ފްލެޓެއް ލިބިފައިވާ ކަމަށް އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 500،000ރ. ނަގައިފި
ފްލެޓެއް ލިބިފައިވާ ކަމަށް އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 500،000ރ. ނަގައިފި

ފްލެޓެއް ދޭނެ ކަމަށް ބުނެ މީހަކަށް ގުޅައި މަކަރާއި އޮޅުވާލުމުގެ ތެރެއިން އޭނާގެ އޯޓީޕީ ހޯދައި އެކައުންޓުން 500،000ރ. ނަގައިފި އެވެ.

ފުލުހުން ބުނީ އޯޓީޕީ ހޯދައި މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އޯޓީޕީ ހޯދައި އެކައުންޓުން ފައިސާ ފޭރިގަތީ އެއްފަހަރާ އެވެ.

މިއަދު ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައި ވަނީ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. އަދި އެފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ނުވެ ފައިސާއަށް ރައްކާތެރިވާން ވެސް އެދިފައިވެ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލަމުންދާއިރު، މިދިޔަ ބުރާސްފަތިދުވަހު ވެސް މިފަދަ މައްސަލައެއް ފެންމަތިވި އެވެ.

ފްލެޓެއްގެ ދަޅަ ދައްކައިގެން އޭނާގެ އަތުން އަތުލީ 200،000ރ. އެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިފަދަ އޮޅުވާލުންތަކާ ގުޅޭ ގޮތުން ފުލުހުން އެންމެ ފަހުން އާންމު ކުރި މައުލޫމާތުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރިކަވާކުރެވުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެކި ކަހަލަ ސްކޭމްތަކުގެ މައްސަލާގައި މީހުންގެ އަތުން 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވެ އެވެ. އެއީ 28،000 މައްސަލާގައި ހިމެނޭ ފައިސާ އެވެ.

ސްކޭމްތަކަށް ސަމާލުވުމަށް އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރިޔަސް މިފަދަ ކަންކަމުގައި ގެއްލޭ ފައިސާ މަދެއް ނުވެ އެވެ.