11 ފެބުރުއަރީ 2024 - 05:51

ކުޑަކުދިންނާ ބެހިގެން ޖަލަށް ލާފައިވާ މީހަކަށް މާފު ދިން މައްސަލައެއްގައި ރައްޔިތުން ރުޅި ގަދަވަމުން ހަންގޭރީގެ ރައީސް ކެޓަލިން ނޮވަކް އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ދައުލަތުން ކުދިން ބަލަހައްޓާ ތަންތަނުގައި ކުދިންނާ ބެހުމުގެ މައްސަލަތަކެއް ރިޕޯޓް ނުކުރުމަށާއި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކުދިންނަށް އެންގި މައްސަލައިގައި އެ މީހާ ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލީ 2018 ވަނަ އަހަރު ހުކުމް ކުރި އެވެ. އަދި 2004 އާއި 2016 ވަނަ އަހަރާ ދެމެދު، މަދުވެގެން 10 ކުއްޖަކާ އޭނާ ބެހިފައި ވާތީ އަށް އަހަރުގެ ހުކުމެއް ވެސް އޮތީ އިއްވައިފަ އެވެ.
މި މީހާ އަށް މިދިޔަ އަހަރުގެ އޭޕްރީލްގައި މާފު ދީފައިވާކަން ވަނީ ހާމަވެފަ އެވެ.
މިކަން އާންމުންނަށް އެނގުމާ އެކު ހަންގޭރީގައި މުޒާހަރާތައް ކޮށް ރައީސްގެ އިސްތިއުފާއަށް ގޮވި އެވެ. ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކުރި އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި ނޮވަކްގެ ސުލޫކީ މައްސަލަ ބެލުމަށް ވެސް ވަނީ ޑިމާންޑްކޮށްފަ އެވެ.
ހަންގޭރީގެ ފުރަތަމަ އަންހެން ރައީސް ކަމަށްވާ ނޮވަކްގެ މި މި ނިންމެވުމާ ހެދި، ހަންގޭރީގައި އަހަރުތަކެއް ކުރިން ފެށިގެން ވެރިކަން ކުރަމުން އަންނަ ވަތަނީ ފިކުރުގެ ޕާޓީއަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފަ އެވެ.
އިސްތިއުފާ ދެއްވި ރައީސް އެ މަގާމަށް އައްޔަންކުރީ ފެމިލީ މިނިސްޓަރުކަމުގައި ހުންނަވަނިކޮށެވެ. އޭނާ އަކީ އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.