11 ފެބުރުއަރީ 2024 - 12:21

އެކި ގައުމުތަކުން 10،213 ޓޫރިސްޓުންނާ އެކު ރާއްޖޭގެ ތާރީހުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އަދި ދުވަހަށް މިއަދު ވެއްޖެ އެވެ.
މިއަދަކީ ޓޫރިޒަމްގެ އާ ރެކޯޑެއް ކަން އިއުލާންކުރައްވައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެކްސްގައި ވަނީ ރާއްޖޭގެ ތާރީހުގައި ލިޔެވިގެން ދިޔަ މި ދުވަހާ ގުޅިގެން، ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.
މިދިޔަ ހޮނިހިރުދުވަހު ވެސް ގާތްގަނޑަކަށް ނުވަހާހެއްހާ ޓޫރިސްޓުން ރާއްޖެ އަ އެވެ. ވޭތުވެދިޔަ ދެ ހަފުތާގެ ކުރިން، އެންމެ ގިނައިން އެެއްފަހަރާ އައީ 8،000 ޓޫރިސްޓުންނެވެ.
މި މަހުގެ މިހާތަނަށް އެވްރެޖުކޮށް ރާއްޖެ އަށް 7،300 ޓޫރިސްޓުން ކޮންމެ ދުވަހަކު ވެސް އާދެ އެވެ. މި އަހަރުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 14 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖެ އަށް މި ވަގުތު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިޓަލީން އަންނަ އިރު ތިން ވަނަ އަށް އެންމެ ގިނައީ ރަޝިއާ އިން އަންނަ ޓޫރިސްޓުންނެވެ.
ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން ޓޫރިސްޓުން އަންނަ ވަރު އަނެއްކާވެސް މިވަނީ އިތުރުވެފަ އެވެ.
އެ ގައުމަށް އިތުރު އެއާލައިންތަކުން ދަތުރުތައް ފަށަން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެ އެވެ. މިވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރެ އެވެ.
ސަރުކާރުގެ ބަޖެޓުގައިވާ ގޮތުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށްވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ޓާގެޓަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.