އިސްލާމްދީނަކީ މުސްލިމުންގެ ދިރިއުޅުމުގެ ހަޔާތް ދުނިޔެ އާއި އާޚިރަތް ކާމިޔާބު ކުރެވޭނެ ގޮތަށް ބައްޓަން ކުރުމަށް ބާރު އަޅާ ދީނެކެވެ. މިގޮތަށް މިކަން ކުރުމަށްޓަކައި މިހާރުގެ ހާލަތާއި ކަންކަން ހުރި ގޮތަށާއި މުސްތަގުބަލުގައި ކަންކަން ވެދާނެ ގޮތްތަކަށް ވިސްނައި އެ ކަންކަމަށް ސަމާލުވުމަށް އިސްލާމް ދީން ހިތްވަރުދެ އެވެ. އަނެއްކޮޅުން އިސްލާމްދީނަކީ މާޒީގެ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ސާބިތު އަދި އުސޫލީ ކަންކަން ހިފަހައްޓައި މާޒީގެ ހާދިސާތަކުން އިބުރަތް ލިބިގަތުމަށް ވެސް ބާރު އަޅާ ދީނެކެވެ. މިއީ އިސްލާމްދީނުގެ ޚާއްސަ އެއް ސިފަކަމުގައިވާ ވަކި އަތަކަށް ބުރަ ނުވެ ވަޒަން ހިފެހެއްޓުމުގެ ތެރެއިން ހިމެނޭ އެއް ކަންތަކެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ބަލާއިރު މިކަން ހާމަވާ ވަރަށް ގިނަ ހެކިތައް ލިބެން އެބަހުއްޓެވެ.

ބައެއް ފަލްސަފާތަކުގައި މާޒީއަކީ މުހިންމު އެއްޗެއް ކަމަށް ނުބެލިއަސް އިސްލާމް ދީން ބިނާވެފައި ވަނީ މާޒީގައި ހުރި ވަރަށް މުހިންމު ސާބިތު އުސޫލުތަކެއްގެ މައްޗަށް ކަމަށް ވާތީ މާޒީ އަށް ފަސްއަޅައި ފޮރުވައިލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މާޒީ އިން ވަކިވެ ގަނެ ކާބަފައިންނަށް ނިސްބަތްވުމުން ސަލާމަތްވާކަށް އިސްލާމްދީން ނޭދެ އެވެ. ސަބަބަކީ އިންސާނީ ދިރިއުޅުމުގައި ޒަމާނަކީ ހަމައެކަނި މިހާރު ނުވަތަ މިހާރާއި މުސްތަގުބަލު އެކަންޏެއް ނޫނެވެ. ނަމަވެސް ޒަމާނަކީ މާޒީ އާއި މިހާރާއި މުސްތަގުބަލެވެ. މާތްﷲ އިންސާނާ އުފައްދަވާފައި ވަނީ ހަމައެކަނި މުސްތަގުބަލާ މެދު ޚިޔާލު ކުރެވޭ ފަދަ ގޮތަކަށް އެކަންޏެއް ނޫނެވެ. އެކަމަކު އެއާ އެކު މާޒީގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ރައްކާތެރި ކުރެވޭ ގޮތަށެވެ. އެހެންވެ މީހެއްގެ ހަނދާނުގައި ހުންނަން ޖެހޭ މުހިންމު ތަކެތި ހަނދާނުން ފޮހެވިގެން ދިއުމަކީ ބައްޔެއް ކަމުގައި ބެލެވެ އެވެ. މިފަދަ މީހަކަށް އޭނާގެ މިއަދާއި މުސްތަގުބަލުގެ ކަންކަން ރޭވުމުގެ އަސާސަކަށް މާޒީ ބޭނުމެއް ނުކުރެވޭނެ އެވެ.

ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލާއިރު ކުރީގެ ޒަމާންތަކުގައި ހިނގާފައިވާ ހާދިސާތަކުގެ ވާހަކަތައް ބަޔާން ކުރައްވާފައި ވެ އެވެ. އޭގެ ބޭނުމަކީ ވިސްނައި ފިކުރު ކުރާ ބަޔަކަށް އެ މާޒީން އިބުރަތެއް ލިބުން ކަމުގައި ބަޔާން ކުރައްވާފައި ވެ އެވެ. (ޔޫސުފް 111). އާދަމްގެފާނުން ފެށިގެން ކީރިތި ރަސޫލާ ﷺ އާ ހަމައަށް ވަރަށް ގިނަ ނަބީބޭކަލުންނާ ގުޅުން ހުރި ވާހަކަތައް ބަޔާން ކުރައްވާފައި ވެ އެވެ. މި ހުރިހާ ވާހަކަތަކަކީ ވެސް މިއަދު އަދި މާދަމާގެ ދިރިއުޅުން ބައްޓަން ކުރުމަށް އެ އިން އިބުރަތް ހޯދަން ވަރަށް މުހިންމު ވާހަކަ ތަކެކެވެ. އެތައް މިލިއަން ގަރުނެއްގެ ކުރިން ހިނގާފައިވީ ހާދިސާތަކެއް ނަމަވެސް އެ އިން އިބުރަތް ލިބޭ ފަދަ މާޒީގެ ވާހަކަ ތަކެކެވެ.

މިސާލަކަށް އިންސާނާގެ ހަވާނަފްސު ކޮންޓްރޯލު ނުކުރެވުމުން ދިމާވާ ހިތާމަތަކަށް އާދަމުގެފާނާއި ހައްވާގެފާނުގެ ވާހަކަ އިން އިބުރަތް ލިބެ އެވެ. ޖިންސީ ޝަހުވަތްތަކުގެ ކުރިމަތީ ނަފްސު ކޮންޓްރޯލު ކުރުމުގެ މުހިންމު ކަމަށް ޔޫސުފުގެފާނުގެ ވާހަކަ އިން އިބުރަތް ލިބެ އެވެ. އީމާންކަން ގެއްލިގެން ދިޔަނުދިނުމަށްޓަކައި ހިޖުރަ ކުރަން ޖެހިއްޖެ ނަމަ އެކަން ކުރުމުގެ މުހިންމުކަމަށް ކަހަފުބައިގައިގެ މީހުންގެ ވާހަކައިން އިބުރަތް ލިބެ އެވެ. މިހެން ގޮސް ޤުރުއާނުގައިވާ ކޮންމެ ވާހަކައަކީ ވެސް އެ އިން އެތައް ބައިވަރު އިބުރަތްތަކެއް ލިބެނިވި މާޒީގެ ވާހަކަ ތަކެވެ.

މާޒީގެ ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާން ކުރުމުގެ އަނެއް ބޭނުމަކީ އީމާންވީ މީހުންނަށް މާތްﷲ ދެއްވާ ނިއުމަތްތައް ބަޔާން ކުރުމެވެ. އަލްމާއިދަތު ސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާން ކުރައްވަނީ ޔަހޫދީންގެ ގަބީލާއެއް ކަމުގައިވާ ބަނީ ޤައިނުޤާޢު ގެ މަކަރުވެރި ރޭވުންތަކުން މުއުމިނުން ސަލާމަތް ކޮށްދެއްވި ވާހަކަ އެވެ. ހަމަ އެފަދައިން ޤުރައިޝުންނާއި ޣަޠުފާނު ވަންހައިގެ މީހުން ޔަހޫދީންގެ ބަނީ ޤުރައިޡާ ވަންހައާ ގުޅިގެން މަދީނާ އަށް ހަމަލާ ދޭން އައި ހިނދު އެބައިމީހުންގެ މައްޗަށް ވަރުގަދަ ވަޔަކާއި ނުފެންނަ ލަޝްކަރުތަކެއް ފޮނުއްވި ވާހަކަ އަލްއަޙުޒާބު ސޫރަތުގެ 9 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ. ބަދުރު ހަނގުރާމަ ކުރިމަތިވި ހިނދު މުސްލިމުން ނިކަމެތި ހާލަތެއްގައި ވަނިކޮށް ﷲގެ ހެޔޮ ރަހުމަތުން އެކަލާނގެ ނަސްރާއި މަދަދު މުސްލިމުންނަށް ދެއްވި ވާހަކަ އަލްއަންފާލު ސޫރަތުގެ 26 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ.

