އެއް ދުވަހުން އައި ޓޫރިސްޓުންގެ އަދަދު ރެކޯޑެއް ހަދައިފި
އެއް ދުވަހުން އައި ޓޫރިސްޓުންގެ އަދަދު ރެކޯޑެއް ހަދައިފި

އެއް ދުވަހުން އައި ޓޫރިސްޓުންގެ އަދަދުގެ އާ ރެކޯޑެއް ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އަށް ވަނީ 8،900 ޓޫރިސްޓުން އައިސްފަ އެވެ.

މި މަހުގެ މިހާތަނަށް އެވްރެޖުކޮށް ރާއްޖެ އަށް 7،300 ޓޫރިސްޓުން ކޮންމެ ދުވަހަކު ވެސް އާދެ އެވެ. މި އަހަރުގެ މިހާތަނަށް 235،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 14 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެ އަށް މި ވަގުތު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 28،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިޓަލީން އަންނަ އިރު އެ ގައުމުން އައީ 23،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ.

މިދިޔަ އަހަރު ނިމުނު އިރު އެއް ވަނައިގައި އޮތް އިންޑިއާ މި ވަގުތު އޮތީ އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓުތަކުގެ ފަސް ވަނައިގަ އެވެ. އެ ގައުމުން ވަނީ 17،000 ޓޫރިސްޓުން އައިސްފަ އެވެ.

ސަރުކާރުގެ ބަޖެޓުގައިވާ ގޮތުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށްވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ޓާގެޓަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.