13 ފެބުރުއަރީ 2024 - 10:27

އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތު ނުކުރި މައްސަލާގައި، އައްޑޫގެ މޭޔަރު އަދި އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެ، މިހާރުގެ ސަރުކާރަށް އިއްޔެ ތައުރީފު ކުރައްވައިފި އެވެ.

އައްޑޫގެ ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް 10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި ސަރުކާރުން ވަނީ ފަށައިފަ އެވެ. އެއީ ރާއްޖޭގައި 2014 ގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕަށް ފަހު، އައްޑޫ ސްޓޭޑިއަމް މަރާމާތު ކުރާ ފުރަތަމަ ފަހަރެވެ.

އެ ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ރަސްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ނިޒާރު ވިދާޅުވީ އެ ސްޓޭޑިއަމް މަރާމާތުކޮށް ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާދޭސް ކުރުމުން ވެސް އެކަން ނުކޮށްދިން ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ 10 އަހަރު ތެރޭގައި ސްޓޭޑިއަމް މަރާމާތު ކުރަން ދަވާދުކޮޅެއްގެ ވަރު ވެސް ހާކާލާފައި ނެތް ކަމަށެވެ.
"ގާތްގަނޑަކަށް 10 އަހަރު ވަންދެން އެއްވެސް މަރާމާތެއް ނުކޮށް (ހަމަ) އެއްވެސް މަރާމާތެއް ނުކޮށް ދަވާދުކޮޅެއް މިންވަރު ވެސް ހާކާ ނުލައި އޮތް ތަނެއް،" މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ނިޒާރު ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން، މި ސްޓޭޑިއަމްއަކީ އައްޑު އަށް ލިބިފައިވާ އަގުބޮޑު މުދަލަކަށް ވާއިރު ވީރާނާ ވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް. އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރުގެ ދައުރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަ ކުރަން."
އެކަމަކު، ނިޒާރު ވިދާޅުވި ގޮތުގައި، މި ފަހަރުގެ އެތުލެޓިކްސް މުބާރާތަށް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ސްޓޭޑިއަމް މަރާމާތު ކޮށްދީފަ އެވެ. އެހެންވެ، ރައީސް މުއިއްޒާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް މޭޔަރު ނިޒާރު ޝުކުރު އަދާކުރެއްވި އެވެ.
"މި މުބާރާތް ބޭއްވުމަށް އަޅުގަނޑުމެން ތައްޔާރުވަމުން ދިޔައިރު [މިހާރުގެ] ސަރުކާރުން ވަރަށް އަވަސް މަސައްކަތެއްގެ ގޮތުގައި މި މަސައްކަތް ބަޔަކާ ހަވާލުކުރެވި، މި ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވާކަން އަޅުގަނޑު ފާހަގަ ކުރަން،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ސްޓޭޑިއަމްގެ ވިނަގަނޑު ވަށައިގެން، ދުވުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ސިންތެޓިކް ޓްރެކެއް އަޅައި ދިނުމަށް، ކުރީގެ ދެ ސަރުކާރުގައި ވެސް އައްޑޫގެ ކައުންސިލުން އެދުނެވެ. އަދި އެކަން ކޮށްދިނުމަށް މި ސަރުކާރުގެ ކިބައިން ވެސް އޭނާ އެދިވަޑައިގަތެވެ.
"އަޅުގަނޑު އެދެނީ ސަރުކާރުން ވީހާ އަވަހަކަށް މި ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކެއް އަޅުއްވައި މި އައްޑޫ ސިޓީ އާއި މި ދެކުނަށް ނިސްބަތްވާ އެތުލީޓުންނަށް ވީހާ ވެސް ފުރިހަމަކޮށް މިކަން ކުރުމަށް ފުރުސަތު ދިނުމަށް. އެކަން އަޅުގަނޑުމެން މި އެދޭ ގޮތަށް މި ދަނޑުގައި ސިންތެޓިކް ޓްރެކެއް އެޅުއްވުން،" މިހާރުގެ ސަރުކާރުގައި ނިޒާރު އެދިވަޑައިގަތެވެ.