މާޒީގެ ހާދިސާތަކުން އިބުރަތް ނުހޯދައި ތިބުމުގެ ސަބަބުން މުސީބާތްތަކާ ކުރިމަތިލާން ޖެހިދާނެކަން ހާމަކޮށްދިނުމަކީ ވެސް މާޒީގެ ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައި ވުމުގެ ސަބަބެކެވެ. އުޙުދު ހަނގުރާމައިގެ ދުވަހު، ބައެއް މުސްލިމުން މާޒީގައި ނަސްރު ލިބުނު ސަބަބު ކަމުގައިވާ ﷲ އާއި ރަސޫލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަން ވުމުގެ މުހިންމުކަން ދަނެ އެ އިން ލިބެންވީ އިބުރަތުގެ މަތިން ހަނދާން ނެތުނެވެ. މާޒީ އިން އިބުރަތް ނުހޯދުމުގެ ސަބަބުން އެ ދުވަހު މުސްލިމުންނަށް ނާކާމިޔާބު ލިބުނީ އެވެ. (އާލް ޢިމްރާން 165).

އިސްލާމީ ނަޒަރުން ބަލާއިރު މުސްލިމުންގެ ދިރިއުޅުމުގައި މާޒީއަކީ ވަރަށް މުހިންމު އެއްޗެކެވެ. ސަބަބަކީ ދިރިއުޅުން ބައްޓަން ކުރަންޖެހޭނެ ގޮތުގެ އުސޫލުތަކާއި ހަމަތަކާއި ގަވައިދުތައް ހުރީ މާޒީގެ މަސްދަރު ތަކެއްގަ އެވެ. މި މަސްދަރުތަކަކީ އެތައް ޒަމާނެއް ވެފައިވާ މާޒީ ކަމަށް ވިއަސް ސައްހަ ކަމާއި ސާބިތުކަން އެ އަށް ލިބިގެންވާ މަސްދަރުތަކެކެވެ. މިއީ ޒަމާން ކިތަންމެ ވަރަކަށް ބަދަލުވެގެން ދިޔަސް މި މާޒީ ދޫކޮށް ނުލެވޭނެ ފަދަ ވަރުގަދަކަން ލިބިގެންވާ މާޒީ އެކެވެ. އެހެނީ މުސްލިމުން މި މާޒީ ދޫކޮށްލައިފި ނަމަ އިސްލާމީ ފޭރާން އެއްކޮށް ނެތިދާނެ އެވެ. މުސްލިމެކޭ ކިޔާކަށް ދެން ޖާގައެއް ނޯންނާނެ އެވެ. މި ތަނުގައި މި އިޝާރާތް ކުރަނީ މާޒީ އިން ވާރުތަވެފައިވާ ސާބިތު ހަމަތަކާއި އުސޫލުތަކުގެ ވާހަކަ އެވެ. ޒަމާން ބަދަލުވުމުން އެ އަށް ބަދަލު އަންނަ ފަރުއީ ކަންކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ތަކުގެ ވާހަކައެއް ނޫނެވެ.

ވީމާ މާޒީ އިން މުސްލިމުންނަށް ލިބިފައިވާ މި ސާބިތު ހަމަތަކާއި އުސޫލުތައް މިއަދު ވިއަސް އަދި މާދަމާ ވިއަސް މުސްލިމުން ދޫކޮށްލައިގެން ނުވާނެ އެވެ. މާޒީގެ ހާދިސާތަކުން އިބުރަތް ހޯދުން ވެސް މުސްލިމުން ދޫކޮށްލައިގެން ނުވާނެ އެވެ. އެކަމަކު މީގެ މާނައަކީ މާޒީގެ އަސީރުންނަށް މުސްލިމުން ވުމެއް ނޫނެވެ. މުސްތަގުބަލަށް ވިސްނުމަކީ ވެސް އިސްލާމްދީން ނުހަނު ސަމާލުކަން ދޭ ކަމެކެވެ. އެހެންވެ، މުސްތަގުބަލަށްޓަކައި އެކި ރާސްތާތަކުގެ ރޭވުންތައް މުސްލިމުން ރާވަން ޖެހޭނެ އެވެ. އިސްލާހުގެ މަގުގައި ކިތަންމެ ބޮޑެތި ހުރަސްތަކެއް ހުރި ނަމަވެސް މުސްތަގުބަލު ބަނަކަމަށް ނިންމައިގެން އަތް އުރާލާކަށް ނުވާނެ އެވެ. މުސްލިމުންގެ ގޮތަކީ މާޒީ އިން އިބުރަތް ހޯދައިގެން މުސްތަގުބަލަށް ރޭވުމެވެ. ވަކި އަތަކަށް ބުރަ ނުވެ ވަޒަން ހިފެހެއްޓޭނީ އޭރުންނެވެ.