަތިކޮށްފައި ދެން ކުއްޖަކުހޯދީމައި ކިތައް މައްސަލަ ނުކުންނާހެއްޔެވެ؟ ކިނާނަށް ނުވިސްނޭ ނަމަ ވިސްނައިދޭންހުރީ އަހަރެންނެވެ.

"އޭރުން ތަންކޮޅެއް ދަތިވާނެއްނު!" ބުނެވޭ އެންމެ ލުއިކޮށް އަހަރެން ބުނީމެވެ.

"އާލިޔާ އެ ކަމާ ނުވިސްނާ! އެއީ އަހަރެންގެ ކަމެއްނު!" ވަރަށް ހަމަޖެހިލާފައި ކިނާން ބުންޏެވެ.

ކިނާނަށް އެހެން ބުނަންކެރުނީތީ އަހަރެން ލަދުގަތެވެ. ހިތަށްއެރިއެވެ. އޭނަ އެ ކަހަލަ އެއްޗެހި ބުނަނީ ނުވިސްނޭތީއެއް ނޫނެވެ. ވިސްނޭލެއް ބޮޑުކަމުންނެވެ. އަހަރެން ދަސްކުރަން އޭނަ މޮޅީއެވެ. ދެން ބުނަން އޮތް އެތި ބުނަން އަހަންނަށް ނުކެރޭނެކަން ކިނާނަށް އެނގެއެވެ. އެއީ ތެދެކެވެ. ފަސްޖެހުނީ އަހަންނެވެ. އެ ލަދުވެތިކަމުގެ ނާޖާއިޒު ފައިދާ ކިނާން ނެގިއެވެ. ހަމަ އެހެންމެ ކިނާން ކައިރިން އަހަންނަށް ވެސް އުކުޅުތައް ދަސްވަމުންދިޔައެވެ. އަހަރެން އޮފީހަކުން ނުކެނޑެމެވެ. އެ ވާހަކަ ނުވެސް ދައްކަމެވެ. އެކަމަކު ދެން ފެށުނު ހަނގުރާމައާއި، އަހަންނަށް ކުރިމަތިވި ގޮންޖެހުން ވަކި ކުޑައެއް ނުވިއެވެ.

މީހަކު ހުއްސަރިބަޔަށްހުންނަ އިރު އޭނަގެ ހުންގާނުގައި ހުންނާނީ އޭނަގެ އަމިއްލަ ނަފުސު އެކަންޏެވެ. ބޭނުން ކޮންމެ ގޮތަކަށް ހުންގާނު އަނބުރަންވީއެވެ. ކައިވެނިކުރުމުން ހުންގާނުގެ އެއްބައި އަމިއްލަ އިހުތިޔާރުން ގެއްލެއެވެ. ދެމީހުން ދެކޮޅަށް މިސްރާބު ބަދަލުކުރަން ބޭނުންވާ ދަނޑިވަޅު އާދެއެވެ. ދަރިޔަކު ހޯދުމަކީ އެ ފަދަ ދަނޑިވަޅެކެވެ. އަހަރެން ނިންމައިގެންހުރީ، ޒިންމާނަގަން ކިނާނަށް ދަސްވަންދެން ކުއްޖަކު ނުހޯދާށެވެ. ކިނާން ކުއްޖަކު ބޭނުމެވެ. އެއީ، ދެގަލަށް އަރައި ތިބެ ކުރަން އުނދަގޫ ހަނގުރާމައެކެވެ. އަހަރެން އެ ކަހަލަ ވާހަކަތައް ކިޔައިދެނީ އެންމެ ރައްޓެއްސަކަށެވެ. މުޝީރާޔަށެވެ. އޭނަޔަށް ދިރިއުޅުމެއް ފެށުނީ ހަތަރުވަނަ މީހާޔާ އިން ފަހުންނެވެ. އަހަރެންގެ ނަޒަރުގައި މުޝީރާގެ ތަޖުރިބާ ހުންނާނެއެވެ. އާންމުކޮށް އަހަރުމެން ދާ ކެފޭގައި ތިބެގެން ލައްކަ އިރު މަޝްވަރާކުރީމެވެ.

