ބިދޭސީން މެޑިކަލް ހެދުމާ ގުޅޭ އާ އުސޫލެއް ތައާރަފް ކޮށްފި
ބިދޭސީން މެޑިކަލް ހެދުމާ ގުޅޭ އާ އުސޫލެއް ތައާރަފް ކޮށްފި

ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް އާ އުސޫލެއް ތައާރަފުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އުސޫލު ތައާރަފުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ.

ބިދޭސީން މެޑިކަލް ހެދުމުގެ އުސޫލަށް ބަދަލު ގެނައީ، ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވައި ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ ހުރިހާ ބިދޭސީންނަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުމަށް ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

1. ވޯކް ވިސާގެ އިތުރުން ޑިޕެންޑެންޓް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ އަދި މެރިޖް ވިސާ ހަދައި ފުރަތަމަ އަންނައިރު އާއި އަހަރަކު އެއް ފަހަރު ހެލްތް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލް ހަދަން ޖެހުން.

2. މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ގައުމުތަކުން ބިޒްނަސް ވިސާގައި ތިބޭ މިހުން ވިސާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަން ޖެހުން

3. މެރިޖް ވިސާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހުން

4. ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ގައުމުތަކުގެ މީހުން ފައިލޭރިއާ އަށް ޓެސްޓްކުރުން (މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮސިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރެވޭނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހު)

ބިދޭސީންގެ މެޑިކަލް އުސޫލަށް ބަދަލު ގެނެސްފައި ވަނީ ބިދޭސީން ވިސާ އަށް ހުށަހަޅާއިރު މެޑިކަލް ހުށަހެޅުން ހުއްޓާލިތާ ދެ އަހަރެއްހާ ދުވަސް ފަހުން، ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިޔާ ޖެހިފައި ތިބި ބިދޭސީ ބަޔަކު މި ފަހުން ރާއްޖޭން ފެނުމުންނެވެ.