09 ފެބުރުއަރީ 2024 - 11:54

ރިޔާދް (ފެބްރުއަރީ 9) - ސައުދީ އަރަބިއާގައި ކުރިއަށް ގެންދިޔަ ރިޔާދު ފެސްޓިވަލް މުބާރާތެއް ކަމަށްވާ ސީޒަން ކަޕް ފައިނަލްގައި އަލް ހިލާލާ ވާދަކޮށް 2-0 އިން ރޮނާލްޑޯގެ އައް ނަސްރު ބަލިވެއްޖެ އެވެ.

މި މެޗު ފެށުމުގެ ކުރިން ޓްރޮފީ ދައްކާލީ، ވޯލްޑް ރެސްލިން އެންޓަޓެއިންމަންޓް (ޑަބްލިއުޑަބްލިއުއީ) ތަރި، މާކް ވިލިއަމް ކަލަވޭ، މަޝްހޫރު ނަމުން ނަމަ ދި އަންޑަޓޭކާ އެވެ.
ރިޓަޔާ ކުރަން ތައްޔާރުވަމުން އަންނަ އަންޑަޓޭކާ ވަނީ ދާދި ފަހުން ސައުދީގައި ޑަބްލިއުޑަބްލިއުއީ ރެސްލިން މެޗެއް ކުޅެފަ އެވެ. ސައުދީން އަންނަނީ ޑަބްލިއުޑަބްލިއުއީއާ އެކު، އަހަރަކު ދެ ލައިވް އިވެންޓް އެ ގައުމުގައި ބާއްވަން އެއްބަސްވެފަ އެވެ.
މިލިންކޮވިޗް ސަވިޗް އާއި ސާލިމް އައް ދައުސާރީގެ ގޯލުތަކުން ހިލާލުން ފުރަތަމަ ހާފު ނިންމާލީ ލީޑުގަ އެވެ. ފަހު ހާފުގައި ނަސްރުން ކުޅުން ރަނގަޅު ކުރި ނަމަވެސް ހިލާލުން އެޓީމަށް އެޓޭކް ކުރާނެ މާ ގިނަ ފުރުސަތެއް ނުދެ އެވެ.\
ނަސްރުން ވަނީ ސީޒަން ކަޕްގައި ލިއޮނެލް މެސީ ކުޅޭ އިންޓަ މަޔާމީއާ ވާދަކޮށް 6-0 އިން މޮޅުވެފަ އެވެ. އަނިޔާގެ ސަބަބުން ރޮނާލްޑޯ އެ މެޗުގައި ނުކުޅެ އެވެ. ނަމަވެސް ހިލާލާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ފުލް ކޮށް ކުޅެފަ އެވެ.
މިއަހަރު އަދި ރަސްމީ މެޗެއް ނަސްރުން ކުޅެފައި ނުވާއިރު، އެޓީމަށް އެންމެ އަވަހަށް ދެން އޮތީ، އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ކުޅޭ މެޗެވެ. ގަދަ 16 ގައި އެޓީމު ކުޅެން ޖެހޭނީ އެގައުމުގެ އަލް ފައިހާއާ ދެކޮޅަށެވެ.
ސައުދީ ލީގުގެ ދެވަނައިގައި ނަސްރު އޮތީ އެއްވަނައިގައި އޮތް ހިލާލަށް ވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ. ނަމަވެސް އެޓީމުން ވަނީ ލީގު ފެށޫމުގެ ކުރިން ބޭއްވި އަރަބި ކްލަބް ޗެމްޕިއަންސް ކަޕް ފައިނަލްގައި ހިލާލް ބަލިކޮށް ތަށި އުފުލާލައިފަ އެވެ.
ސައުދީ ކިންގް ކަޕާއި ސުޕަ ކަޕް ވެސް ނަސްރަށް މި ސީޒަންގައި އަދި އެބަ އޮތެވެ. ކިންގް ކަޕްގެ ސެމީ ފައިނަލަށް ނަސްރު ވަނީ ދަތުރުކޮށްފަ އެވެ. ސުޕަ ކަޕްގެ ސެމީ ފައިނަލްގައި މި މަހު އެޓީމު ހިލާލާ ދެކޮޅަށް ނުކުންނާނެ އެވެ.