"އަހަރެން އެންމެ އަޖައިބުވަނީ ކިނާނަށް މި ޕޮއިންޓް ނުވިސްނޭތީ،" އަހަރެން ބުނީމެވެ. "އަހަރެން އޮފީހުން ކެނޑުނީމަ ކާކުހޭ ސްޕެންޑްކުރާނީ؟ އަހަންނަށް އެނގޭ މުޝީރާ އުޅޭ ހާލު. ބޭބީގެ ނެޕީއަށް އެކަނި ވެސް މަހަކު ކިހާ ވަރެއް ދޭ؟"

"ކިނާން އެ އުޅެނީ ބިރުން." ވަރަށް ވިސްނައިފައި މުޝީރާ ބުންޏެވެ.

"ބިރުންނޭ؟" ހައިރާންވެފައި އަހަރެން އެހީމެވެ. "ކޮން ކަމަކާ؟"

"އާލިޔާ ވަރިވެގެން ގޮއްސާނެތީ،" މުޝީރާ ބުންޏެވެ. "އާލިޔާއަށް އެއްޗެއް ބުނަން ނުކެރޭތީ އޭގެ އެޑްވާންޓޭޖް ނަގައިގެން ކިހާ ލާރިއެއް ސްޕެންޑްކުރުވާކަން އޭނައަށް ދޯ އެންމެ ރަނގަޅަށް އެނގޭނީ. ތީ އޭނަގެ ކޭޝްކާޑް. ތި ކާޑުގަނޑު ގެއްލިދާނެތީ ކާޑުގަ ޗޭނުޖަހަން އެ އުޅެނީ. ކިޑެއް ހޯދީމަ ވަރިވިޔަސް ވަތްކެއް ނުވެވޭނެ. ދެން އޮތީ ކުރިން ވެސް ބުނި އެތި. އޭނަ ހަމަ އާލިޔާ ޔޫސް އެ ކުރަނީ."

"އެންމެ ކުރިން ޖެހުނީ އަނިޔާކުރާ މީހަކާ. ދެން ދޮގުހަދާ މީހަކާ،" އަހަރެން ބުނީމެވެ. "މިހާރު ޔޫސްކުރާ މީހަކާ. ކޮންމެ މީހެއްގެ ވެސް ކޮންމެވެސް ކަމެއް ހުންނާނެއްނު! އަހަރެން ވަރަށް ބިރުގަނޭ ޑްރަގްނަގާ، އަނިޔާކުރާ މީހަކާ ޖެހިދާނެތީ."

އަހަރެން ބުނި އެއްޗަކަށް ވިސްނަމުން، ލަސްލަހުން މުޝީރާ ބޯޖަހައިލިއެވެ.

"އުމުރުދުވަހު އެއްކުރި ލާރިކޮޅު ފިރިމީހާ ކަޓުވާލުން އެއީ ވެސް ކުޑަ އަނިޔާއެއް ނޫން އިނގޭ!" މުޝީރާ ބުންޏެވެ.

އެއީ ވެސް ތެދެކެވެ. މުޅި އެޕާޓުމަންޓުގައި އޮތީ އަހަރެން ގަތް އެއްޗިއްސެވެ. ވަރިވެގެން ނުކުންނަ އިރު އެ ސާމާނުތައް ގެންގޮސް ވައްދާނެ ތަނެއް ވެސް ނެތެވެ. ދައްތަ ގޭގައި އަހަރެން އުޅުނީ ވަރަށް ކުޑަ ކޮޓަރިއެއްގައެވެ. ޖެހޭނީ ތަނެއް ކުއްޔަށްހިފާށެވެ. އެ ކަމާ ވިސްނަނިކޮށް ދައްތަ ވަރަށް ބޮޑަށް ބަލިވިއެވެ. ޑަކުޓަރަށް ދައްކަން އިންޑިޔާއަށް ދާންޖެހުނެވެ. ޅިޔަނަކަށް ދެވޭކަށް ނެތެވެ. އޭރު ފަށައިގެން އުޅުނު މަސައްކަތުން އޭނަޔަކަށް ޗުއްޓީއެއް ނުލިބުނެވެ. އަހަރެން ދާން އެއްބަސްވީމެވެ. ހަމަ އެއްބަސްވާ އިރަށް އަހަރެންގެ ފަހަތުން ކިނާން ވެސް ދާން ބޭނުންވިއެވެ. އެ ޓިކެޓު ވެސް ނަގަންހުރީ އަހަންނެވެ. އެ ކަން ވެސް ކުރީމެވެ. އިންޑިޔާއަށް ފުރީމެވެ.

