12 ފެބުރުއަރީ 2024 - 15:43

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ދިރާގުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލެވޭނީ ޔުނިވާސިޓީ ޑިގްރީއެއް އޮތް، ކުންފުނިތަކުގެ ބޯޑުތަކުގައި ހިދުމަތްކޮށްފައިވާ، އާރްއެންޖީ ކޮމިޓީގެ ނިންމުމުގައިވާ ގޮތަށް މާލީ ބަޔާނާއި ރިޕޯޓްތައް ކިޔައި ވިސްނޭ ނުވަތަ އެކައުންޓިން ނުވަތަ އެއާ ގުޅުންހުރި މާލީ ތަޖުރިބާ ހުރި ދިރާގުގެ ހިއްސާދާރުންނަށެވެ.
ދިރާގަށް އަދި ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ އެކަށީގެންވާ ވިސްނުމާއި މައުލޫމާތު ލިބިފައިވާ މީހަކަށް ވުމާއި ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރުގައި އިސް މަގާމެއްގައި 10 އަހަރު ހިދުމަތްކޮށްފައިވާ ރެގިއުލޭޓަރެއްގެ ބޯޑުން ވަކިވިތާ މަދުވެގެން ބާރަ މަސް ދުވަސްވެފައިވާ މީހަކަށް ވެސް ވާން ޖެހޭނެ އެވެ. މީގެ އިތުރުން، ފާއިތުވި އަހަރު ދިރާގުގެ ވަޒީފާއެއް ނުވަތަ އެއްވެސް ވަގުތީ މަގާމެއް އަދާކޮށްފައި ނުވާ މީހަކަށް ވެސް ވާން ޖެހޭނެ އެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ދިރާގު ހެޑް އޮފީހުންނާއި އެ ކުންފުނީގެ އޭޖީއެމް ޕޭޖުން ލިބޭނެ އެވެ.
މި މަގާމަށް ކުރިމަތިލުމަށް ފޯމާއި ލިޔެކިޔުން ހުށަހެޅޭނީ އަންނަ މަހުގެ ތިން ވަނަ ދުވަޖުގެ ހަވީރު 4:00 ގެ ނިޔަލަށެވެ. ދިރާގު ހެޑް އޮފީހާއި[email protected]އަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.
ކުންފުންޏަކުން ނުވަތަ ޖަމިއްޔާއަކުން ހުށަހަޅާ ފަރާތެއް ނަމަ، ހުށަހަޅާ ކުންފުންޏެއް ނުވަތަ ޖަމިއްޔާއެއްގެ ބޯޑު ގަރާރާއި އެފަދަ ގާނޫނީ ފަރާތެއްގެ ރަޖިސްޓްރޭޝަންގެ ކޮޕީއެއް އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅަންޖެހޭނެ އެވެ.
މި މަގާމަށް ޑިރެކްޓަރަކު ނަގާނީ އާރްއެންޖީ ކޮމިޓީން އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު އެވެ. އެއަށްފަހު ބޯޑުގެ ރުހުން ލިބުމުން، އާރްއެންޖީ ކޮމިޓީގެ ލަފާތައް އާންމު ޖަލްސާގެ ނޯޓިސްގައި އިއުލާންކޮށް، ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ވޯޓުލުމަށް ހުށަހަޅާނެ އެވެ.