09 ފެބުރުއަރީ 2024 - 11:29

ޕާކިސްތާނުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި ވޯޓުލުން ނިމި އެތައް އިރެއްވީއިރު ވެސް ވޯޓު ގުނަން ނުފަށައި ލަސްކުރުމުން ޝައްކުތައް ބޮޑުވެފައި ވިޔަސް ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ މިނިވަން ކެންޑިޑޭޓުން، ލަފާކުރި ވަރަށް ވުރެ ކުރީގައި އުޅޭ ކަމަށް މިހާތަނަށް ލިބުނު ނަތީޖާއިން ދައްކައިފި އެވެ.

ވެރިކަމުން ދުރުކޮށް އެކި މައްސަލަތައް ފެންމަތިކޮށް ދިގު މުއްދަތަކަށް އިމްރާން ޖަލަށް ލާފައި ވާއިރު އޭނާގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ކެންޑިޑޭޓުން ޕާޓީގެ ނަމުގައި ވާދަކުރުން ވެސް ކޯޓުން އޮތީ މަނާކޮށްފަ އެވެ. އެހެންވެ ޕީޓީއައިގެ ކެންޑިޑޭޓުން އިންތިހާބަށް ނުކުންނެވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގަ އެވެ.
ޕާކިސްތާނުގެ އަމިއްލަ ޓީވީ ޗެނަލްތަކުން އެންމެ ފުރަތަމަ އާންމުކުރި ނަތީޖާތަކަށް ބަލާއިރު ގިނަ ދާއިރާތަކުން ގޮނޑި ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓުންނެވެ. މީގެ ތެރޭގައި ވެސް ގިނައީ ޕީޓީއައިގެ ނަމުގައި ވާދަ ނުކުރެވުނު ކެންޑިޑޭޓުންނެވެ.
ވޯޓުލާ ނިމުނުތާ 16 ގަޑިއިރު ފަހުން، ހެނދުނު 9:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ އެންމެ 13 ދާއިރާއެއްގެ ނަތީޖާ އެވެ. މީގެ ތެރެއިން ފަސް ދާއިރާ ލިބުނީ ޕީޓީއައި ތަމްސީލްކުރާ މިނިވަން ކެންޑިޑޭޓުންނަށެވެ. ހަތަރު ދާއިރާއެއް ޕާކިސްތާން މުސްލިމް ލީގުގެ، ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ތާއީދުކުރާ ފެކްޝަންގެ ކެންޑިޑޭޓުންނަށް ލިބުނ އިރު އަނެއް ހަތަރު ދާއިރާ ލިބުނީ އަވަހާރަކޮށްލި ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަށެވެ.
އެކަމަކު އިތުރު ނަތީޖާތަކާ އެކު، ތިން ފަހަރު ބޮޑުވަޒީރުކުރަން ކުރައްވާފައި ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން އަށް ވަނީ ތަފާތު ކުޑަކޮށް ކުރި ލިބިފަ އެވެ.
"ހުރިހާ ގޮންޖެހުންތަކާ އެކު ވެސް އިމްރާންގެ ޕީޓީއައިގެ ކެންޑިޑޭޓުންނަށް ކާމިޔާބު" ކަމަށް ނޫސްތަކުގެ ފަލަ ސުރުހީގައި ވެސް މިއަދު ހެނދުނު ޖަހާފައިވެ އެވެ.
ޕީޓީއައިގެ އިސް ބޭފުޅެއް ކަމަށްވާ އުމަރު އައްޔޫބް ޚާން އިންތިހާބުގެ ވޯޓަށް ފަހު ވިދާޅުވެފައި އޮތީ އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައިވާ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
"ޕީޓީއައިގެ ތާއީދާ އެކު ނުކުމެ ތިބި މިނިވަން ކެންޑިޑޭޓުންނަކީ، މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި ކާމިޔާބުކޮށް ސަރުކާރު އެކުލަވައިލުމުގެ ގާބިލްކަން ހުރި ކެންޑިޑޭޓުން،" އޭނާ މީޑިއާއަށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.
އިންތިހާބުގެ ކުރިން ވެސް ބެލެވިފައި އޮތީ ޕާކިސްތާނުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ އަސްކަރިއްޔާގެ ތާއީދު އޮތް ނަވާޒް ޝަރީފްގެ ކެންޑިޑޭޓުންނަށް ގިނަ ގޮނޑި ލިބޭނެ ކަމަށެވެ. އެ ޕާޓީގެ ތަރުޖަމާނު މަރިޔަމް އައުރަންގްޒީބް ވިދާޅުވީ ސަރުކާރެއް އެކުލަވާލުމުގެ ބާރު ހޯދުމަށް ކާމިޔާބުކުރުން އެންމެ މުހިންމު، އެންމެ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ކުރިން ހީކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ޕީޕީޕީން ވެސް ދައްކަމުން އަންނައިރު އެ ޕާޓީން ވެސް ވަނީ މިއީ ލަފާކުރި ވަރަށް ވުރެ ރަނގަޅު ކާމިޔާބީއެއް ކަމަށް ބުނެފަ އެވެ.
ވޯޓުގެ ނަތީޖާ ލަސްވުމުން ޕާޓީތަކުގެ ޝަކުވާ ބޮޑުވި އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނީ އެހެން ދިމާވީ އިންޓަނެޓަށް ދިމާވި މައްސަލައަކުން ކަމަށާއި ދެން ލަސް ނުވެ ނަތީޖާ ލިބެމުން ދާނެ ކަމަށެވެ. --އޭއެފްޕީ