11 ފެބުރުއަރީ 2024 - 06:15

ބުދަ ދުވަހާ ގުޅޭ
އެއީ އަހަންނަށް ކުރެވުނު އެންމެ މޮޔަކަންތަކެވެ. އަހަންނާ ދިމާއަށް ކިނާން ބަލައިލި އިރު ހީވަނީ އަހަންނަކީ ޗޮކުލެޓެއްހެންނެވެ. އޭނައަކީ ކުޑަކުއްޖެއްހެންނެވެ. ކަރުދާސްގަނޑު ނޮޅައިލާނެހައި ކެތްތެރިކަން ވެސް އޭނަގެ ނެތެވެ.
ކިނާނަކީ އަހަރެން ބޭނުންވި ކަހަލަ ފިރިއެއް ނޫނެވެ. ކައިވެނީގެ ފުރަތަމަ ދުވަހު އެ ކަން އެނގިއްޖެއެވެ. ދެން އަހަރެން ކެތްކުރީ ކީއްވެގެންހެއްޔެވެ؟ އެ ގޭގައި މަޑުކުރީ ކީއްކުރަންހެއްޔެވެ؟ ފަހުން ރަނގަޅުވާނެކަމަށެވެ. ކިނާން ބަދަލުވާނެކަމަށެވެ. އަހަރެން އާދަވާނެކަމަށެވެ. އާނއެކެވެ. ގުދުރަތީ ގޮތުން އިންސާނާއަށް އަންނަ ބަދަލުތައް ހުރެއެވެ. އެކަމަކު، ކަށީގައިހިފާފައިހުންނަ ކަންކަން ބަދަލު ނުވާނެކަން އަހަންނަށް އެނގުނު ނަމަ ކޮން ފަދަހެއްޔެވެ؟ ކުރިން ކުރަންޖެހޭ ސުވާލު ފަހަށް ނުބެހެއްޓުނު ނަމަ ކިހައި ރަނގަޅުވީސްހެއްޔެވެ؟
ޒަވާޖީހަޔާތެއްގެ ފުރަތަމަ ފިޔަވަޅުއެޅި ދުވަހެވެ. ފޫހިވެފައި، ހިތްމަރުވެފައި އަހަރެން ގޮދަޑިމަތީގައި އޮތީމެވެ. އޭރު ވެސް ލަހެއްނުވެއެވެ. އެއް ފިޔަވަޅު ފަހަތަށް އެޅި ނަމަ، މާޒީގެ ލަގަނުގައި އަހަންނަށް ހިފުނީހެވެ. ގެއްލުނު ޅަފުރާ އިއާދަކުރެވުނީހެވެ. އަހަރެން ކިހައި މޮޔަހެއްޔެވެ؟ ކިހައި ނަސީބުދެރަހެއްޔެވެ؟ ރަނުގެ ފުރުސަތު ގެއްލުވައިލާފައި ފިރިމީހާގެ އަތުގައި އަހަރެން ހިފީމެވެ. ދިރިއުޅުމާ ކުރިމަތިލީމެވެ. އަހަންނަކީ އާލިޔާއޭ ގޮތެއް ހުހެއްނުވާނޭ ހީކުރީމެވެ.
ފަރުނީޗަރުތައް ގެނެސް އެތުރީމެވެ. ބަދިގޭގައި ކަބަޑެއް ހެދީމެވެ. އިމާރާތަކުން ގެއަކަށް އެ ތަން ބަދަލުކުރީމެވެ. ކަންކަން ކުރުމުގައި ހަމަތަކަކާއި އުސޫލުތަކެއް ކަނޑައެޅީމެވެ. ކިނާން ވަރަށް ބަސްއަހައެވެ. އެހެނަސް ގޮންޖެހުންތައް ހައްތަހާ ވީ އިތުރެވެ. ކާ ހުރިހައި އެއްޗެއް ގަންނަންޖެހެނީ އަހަންނަށެވެ. ގަންނާށެކޭ ކިނާން ނުއެއް ބުނެއެވެ. އޭގެ ދިމާ އިދިކޮޅަށް، އެ ކަން ކުރަން ބޭނުންވަނީ ވެސް ކިނާނެވެ. ގަންނަން އޭނަ ނުކުމޭ ވެސްމެއެވެ. ހަނދާން ނުހުންނަނީއެވެ. ކިލޯއެއް ގެންނަން ބުނާ އެއްޗަކުން ދުއިސައްތަ ގުރާމު ގެނެސްފާނެއެވެ. ހަލާކުވެފައިހުންނަ އެއްޗެހި ގެނެސްފާނެއެވެ. އަހަރެން ޝުކުރުކުރަމެވެ. އަހަރެން ނުކައި، ކިތަންމެ ފަހަރަކު ކިނާނަށް ދެމެވެ. އެކަމަކު ކިނާން ޝަކުވާކުރެއެވެ. ރުޅިއައިސްގެން އެއްޗެހިކިޔާ ގޮތަކަށް ނޫނެވެ. ބުނެލާނީ ދެތިން ލަފުޒެވެ. ބޭނުންކުރާނީ އެންމެ ކޮޅު ތޫނު އަކުރުތަކެވެ. އަހަރެންގެ ހިތަށް ހެރެއެވެ. ފުނަށް ވަދެއެވެ.
