ހަ މަސްތެރޭ ޑްރޯނުން ބޭސް އުފުލަން ފަށަނީ
ހަ މަސްތެރޭ ޑްރޯނުން ބޭސް އުފުލަން ފަށަނީ

ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ހިދުމަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާ އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށެވެ.

މިނިސްޓްރީގެ އަމާޒަކީ ހަ މަސް ތެރޭ އެ ހިދުމަތް ފެށުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ސާމްޕަލް ގެންދިއުމަކީ ކުރީ ސަރުކާރުން ފަށަން ނިންމާފައިވާ ކަމެކެވެ. އެ ހިދުމަތުގެ ތެރެއިން ލެބޯޓްރީ ނުހުންނަ ރަށްރަށާއި ކުދި ލެބޯޓްރީތައް ހުރި ރަށްރަށުން އަތޮޅު ހޮސްޕިޓަލްތަކަށް ސާމްޕަލްތައް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަން ވެސް އޭރު ހެލްތް މިނިސްޓްރީން ނިންމި އެވެ.

ޑްރޯންގެ ހިދުމަތް ފެށުމަށް ސިވިލް އޭވިއޭޝަނާއި ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ގިނަ މަސައްކަތްތަކެއް ކޮށް، އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވެސް އޭރު ސަރުކާރުން ބުންޏެވެ. މިދިޔަ އޮގަސްޓު މަހު ގދ. އަތޮޅުގައި އެކަން ވަނީ ޓެސްޓު ވެސް ކޮށްފަ އެވެ.