މާޔަންގެ ފަށް ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
މާޔަންގެ ފަށް ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ފަތިހު ދުވަން ނުކުމެ އުޅެނިކޮށް ހިފަހައްޓައި އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު މަމާޔަން ހުޅުމާލޭގައި އިއްޔެ ދުވަން އުޅެނިކޮށް ފަށް ފޭރިގަތީ ހެލްމެޓް އަލައިގެން ސައިކަލެއްގައި އައި ދެ މީހެކެވެ.

އެ މައްސަލާގައި ފުލުހުން މިއަދު ބުނީ އެކަން ކުރި ކަމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

ފޭރިގަތް ފަށް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

މާޔަން، އިއްޔެ "މިހާރު" އަށް ކިޔައިދިން ގޮތުގައި އެކަނ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިންކްރެސްޓް ރެސިޑެންސް ކައިރިން "ކްލޭ ސްޓޫޑިއޯ" ހުންނަ މަގަށް އެޅި ވަގުތެވެ. އޭނާއަކީ ކޮންމެ ދުވަހަކުހެން ދުވަން ނިކުންނަ މީހެއް ކަމަށް ކަމުގައި ވިޔަސް މިފަދަ ބިރުވެރި ހާދިސާއެއް މިހާތަނަށް އަދި ދިމާނުވާ ކަމަށް ވެސް މާޔަން ބުންޏެވެ.

އެ މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކުރުމަށް ފަހު، އޭނާ ބުނި ގޮތުގައި އެކަން ރިޕޯޓްކުރީ އެ ފަށް ލިބޭނެ ކަމުގެ އުއްމީދެއް އޮވެގެން ނޫން ކަމަށެވެ. އެކަމަކު ފަތިހު ކަސްރަތަށް ނިކުންނަ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ދުވާ މީހުން ވެސް ސަމާލުކަންދޭން އެދޭތީ ކަމަށް އޭނާ ބުންޏެވެ.