މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭން ޕްލޭނެއް އެކުލަވާލަނީ
މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭން ޕްލޭނެއް އެކުލަވާލަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ހަފްލާގައި އަސްލަމް ވިދާޅުވީ، އިދާރީ މުވައްޒަފުންގެ ފަރާތުން ދެ ކަންބޮޑުވުމެއް ލިބިފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި އެހެނިހެން އިދާރާތަކަށް ހާއްސަ ސަމާލުކަމެއް ދޭއިރު، މަޖިލިހުގެ އިދާރާގެ މުވައްޒަފުން އެއްވެސް ކެޓަގަރީއެއްގައި ނުހިމެނޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭން ޖެހޭނީ ސަރުކާރުގެ އެހެން އިދާރާއަކުން ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ސީދާ މަޖިލިހުގެ އިދާރާއިން ގަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން އެ ކަމަށް ބޭނުންވާ ޕްލޭނެއް މަޖިލީހުގެ އަމީންއާންމާއި އެހެން މުވައްޒަފުންގެ މަޝްވަރާއާ އެކު ހައްދަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލިހުގެ އިދާރާގެ މުވައްޒަފުންގެ ދެން އޮތް ކަންބޮޑުވުމަކީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، މުސާރައިގެ މައްސަލަ އެވެ. އަސްލަމް ވިދާޅުވީ، އެކަމަށް ކުޑަނަމަވެސް ހައްލެއް މިހާރު ގެނެސްދެވިފައިވާ ކަމަށެވެ. އެގޮތުން އާންމު ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ފާސްކޮށް 20 ޕަސެންޓުގެ ކުރިއެރުމެެއް މިދިޔަ ޖެނުއަރީއިން ފެށިގެން ހޯދައިދީފައިވާ ކަން ފާހަގަކުރެއްވި އެވެ.

އަސްލަމް ވަނީ މަޖިލިސް އަމާންއޮމާންކަމާއެކު ހިނގަމުން އަންނަނީ އިދާރީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަން ފާހަގަކޮށް، މުވައްޒަފުންގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ތިބޭފުޅުން ކުރައްވާ މަސައްކަތަކީ އެއީ ވަކި ސިޔާސީ ޕާޓީއަކަށް ވަކި މީހަކަށް ކުރައްވާ މަސައްކަތެއް ކަމުގައި ދެކިވަޑައިނުގެން، އެއީ ތިބޭފުޅުން ގައުމަށް އަދާކުރައްވާ ގައުމީ ހިދުމަތެއް ކަމުގައި ދެކިވަޑައިގަން ތިގޮތަށް ކުރިއަށް ވަޑައިގަންނަވާ،" އަސްލަމް ވިދާޅުވި އެވެ.

ރޭގެ ހަފްލާގައިއިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހަނދާނީ ލިޔުމާޢި ހަނދާނީ ފިލާ އަދި ހިދުމަތުގެ ލޯ މެޑަލްއާއި ރިހި މެޑަލް އަދި ރަން މެޑަލް ވަނީ ދީފަ އެވެ.