09 ފެބުރުއަރީ 2024 - 10:49

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް މީހަކު ހޯދަން އިއްޔެ ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން، މި މަހުގެ 20 އަދި 21 ވަނަ ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 12:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޓެކްސް އިދާރާގެ ކޮމިޝަނަރުގެ މަގާމުން ފަތުހުﷲ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވީ، އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލެއްވުމަށެވެ. އެކަމަކު، އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ފަތުހުﷲ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެމްޑީޕީގެ ވެރިކަމުގައި އޮކްޓޫބަރު 28، 2019 ގަ އެވެ. ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން މީރާގައި އޭނާ އަދާކުރެއްވީ ޑިރެކްޓަ ޖެނެރަލްގެ މަގާމެވެ.