އަހަރެން ދިޔައީ އަހަރެންގެ ކަމެއްގައެއް ނޫނެވެ. ބާޒާރުކުރާކަށް ވެސް ނޫނެވެ. ފައިސާކޮޅެއް ހުއްޓެވެ. އެއަށް ޑޮލަރު ގަތީމެވެ. ބޮޑުކަމެއް ޖެހިދާނެކަމަށެވެ. ބޮޑުކަމަކަށްވީ ދައްތަގެ ބައްޔެއް ނޫނެވެ. ކިނާން ކާން ބޭނުންވާ މީރު އެއްޗިއްސެވެ. ކިނާންގެ ފެންސިރުކަމެވެ. ހައްތާ ވެސް އޭނަ ބޭނުން އެއްޗިއްސެވެ. އޭނަގެ އާއިލާގެ މީހުންނަށް ގަނެދޭން ބޭނުންވާ ހަދިޔާއެވެ. މާލެ ގޮސް ބޮޑު އަގުގައި ވިއްކާލަން ގަތް އެއްޗިއްސެވެ. ކިނާން އަތަކު ފައިސާއެއް ނެތެވެ. ފިހާރައަށް ވަދެފައި އެއްޗެހި ނަގައިގެން އައިސް ކައުންޓަރަށް ދެނީއެވެ. އަހަރެން ނުފެންނަކަމަށް ހެދިގެން ހުއްޓަސް ގޮވައިފައި އަހަރެން ބޮލުގައަޅުވައެވެ. މައްސަލައަކީ ހަމަ އަހަންނެވެ. އެ ކަން ހުއްޓުވާކަށް ނުކެރެއެވެ. ކުޑަމިނުން، ހިތްހަމަނުޖެހޭ ވާހަކަ ބުނާކަށް ވެސް ނުކެރެއެވެ. ގަދަކަމުން ހިނިތުންވެލާފައި ލާރި ދެނީއެވެ. ކުރަންދިޔަ ކަންތައް ނިންމައިފައި މާލެދާން ފޮށިފޮށްޓަށް އެއްޗެހި އަޅައި ނިމުނު އިރު ހައިރާންވީ ވެސް ކިނާނެވެ.

"ހާދަހާ ބައިވަރު ސާމާނެއް؟" ކިނާން ބުނެލިއެވެ. "ޔަގީން އެކްސެސްވާނެ. ޑޮލަރުކޮޅު އެއްކޮށް ހުސްކޮށްނުލައްޗޭ! ބޭބެ ފުރަންއުޅޭތީ ޑޮލަރުކޮޅެއްގެ ވާހަކަ ބުނެފަ އޮތީ. މަ ބުނިން އެބަ ހުއްޓޭ، ބެންކު ރޭޓުން ދީފާނަމޭ!"

އަހަރެން ޑޮލަރު ގަތީ ބޭންކު ރޭޓަކުން ނޫނެވެ. އެ ވަރު ވެސް އަހައިނުލައެވެ. އެއާޕޯޓަށް ވަދެފައި ޑިއުޓީފްރީއިން ކިނާން ޗޮކުލެޓު ގަންނަން ޖެހިއްޖެއެވެ. ރައްޓެހިންނަށް ޓީޝާޓާއި، ޝޭންޕޫއާއި، ލޯޝަނާއި، ބޮޑީސްޕްރޭ ވެސް ގަންނަން ޖެހިއްޖެއެވެ. ޑޮލަރު ބަހައްޓަންޖެހެއެވެ. ބަރުވެއްޖެ ނަމަ އެއަށް ދައްކާނެ ފައިސާ ވެސް ހުންނަން ޖެހެއެވެ. ދަތްބާރުވެގެން ގޮސް ދަތްކޮޅު ފައިބާނެ ނަމަ އެ ފަހަރު ފޭބީހެވެ. ކައިރީގައި ދައްތަ ހުއްޓެވެ. ކިނާން އޭގެ ނާޖާއިޒު ފައިދާ ނެގީއެވެ.

