އިގްތިސާދީ މަސައްކަތްތަކުގެ ބިންގާ އެޅިއްޖެ، ދެން އޮތީ އެކަން ފެށުން: ސައީދު
އިގްތިސާދީ މަސައްކަތްތަކުގެ ބިންގާ އެޅިއްޖެ، ދެން އޮތީ އެކަން ފެށުން: ސައީދު

އިގްތިސާދު ނަގަހައްޓަން ބޭނުންވާ ވަަރަށް ގިނަ ކަންތައްތަކުގެ "ގްރައުންޑް ވޯކް ނިމިއްޖެ" ކަމަށާއި ދެން އޮތީ އޭގެ އަމަލީ މަސައްކަތްތައް ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި މިއަދު ރާއްޖެ އިން ބާއްވާ އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ ރައީސް ކަމާ ޑރ. މުހަންމަދު މުއިއްޒު ހަވާލުވެ ވަޑައިގަތްއިރު ރާއްޖޭގެ އިގްތިސާދާއި ފައިނޭންޝަލް ހާލަތު އޮތީ ވަރަށް ކްރިޓިކަލްކޮށް ކަމަށެވެ.

"[އެކަމަކު] އަޅުގަނޑުމެންނަށް 100 ޕަސެންޓް ފުލީ ޔަގީންކަން އެބައޮތް އެއްވެސް ބައެއްގެ އުނގަށް ނުވެއްޓި ސަލާމަތްވާނެ ކަން. އެކަން އަޅުގަނޑުމެން މި ކުރަނީ. މިކަމުގައި އެންމެންގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުންވޭ. އިގްތިސާދެއް ވެސް އޮންނާނީ ގައުމެއް އޮވެގެން. ސިޔާސީ ޕާޓީތައް ވެސް އޮންނާނީ ގައުމެއް އޮވެގެން،" ސައީދު ވިދާޅުވި އެވެ.

މި ސަރުކާރުން އެންމެ ބޮޑު މަޝްރޫއެެއްގެ ގޮތުގައި އިއުލާންކޮށްފައިވާ އެސްއީޒެޑްގެ މަސައްކަތްތައް ވެސް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ފެށޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ފްރީ ޒޯން އޭރިއާއެއް ހަދައި އެކަމަށް ކުންފުންޏެއް ވެސް މިހާރު އެ އޮތީ. އެ ކުންފުންޏަށް އިހަވަންދިއްޕޮޅުން ބޮޑު ދެ ފަޅެއް އެ އޮތީ ދީފައި. ދެތިން މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އަޅުގަނޑުމެން މި ދަނީ ތައްޔާރުވަމުން. އެއީ މޯލްޑިވްސް އިކޮމޮމިކް ގޭޓްވޭގެ ނަމުގައި. އެއީ ބަންކަރިން އާއި އެ ހިސާބުތަކުން، އެއިޓް ޑިގްރީ ޗެނަލް އިން ދާ ބޯޓުފަހަރަށް ބަންކާ ކުރުމާއި ހިދުމަތްތައް ދިނުމާއި މުދާ ގެނެސް ބަހައްޓާ ގުދަން ކުރާ ޖާގަ ދިނުމަށް ބޭނުންވާ ތަންތަން ހެދުން. އެކަން އެންމެ ކުޑަ ގޮތަކަށް ވިޔަސް އަޅުގަނޑުމެން މި ބަލަނީ ފެށޭތޯ،" ސައީދު ވިދާޅުވި އެވެ.

މިއީ ދުބާއީން މީގެ ކުރިން ކޮށްފައިވާ ތަޖުރިބާއެއް ކަމަށާއި އެހެންވެ މި މަޝްރޫއުގައި ދުބާއީގެ ތަޖުރިބާ ވެސް ވަރަށް މުހިންމު ކަމަށް ސައީދު ވިދާޅުވި އެވެ.

"އެބޭފުޅުން މީތި އިންވެންޓް ކުރައްވައިފި މާ ކުރިން. އެހެންވެ އެބޭފުޅުން އަމާޒު ހިފައިފައި ކާމިޔާބު ނުވި ސަަބަބުތަކާ އެއްޗެހި އެ ހުރީ އެކްސްޕީރިއަންސް ކޮށްފައި. އެކަންކަން ޕޮޒިޓިވްކޮށް ބޭނުން ކުރަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެ ބޭފުޅުން ވެސް އެ ތަޖުރިބާ ހިއްސާ ކުރަން ތައްޔާރު،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށާއި އެކަމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަންކަން ވެސް ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަމަށް އެދެވޭނީ ބޮޑެތި ފަންޑުތަކަށް. މިކަން ކުރުމަށް އެ ބޭފުޅުންނަށް ދެކަމެއް މެޓާ ވާނެ. އެއް ކަމަކީ ގުޑް ގަވަނަންސް. އަނެއް ކަމަކީޫ ފައިނޭންޝަލް ޓްރާންސްޕޭރެންސީ. އޭގެ ފަހުން މި އަންނަނީ ރޭޓިން. ރޭޓިން އެއީ އެންމެ ކޮލިފައިޑް ރޭޓިން އަށް ނުވިޔަސް ބޭންކުތަކުގެ ފުލް ކޮމިޓްމަންޓް ލިބުމަކީ ފެހި ސިގްނަލްއެއް."