ކިނާންގެ އާއިލާ ދިރިއުޅެނީ މާލޭގައެވެ. ކޮންމެ މީހަކު ވެސް އުޅެނީ ވަކީންނެވެ. އެކި ގޭގެއަށް އެކި ފަހަރުމަތިން އަހަރެން ގެންދެއެވެ. އެންމެންގެ ވެސް ދަރީން ތިބެއެވެ. ދާ ކޮންމެ ފަހަރަކު، ކިނާން ބައްޕައަކަށް ވަނީ ކޮން އިރަކުންތޯ ސުވާލު އާދެއެވެ. އެއްކޮޅުން، ދަރިޔަކު ނުލިބިގެން ކަންބޮޑުވާންޖެހޭހައި ދުވަހެއް އަހަރުމެންގެ ކައިވެންޏަކަށް ނުވެއެވެ. އަނެއްކޮޅުން، ކުއްޖާއަށް ހަރަދުކުރާނީ ކާކުހެއްޔެވެ؟ ބޮޑު ސުވާލަކީ އެއީއެވެ. މީހުންނަށް ފެންނަ ތަނުގައި ދެގުރާ އުޅޭހައި ލޯބިން އަހަރުމެން އުޅުނަސް، ބޮޑު މައްސަލައެއް ހައްލުނުވެ، ފުފެމުންދިޔައެވެ. ކިނާނަށް އެ ކަން އެނގޭކަމަށް ނަހަދަނީއެވެ. އެ މައްސަލަ ފެންމަތިކުރަން އަހަންނަށް ނުކެރެނީއެވެ. ކިނާން އާއިލާގެ އެންމެންނަކީ ވެސް އަހަންނަށް ވުރެ ލިބޭ މީހުންނެވެ. އެ ކަމާ ވެސް އަހަރެންގެ ހިތަކު އެއްވެސް ހަސަދަވެރިކަމެއް ނެތެވެ. އެކަމަކު އަހަރެން ގެއަށް ގަންނަ އެއްޗެހިން ބައެއް ސާމާނު ކިނާންގެ އާއިލާ މީހުންނަށް ދޭން ފެށުމުން، އެ މަންޒަރު ބަލާކަށް އަހަންނަކަށް ފަސޭހައެއް ނުވިއެވެ. ލޯކުރިމަތީގައި އެ ކަން، ތަކުރާރުކޮށް އެތައް ފަހަރަކު ހިނގުމުން ވެސް އަހަރެން ދެލޯމަރައިލީމެވެ. އެ ދެވުނީ ކިހައި ނުބައި ސިގުނަލެއްކަން ރޭކާލާން މާ ގިނަ ދުވަހެއް ނުނެގިއެވެ.
އެއްދުވަހަކު އަހަރެން އިސްތިރިކުރަން ހުއްޓައި، ކިނާން އައިސް އަހަރެންގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ.
"އަސްލު އަހަރެން މި ވާހަކަ އަހާކަށް ނުވެސް ޖެހޭނެ،" ކިނާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އެނގޭ އާލިޔާ ނޫނެކޭ ނުބުނާނެކަން ވެސް. އެކަމަކު ވެސް ބުނެލާ ހިތްވެގެން މި އުޅެނީ."
"އަނެއްކާ ކޮން ވާހަކައެއް؟" ހިތުވިންދު އަވަސްވެފައިވާ އަހަރެން އެހީމެވެ.
"ކޮއްކޮ އެބަ އުޅޭ ދޮންނަމެޝިން ހަލާކުވެގެން،" ކިނާން ބުންޏެވެ. "އަހަރެން ބުނެފިން މި ގޭ ހުރި މެޝިން ބަލާއަންނާށޭ!"
އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަސް ހާހަކަށް ރުފިޔާއަށް އަހަރެން ގަތް މެޝިނެކެވެ.
"ދެން އަހަރުމެންނޯ؟" އަހަރެން ސުވާލުކުރީމެވެ.
"ގަންނާނީ!" ވަރަށް ފަސޭހައިން ކިނާން ބުނެލިއެވެ.
އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކިނާނަށް ފޯނެއްއައެވެ.
"އެ އައީ!" ކިނާން ތެދުވެގެން ހިނގައިގަންނަމުން ބުންޏެވެ.
"ދެން ނޫން ކިނާން!" އަހަރެން ބުނީމެވެ. "ތީ ދެން ކިހާ ހެއްވާ ގޮތެއް."
ކިނާން އިރުކޮޅަކަށް ގާވި ކަހަލައެވެ. ހިނގައިގަންނާނެ ކޮޅެއް އޭނައަކަށް ނޭނގުނެވެ. އޭރު ވެސް އޭނަގެ ފޯނު ރަނގަބީލުވެއެވެ
"އާނ މި ހުޅުވަނީ!" ކިނާން ފޯނަށް ޖަވާބުދީފައި ފޯނު ކަނޑައިލިއެވެ. އަދި ބުންޏެވެ. "ދެން މިހާރަކު ނޫން ދޯ ތިހެން ބުނާނީ."
"ކުރިން ނާހަމެއްނު!" އަހަރެން ބުނީމެވެ.
"މިހާރު ވެސް ނާހަމޭ!" ކިނާން ހިތްހަމަނުޖެހިފައި ބުންޏެވެ. "ބުނެލީ!"
ކިނާން ދޮރު ހުޅުވިއެވެ. ވަނީ ކިނާންގެ ކޮއްކޮޔާ ދެ ބިދޭސީންނެވެ. އަހަރެން ބަލަންހުއްޓައި ދޮންނަމެޝިނުގެ ވާތައް ނައްޓައިލައިފައި، މެޝިނު ކޮނޑުއަޅައިލައިގެން އެ މީހުން ގޮސް ނިމިއްޖެއެވެ. އަހަރެން ހިތަށްއެރިއެވެ. މާދަން އައިސްއަލަމާރިއެވެ. އަނެއް ދުވަހު އަވަނެވެ. މީ ކޮން އުސޫލެއްހެއްޔެވެ؟ މި ހިސާބުން ނިމުނީއެވެ. އަހަރެން ދެނެއް އެކައްޗެއް ވެސް ނުގަންނާނަމެވެ. އިތުރު ޒުވާބެއް ނުހިނގައެވެ. ކިނާން ވެސް އެ ވާހަކައެއް ނުދައްކައެވެ. އަހަރެން ވެސް ނުދައްކަމެވެ.
ކިނާނަކީ ގުރޫޕަކާ ގުޅިގެން އެކި ކަހަލަ މަސައްކަތްކުރާ މީހެކެވެ. ގޯތިގެދޮރަށް ބޭނުންވާ ހުރިހައި މަސައްކަތެއް ކަހަލަ ގޮތަކަށް އޭނަ ދަނެއެވެ. ވަޒީފާއަށް ޓަކައި ހެނދުނު ގެއިން ނުކުމެއެވެ. އަހަރެން އޮފީހަށްދާ އިރު އޭނަ ވެސް ނުކުމެއެވެ. ކިނާނަށް ލިބެނީ ކިހައި ވަރެއްކަމެއް ނޭނގެއެވެ. އޭނަ ހަރަދެއް ނުކުރެއެވެ. އެ ވާހަކަ އަހާކަށް އަހަންނަކަށް ނުކެރެއެވެ. ހުތުރުކަމަކަށް ވެދާނެތީއެވެ. ހަގީގަތުގައި އަހަންޖެހޭނެއެވެ. އަހަންނަކީ ކިނާންގެ އަނބިމީހާއެވެ. ގޭގެ ހުރިހައި ހަރަދެއް ބަލަހައްޓަނީ އަހަންނެވެ. އަހަން ނުކެރުން އެއީ މައްސަލައެކެވެ.
