ރަފާ އަށް ވަދެފި ނަމަ ރަހީނުންނަށް ނުރައްކާވާނެ: ހަމާސް
ރަފާ އަށް ވަދެފި ނަމަ ރަހީނުންނަށް ނުރައްކާވާނެ: ހަމާސް

ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން މިހާރު ހިމާޔަތް ހޯދަން އޮތް ހަމައެކަނި ސިޓީގައި އިޒްރޭލު ސިފައިން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގަން ތައްޔާރުވަމުން ދާތީ ހަމާސް އިން އިންޒާރު ދީފި އެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އަދި ރަހީނުކުރި 250 އަށް ވުރެ ގިނަ މީހުންގެ ތެރެއިން އަދިވެސް އެތައް ބަޔަކު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިރު ހަމާސް އިން ބުނީ ރަފާއަށް ވަދެފި ނަމަ ރަހީނުން މިނިވަންކުރުމުގެ މަޝްވަރާއަށް ހުރަސްއެޅޭނެ ކަމަށެވެ.

މިލިއަނަކަށްވުރެ ގިނަ މީހުން މިހާރުވެސް ތޮއްޖެހިގެން ފޭލިގެތަކުގައި އުޅޭ ރަފާގައި ހަމާސްގެ މަރުކަޒުތަކެއް އެބަހުރި ކަމަށް ބުނެ ސިފައިން އެ ސަރަހައްދަށް އަރަން ތައްޔާރުވުމަސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނިންމައިފަ އެވެ. އެކަމަކު ފަލަސްތީނު ސަރުކާރާއި އދ. އާއި އެކި ގައުމުތަކާއި ޖަމާއަތްތަކުން ބުނަމުން އަންނަނީ މިއީ އިޒްރޭލުން ހަދާނެ ބޮޑު ގޯހެއް ކަމަށާއި މިކަމުގެ ސަބަބުން އިތުރު އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

"އިސްތިއުމާރީ ސިފައިން ރަފާއަށް އެއްވެސް ހަމަލާއެއް ދީފި ނަމަ، ރަހީނުން މިނިވަންކުރުމުގެ މަޝްވަރާއަށް ބުރޫއަރާނެ،" ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.

އިޒްރޭލަށް ހުރިހާ ގޮތަކުން އެހީވާ އެމެރިކާއިން ވެސް އިޒްރޭލުގެ މި ނިންމުމާ ދެކޮޅު ހަދާފައި ވިޔަސް ނަތަންޔާހޫ ވަނީ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އަދި ސިފައިން އެރިޔަސް އާންމުންނަށް ރައްކާތެރިކަމާ އެކު ރަފާއިން ނުކުމެވޭނެ މަގު ތަނަސްކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު ރަފާގައި މިހާރު ވެސް 1.4 މިލިއަން މީހުން ތިބި އިރު އެ މީހުންނަކީ ޣައްޒާގެ އެއްވެސް ތަނަކުން ހިމާޔަތެއް ނުލިބިގެން އަންނަން ޖެހިފައި ތިބި މީހުންނެވެ. އެހެންވެ އެ މީހުން ބުނަނީ ރަފާއަށް ހަމަލާ ދޭން ފަށައިފި ނަމަ ދެން އެ މީހުން ދާނެ ތަނެއް ނެތް ކަމަށެވެ. --އޭއެފްޕީ