މާލެއައި އިރު އަހަރެން އަތުގައި ބާކީ އޮތީ ސަތޭކަ ފަންސާސް ތިން ޑޮލަރެވެ. އެ ވާހަކަ ނުވެސް ދައްކައި ހުއްޓައި، އަހަރެންގެ ދަބަސް ހުޅުވައިގެން ކިނާން އެ ފައިސާކޮޅު ނެގިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ މަންޒަރު ބަލަން ވެސް އުނދަގޫވިއެވެ. ހަމަ ކެތްކޮށްލީއެވެ. އެއްވެސް ކަމަކަށް ނަހަދަމެވެ.

ބޭބެއަށް ޑޮލަރު ދިނީ އަހަރެންގެ ލޯކުރިމަތީގައެވެ. ބޭބެ ދިން ދިވެހި ފައިސާ ވަނީ ކިނާންގެ ޖީބަށެވެ. ހަމަ ނުވެސް ދެނަހުރިކަމަށް ހެދިލާފައި ޖީބަށްލީއެވެ. އަޅައެއްނުލަމެވެ. މާލެއައިސް ވިއްކަން ބުނި ސާމާނު، ފަހަރަކު އެއްޗެއް ވިކެމުން ގޮސް ހުސްވީ އަހަރެންގެ ކުރިމަތީގައެވެ. ބައެއް އެއްޗެހި ގަނެފައި މީހުން ދިނީ ޑޮލަރެވެ. ވޮލަޓަށް ފައިސާކޮޅު ލާފައި، ވޮލަޓު ޖީބަށްލައިފައި، އަހަރެންނަށް ދެނީ، ދަތްކޮޅު ފެންނަ ހިނިތުންވުމެކެވެ.

"ހުރިހާ އެއްޗެހި ހުސްވީ ދޯ؟" އަހަރެންނަށް ބުނަން ކެރުނީ އެހެންނެވެ.

"އާނ!" ވަރަށް އުފާވެފައި ކިނާން ބުންޏެވެ. "އަހަރުމެން ހާދަ ލަކީއޭ! ބައެއް އެއްޗެހިން ތިން ގުނަ ފައިދާވި. އަހަރެން ބުނީމެއްނު ވިއްކައިލެވޭނޭ!"

އާނއެކެވެ. އެކަމަކު އެ ފައިދާ ކޮބައިހެއްޔެވެ؟ ވިއްކައިފައި އެ ފައިސާ އަހަންނަށް ދޭނަމޭ ވެސް ކިނާން ބުންޏެވެ. ފައިސާތަކަށް ވީ ކިހިނެއްހެއްޔެވެ؟

"ލާރިތައް ގޭގަ ބަހައްޓާކަށް ނުވާނެ ދޯ؟" އެއީ ލާރިކޮޅު ދޭންވީނޫންހޭ ބުނަން އަހަންނަށް ކެރުނު ގޮތެވެ.

"އާނ!" ކިނާން އެއްބަސްވިއެވެ. "އަހަރެން މީ މޮޔައެއް ނޫނޭ!"

މޮޔައަކީ އަހަންނެވެ. އެއީ އަހަރެންގެ ލާރި ނޫންހޭ ބުނަން ނުކެރުނީތީއެވެ. އެއީ އަހަރެންގެ މައްސަލައެކެވެ. ކިނާނާ އިނުމުގެ ކުރިން އަހަރެންގެ އެކައުންޓުގައި ލައްކައަކަށް ވުރެ ގިނަ ފައިސާ ހުއްޓެވެ. ހުރިހައި ފައިސާއެއް ހުސްވީއެވެ. އަހަރެން ހިތަށްއެރިއެވެ. ދެނެއް އަހަންނަކަށް ހަރަދެއް ނުވެސް ކުރެވޭނެއެވެ. ކިތަންމެ ބޭނުންވިޔަސްވެހެވެ. ކިނާނާ އިނދެގެން އުޅުމުގެ ބޭނުމެއް ވެސް ދެނެއް ނެތެވެ. އަހަންނަށް މި ހޯދުނީ އެއް ބޭނުން ފުދޭ ފިރިއެކެވެ. ކިނާން މި ހޯދީ އޭޓީއެމް ކާޑެކެވެ. މި ގޮތަކަށް ކައިވެންޏެއް ދެމިއެއް ނޯންނާނެއެވެ. މީހަކު ކޮންމެ އެއްޗެއް ކިޔަސް، ފޮށްޓަށް އެއްޗެހި އަޅައިގެން އަހަރެން ނުކުންނަންވީ ވަގުތުޖެހުނީއެވެ. ގެންދެވުނު އެއްޗެއް ގެންދާނީއެވެ. ނުގެންދެވުނު އެއްޗެއް ދޫކޮށްލާނީއެވެ. ނުވަތަ އުކައިލާނީއެވެ. އަހަރެންގެ ނަމަކީ އާލިޔާއެވެ. ކައްސައިލައިފިއްޔާ އަހަރެން ވެސް ވެއްޓޭނެއެވެ. އެކަމަކު ވެއްޓޭ އިރަށް ތެދުވާނަމޭ ހިތަށްއެރިއެވެ.

