ކޮޗިން އެކްސިޑެންޓް: އެކަކު ސީރިއަސް، އަނެއް ދެ މީހުންގެ ހާލު ސްޓޭބަލް
ކޮޗިން އެކްސިޑެންޓް: އެކަކު ސީރިއަސް، އަނެއް ދެ މީހުންގެ ހާލު ސްޓޭބަލް

އިންޑިއާގެ ކޮޗިންގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދިވެހި ތިން އަންހެނުންގެ ތެރެއިން އެކަކު އަދި ވެސް އޮތީ އައިސީޔޫގައި ކަމަށާއި އަނެއް ދެ މީހުން މިހާރު ސްޓޭބުލް ކަމަށް އެ އާއިލާއިން ބުނެފި އެވެ.

ކިމްސް ހޮސްޕިޓަލާ 40 ވަރަކަށް ކިލޯމީޓަރު ދުރުގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިވޭ މަތިން ކާރު ޑްރައިވަރު އެއް ފަޅީގައި މަޑުކޮށްލި ވަގުތު އަނެއް ފަޅިން އައި އެހެން ކާރެއް ޖެހިގެންނެވެ.

ކޮޗިންއާ ކައިރި ހިސާބެއްގައި ހުރި ހޮސްޕިޓަލަކަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ ޓްރިވެންޑްރަމަށް ދިޔަ މަގުމަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަކީ ރ. އަލިފުށީ ތިން މީހުންނެވެ. އެއީ 50 އަހަރުގެ މީހަކާއި އޭނާގެ 25 އަހަރުގެ ދަރިފުޅާއި އެއްބަނޑުއެއްބަފާ 54 އަހަރުގެ ދައްތަ އެވެ.

ޒަހަމްވި 25 އަހަރުގެ މީހާގެ ފިރިމީހާ ބުނީ އަންހެނުންނާއި މައިދައިގެ އޮޕަރޭޝަނަކަށް ފަހު އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް، މިހާރު ހާލު ސްޓޭބުލް ވުމުން މިއަދު ކޮޓަރިއަކަށް ބަދަލުކުރާނެ ކަމަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އަދި އޮބްޒަވޭޝަންގައި ބާއްވަން ޖެހޭތީ އަދި ހޮސްޕިޓަލްގައި މަޑުކުރަން ޖެހޭނެ މުއްދަތެއް ނޭނގޭނެ ކަމަށް ބުންޏެވެ.

އެކްސިޑެންޓުގައި ބޮޑަށް ޒަހަމްވީ ކާރު ޖެހުނު ފަޅީގައި އިން 54 އަހަރުގެ މީހާއަށެވެ.

"ބޮޑުދައިތަގެ އަރިކަށި ފްރެކްޗާ ވެފައި އިނީ. އެކަމަކު، ފަރުވާ ގެންދާނެ ގޮތަކާ މެދު ޑޮކްޓަރުން އަދި ނުބުނޭ އެއްޗެއް. މިއަދު މެންދުރު ގޮތެއް ނިންމާނެ. އައިސީޔޫގައި މިހާރު އޮތީ." އޭނާ ބުންޏެވެ.

ހާދިސާގައި އަންހެން ކުއްޖާގެ މޫނުމަތިން ދެ ތަނެއް ފަޅައިގެން ގޮސް، މައިދައިގެ ފައި ބިނދި މޫނަށް ވަނީ އަނިޔާވެފަ އެވެ. ބޮޑުދައިތަގެ މޫނުމަތި ވެސް ފަޅައިގެން ގޮސް އެ ވަގުތު ހޭނެތުނެވެ. ފަހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ފަހުން ހޭއެރި އެވެ.