ކިނާންގެ އުފަންދުވަހު އަހަރެން ކޮންމެވެސް އެއްޗެއް ހަދިޔާއަކަށް ދެމެވެ. ތަނަކުން ރީތި ގަމީހެއް ނުވަތަ ޓީޝާޓެއް ފެނުނަސް ކިނާނަށް ގެނެސްދެމެވެ. ލޯބިވާތީއެވެ. ރޭޒަރާއި، ތުނބުޅިބާލަން ހާކާ ފޯމާއި، އާފްޓާ ޝޭވް ވެސް ގަނެދެނީ އަަހަންނެވެ. އޭނަ ވަރަށް ހެވެވެ. އެކަމަކު ދުވަހަކު ވެސް އަހަންނަށް ހަދިޔާއެއް ނުގެނެސްދެއެވެ. ގޭގެ ކަމަކަށް ފައިސާ ބޭނުންވާ ކޮންމެ ފަހަރަކު، މޮޅު ގޮތަކަށް ކިނާން އެ ކަމުން ރެކެއެވެ. ދޮގެއްހަދާކަމެއް ސާބިތެއްނުވެއެވެ. އުޅެނީ ވެސް ނިކަން ލޯބިންނެވެ. ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެފައި ގުޅައިލިޔަސް އާދެއެވެ. އޮފީހުގައި އަހަރެން ހޭދަކުރާ ވަގުތު ގިނަވެގެން ޝަކުވާއެއް ނުކުރެއެވެ. ރައްޓެހިންނާ އެކުގައި ބޭރުގައި އުޅުނަސް ލަސްވެގެން އެންމެ ފަހަރަކު ވެސް ނުގުޅައެވެ. ބައެއް ފަހަރު އަހަންނަށް ގެއަށް އާދެވޭ އިރު ކިނާން އިންނާނީ ބަނޑުހައިވެފައެވެ. އެކަމަކު ރުޅިއައިސްގެން މޫނުމައްޗަށް ރުލެއްހައި ހިސާބު ވެސް ނާރުވާނެއެވެ. ވަރަށް ކެތްތެރިއެވެ. ކިޔަމަންތެރިއެވެ. ފައިސާޔާ ގުޅުންހުރި ކަމެއް ފިޔަވައި ދެން ހުރި ހުރިހައި ކަމެއްގައި ވެސް ކިނާނަށް ވުރެ ހެޔޮ ފިރިޔަކު މި ބިންމަތީގައި ހުންނާނެހެނެއް ހިޔެއްނުވެއެވެ. ހުންނާނީ އަހަރެން ކަމަކުނުކިޔައިގެންނެވެ. އެ ފަދަ ފިރިޔަކު ދޫކޮށްލާނީ ކިހިނެއްހެއްޔެވެ؟
ދާއެއްޗެހި ފުނިޖެހެމުންދިޔައެވެ. ދޮވެވޭނެ ގޮތެއް ނެތެވެ. އަހަރެން އޮފީހަށްދާންޖެހެއެވެ. އަހަރެން ނުގަނެފިއްޔާ، އަމިއްލައަށް ހިނގާފަ ގެއަށް ދޮންނަމެޝިނެއް ނާންނާނެއެވެ. އެ ވާހަކަ އަލުން ކިނާނާ ދެއްކިދާނެއެވެ. ބޮޑު ޒުވާބަކަށް ހެދިދާނެއެވެ. އަހަންނަށް ވަރިވެގެން ވެސް ދެވިދާނެއެވެ. އެކަމަކު ކިނާން ދޮންނަމެޝިނެއް ނުގަންނާނެކަން އަހަންނަށް ކަށަވަރެވެ. އަނެއްކާ ވެސް މެޝިނެއް ގަތީމެވެ. ހަމަ ކުރިން ގަތް ކަހަލަ މެޝިނެކެވެ.
"ކުރިން ވެސް ތި ގޮތް އޮތެއްނު!" ކިނާން ހިތުން އޭނަ ބުނީ މޮޅު އެއްޗެކެވެ. "އަހަރެންގެ އަތްމަތި ތަނަވަސް. އަހަންނަށް ލިބޭ! ދެން ކީއްވެ އަހަރެންގެ އާއިލާގެ މީހުންނަށް އެހީނުވާންވީ؟ ދަހިވެތިކަމަކީ ވަރަށް ހުތުރު ސިފައެކޭ އާލިޔާ!"