އަހަރެން ވަރިވާން ނިންމީމެވެ. މަންމައާއި ދައްތަގެ ސުވާލުތަކާ ވެސް ކުރިމަތިލާން ޖެހޭނެއެވެ. އެމީހުން އަހާނެއެވެ. ރަނގަޅުކަމުން އެ ވަރެއް ނެތްކަމަށް މިސާލުޖެހި ފިރިމީހާ ކައިރިން ވަރިވަނީ ކީއްވެގެންހެއްޔެވެ؟ އެ ކަމާ ފިކުރުކޮށް، އެ ވާހަކަ ނުބުނެވިގެން އުޅެނިކޮށް އަހަރެން ހުންއައެވެ. ވަރަށް ބޮޑަށް ބަލިވިއެވެ. ގައިގައި ނުރިއްސާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އެނދުމައްޗަށް އަހަރެން ދެމުނީއެވެ. ކިނާންގެ އޯގާތެރިކަން ފެނުނީ އެ ހިސާބުންނެވެ.

ކުރަންހުރި ހުރިހައި މަސައްކަތެއް ހުއްޓައިފައި ކިނާން ގޭގައި މަޑުކުރިއެވެ. ގަންނަންވާ ހުރިހައި އެއްޗެއް ގަނެ، އަހަރެން ޑަކުޓަރަށް ދައްކައި، ބޭސްނަގައި ހުރިހައި ކަމެއް ކުރީ ކިނާންގެ ފައިސާގައެވެ. އަހަރެންގެ ހުން މަޑުނުވެގެން، ނިތްކުރީގައި ތެތްރުމާ އަޅައި، ބޭސްދޭން ކިނާން ހޭލާއިނެވެ. އެއީ އޭނަގެ ފުރަތަމަ ޓެސްޓެވެ. ވަރުބަލިކަމެއް، ފޫހިކަމެއް އޭނަގެ މޫނުމައްޗަކުން ނުފެނެއެވެ. ފާހާނަޔަށް އަހަރެން ގެންދަނީ އުރާލައިގެންނެވެ. އަހަރެން ބޭރަށްހިންގިއެވެ. ގަޔަކު ވަރެއް ނުހުރެއެވެ. އަހަރެން ސާފުކޮށް، ހުރިހައި ކަމެއް ކުރީ ކިނާންގެ ދެއަތުންނެވެ. އޭރު ގޭގައި ކެއްކޭނެ ގޮތް ހަމަޖެހިފައި ހުއްޓެވެ. ކިތަންމެ އެއްޗެއް ކިނާން އަމިއްލައަށް ކައްކައިގެން އަހަރެންނަށް ގެނެސްދިނެވެ. ބަތްޕެނެވެ. ސޫޕެވެ. އަހަރެންގެ އަނގަޔަށް ލަވައިދެނީ ވެސް ކިނާންގެ ދެއަތުންނެވެ. އަހަރެންގެ މުޅި ވިސްނުން އަނެއް އަތަށް އަނބުރައިލިއެވެ. ހިތަށްއެރިއެވެ. އެ ވަރުގެ ހެޔޮ ފިރިއެއް ދޫކޮށްލަން ހެޔޮވާނެހެއްޔެވެ؟

ބަލިގަނޑު ރަނގަޅުވެގެން އަހަރެން ހިންދަމައިލީމެވެ. ދުވަހަކީ ވިއްސާރަ ދުވަހެކެވެ. އޮފީހަށް ދާން ތައްޔާރުވަނިކޮށް، އުޑު ބޯމައްޗަށް ވެއްޓުނު ކަހަލައެވެ.

ނުނިމޭ