13 ފެބުރުއަރީ 2024 - 10:11

އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު އިއުލާންކުރި ގައުމީ މަޝްރޫއުގެ ފުރަތަމަ ބުރުގައި އިމާމުންނާއި ހަތީބުންގެ 20 މީހަކު މައްކާއަށް ފޮނުވަން ނިންމައިފި އެވެ.

ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ފޮނުވައިގެން އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު އޭގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާއި އެ ނޫން ވެސް އިސްލާމީ ބޮޑެތި ޔުނިވަސިޓީތަކަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމުގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވުމަށް 20 މީހުން އަންނަ ހުކުރު ދުވަހު ފުރާނެ ކަމަށެވެ. ދެވަނަ ޕްރޮގްރާމުގައި ބައިވެރިވުމަށް ބައެއް އިމާމުން އަންނަ އެޕްރީލް މަހު ފުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްތަކުގައި ބައިވެރިވާން މި އަހަރުގެ ތެރޭގައި މިސްރާއި މެލޭޝިއާ އާއި ބުރޫނާއީގެ އިތުރުން އިންޑޮނީޝިއާ ވެސް ފުރާނެ ކަމަށެވެ.
މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި، ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި ހުރިހާ އިމާމުންނާއި ހަތީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއުގައި ގއ. ގެމަނަފުށީގައި ވެސް އިއްޔެ ވަނީ ތަމްރީން ޕްރޮގްރާމެއް ފަށައިފަ އެވެ. އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެ އެވެ.
މި އަހަރު ނިމޭއިރުގައި ރާއްޖޭގައި މިހާރު ތިބި ހުރިހާ އިމާމުން ވެސް އެ ޕްރޮގްރާމް ނިންމާފައި ތިބި ބައެއްގެ ގޮތުގައި ހެދުމަކީ މިނިސްޓްރީގެ އަމާޒެކެވެ.
އޭގެ އިތުރުން ޑިގްރީ ހަދާފައި ތިބި އިމާމުންނަށް މާސްޓާސް ހަދަން ސްކޮލަޝިޕްގެ ފުރުސަތު އަދި މަސްޓާސް ނިންމަވާފައި ވާނަމަ ޕީއެޗްޑީއަށް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދެއްވައި އިމާމުންގެ މުސާރައަށް ވެސް ރަނގަޅު ބަދަލެއް ގެންނަން މަސައްކަތްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.