13 ފެބުރުއަރީ 2024 - 06:02

ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި މީހުންގެ ތެރެއިން ދެ މީހަކު އިޒްރޭލުގެ ވަރުގަދަ ހަމަލާތަކެއްގައި ޣައްޒާގެ އިމާރާތެއްގެ ތެރެއިން ސަލާމަތްކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ 60 އަހަރުގެ މީހަކާއި 70 އަހަރުގެ މީހަކު ސަލާމަތްކުރީ އިޒްރޭލުން މިހާރު އެއްގަމު މަގުން އަރަން ތައްޔާރުވަމުންދާ ރަފަހްގެ އިމާރާތަކުންނެވެ. އިޒްރޭލުން ބުނީ މި ދެ މީހުން ސަލާމަތްކުރި އިރު ހާލު ރަނގަޅު ކަމަށެވެ.
ރަހީނުން ސަލާމަތްކުރަން އުޅުނު ވަގުތު އިޒްރޭލުން ރަފަހްގެ އެކި ތަންތަނަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދިޔަ އެވެ. ހަމާސް އިން ބުނީ މި ހަމަލާތަކުގައި ސަތޭކައެއްހާ މީހުން ޝަހީދުވި ކަމަށެވެ.
ރަހީނުންގެ ތެރެއިން ދެ މީހަކު މިނިވަންކުރެވުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ދެން ތިބި ރަހީނުން މިނިވަން ކުރެވޭނީ ވެސް ހުއްޓާނުލައި އަސްކަރީ ބާރުގެ ބޭނުންކޮށް ފުރިހަމަ ކާމިޔާބީއަކާ ހިސާބަށް ގެންގޮސް ކަމަށް ބުންޏެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ރަހީނުކޮށްފައި ތިބި މީހުން ތިބީ ގެއެއްގެ ދެ ވަނަ ބުރީގައި ކަމަށާއި އެތަނަށް ވަނީ ގޮވާތަކެތި ބޭނުންކޮށްގެން ދޮރު ވައްޓާލައިގެން ކަމަށެވެ.
"އެތަަނަށް ސިފައިން ވަނުމާ އެކު އިމާރާތުގެ ތެރެއިންނާއި ވަށައިގެން ހުރި އިމާރާތްތަކުން ހަމަލާދޭން ފެށި. އެހެންވެ ހަމަލާ ދެމުން ދިޔަ މީހުން ތިބި ތަންތަނަށް ވައިގެ މަގުން ހަމަލާދީ، ރަހީނުން ގޮވައިގެން ނުކުމެގެން ދާން ފުރުސަތު ހޯދި،" ތަރުޖަމާނަކު ބުންޏެވެ.
މި ކުރިމަތިލުމުގައި ހަމާސްގެ އެތައް ބަޔަކު މަރުވި ކަމަށް ވެސް ބުންޏެެވެ.
އޮކްޓޫބަރު 7 ގައި ހަމާސްއިން އިޒްރޭލުގެ 1،140 މީހުން މަރާލި ހަމަލާތަކުގެ ތެރެއިން 250 މީހަކު ރަހީނުކޮށްގެން ގެންދިޔަ އެވެ. މީގެ ތެރެއިން ބައެއް މީހުން މީގެ ކުރިން ވަނީ އިޒްރޭލާ އެކު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން މިނިވަންކޮށްފަ އެވެ. އެކަމަކު އަދިވެސް އޭގެ ތެރެއިން 130 މީހަކު ޣައްޒާގެ އެކި ހިސާބުތަކުގައި ފޮރުވައިގެން ގެންގުޅޭ ކަމަށް އިޒްރޭލުން ގަބޫލުކުރެ އެވެ. އަދި މީގެ ތެރެއިން 29 މީހަކު މަރުވެފައިވާ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި އާންމުން ހިމާޔަތް ހޯދަން މިހާރު އޮތް ހަމައެކަނި ތަން ކަމަށް ރަފަހްގައި މިހާރު ވެސް 1.4 މިލިއަން މީޙުން ތޮއްޖެހިގެން ދިރިއުޅެމުން ދާއިރު އިޒްރޭލުން ވަނީ މި ސަރަހައްދަށް އެއްގަމު މަގުން އަރަން ނިންމައި އެކަމުގެ ތައްޔާރީތައް ފަށައިފަ އެވެ. ރަފަހްގައި ހަމާސްގެ މަރުކަޒުތަކެއް އެބަހުރި ކަމަށާއި އެ ތަންތަނަށް ސިފައިން ވަދެ ނައްތާލައިގެން ނޫނީ ހަނގުރާމަ ނުނިންމޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެކަމަކު ރަފަހް އަށް ވަދެފި ނަމަ އަނެއްކާވެސް އިތުރު އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި ބޮޑު ކާރިސާއެއް ހިނގާނެ ކަމުގެ ކަންބޮޑުވުމާ އެކު އެކި ގައުމުތަކުން ދަނީ އެކަން އެގޮތަށް ނުކުރަން ގޮވާލަމުންނެވެ. --އޭއެފްޕީ