ކިނާންގެ ފަރާތުން އަހަރެން އުންމީދުކުރީ ހެޔޮބަހެކެވެ. ހާދަ ރަނގަޅޭ ބުނި ނަމަވެސް އަހަންނަށް ފުދުނީހެވެ. ޝުކުރިއްޔާއޭ ވެސް އޭނައަށް ބުނެވުނީހެވެ. އެހެނަސް ކިނާނަށް ހީވާ ކަހަލައެވެ. ގޭގެ ހުރިހައި ހަރަދެއް ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާއެކެވެ. އަހަރެންގެ ހިތުގައި ޝަކުވާތައް ދިޔައީ ފުނިޖެހެމުން، ފުރެމުންނެވެ. އެއްވެސް މީހެއް ގާތުގައި އެ ވާހަކަދައްކާކަށް ނުކެރެއެވެ. އަހަރެން ރައްކާކުރި ފައިސާ ދިޔައީ މަދުވަމުން، ހުސްވަމުންނެވެ. ހިތަށްއެރިއެވެ. މިއީ ކޮން ކަހަލަ ދިރިއުޅުމެއްހެއްޔެވެ؟ ދެން ހިތަށްއެރިއެވެ. އެއްވެސް މީހަކީ ހުރިހައި ކަމެއް ފުރިހަމަ މީހެއް ނޫނެވެ. އިންސާނެއްގެ ވިއްޔާ އުނިސިފަ ހުންނާނެއެވެ. އަހަރެންގެ ވެސް ހުންނާނެއެވެ. އެއީ މައްސަލައެއް ނޫނެވެ.
އަހަރެން ދައްތަގެ ގެއަށް ދެވޭ ފަހަރު ދައްތަގެ ފިރިމީހާ އުޅޭ ގޮތް ފެނިފައި ވަރަށް އުނދަގޫވެއެވެ. އެ މީހުންނަކީ މާ ލިބޭ ބައެއް ނޫނެވެ. ދައްތަ ހެދިކާ ހަދައެވެ. ހަވާދު ހަދައެވެ. އާމުދަނީ ލިބެއެވެ. އެހެނަސް، އާއިލާގެ ޒިންމާ ބޮލުގައިއަޅައިގެން އުޅެނީ ޅިޔަނެވެ. ދައްތަ ހީކުރަނީ ކިނާނަކީ ވެސް ޅިޔަނު ކަހަލަ ޒިންމާދާރު ފިރިއެއްކަމަށެވެ. ޖެހޭ ކޮންމެ ކަމެއް ކިނާން ކޮށްދޭކަމަށެވެ. އެކަމަކު ކިނާން ދަންނަނީ އެންމެ ކަމެކެވެ. އެ ވާހަކަ އަހަންނަކަށް ނުދެއްކޭނެއެވެ.
ކިނާންގެ ދައްތައަކަށް އަނެއްކާ ވެސް ކުއްޖަކު ލިބުނެވެ. އަންހެންކުއްޖެކެވެ. ކިނާން ވެސް ބޭނުންވެގެން އުޅެނީ އަންހެންކުއްޖެކެވެ. އެ ދުވަހު ހޮސްޕިޓަލަށް ގޮސްފައި ކިނާން އުޅުނު ވައްތަރުން އަހަރެންގެ ބޮލުގަރިއްސައިލިއެވެ. ގެއަށް އައިސް، ދަރިއަކު ބޭނުން ވާހަކަ ތަންކޮޅެއް ގިނައިން ކިނާން ދައްކަން ފެށިއެވެ. އަހަރެން ދެކޮޅެއްނަހަދަމެވެ. ބަހަނާއަކަށް ފަހު ބަހަނާއެއް ދެއްކީމެވެ. އޮފީހުގައި އަވަދިނެތިއުޅެމުން ކުއްޖަކު ނުގެންގުޅެވޭނެ ވާހަކައެވެ. ޖާގަ ދަތި ވާހަކައެވެ. ހަގީގަތަކީ މުޅީން އެހެން އެއްޗެކެވެ. އެ ވާހަކަދައްކަން އަހަންނަށް ނުކެރުން އެއީ، މައްސަލަފޮށީގެ ތެރެއިން ޖާގަހޯދި އަނެއް މައްސަލައެވެ. އޭގެ ސަބަބުން ކިނާން އަޅަން ގަސްތުކުރީ އަންތަރީސްވާހާ މޮޔަ ފިޔަވަޅެކެވެ.
"އާލިޔާ އޮފީހުން ކެނޑޭ!" ކިނާން ކުރީ ހުކުމެވެ.
ނުނިމޭ