08 ފެބުރުއަރީ 2024 - 11:53

ބީއެމްއެލްގެ ނަމުގައި އަނެއްކާވެސް ފޭކް މެސެޖެއް ދައުރުވަމުން ދާތީ ސަމާލުވާން އެދިއްޖެ އެވެ.
"ބީއެމްއެލް އެލާޓް" ނަމުގައި ބަޔަކު ސްކޭމްކުރުމަށް ފޮނުވަމުންދާ މެސެޖުގައި ބުނެފައި ވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓު ލިމިޓުވެފައިވާ ކަމަށާއި އެކައުންޓު ރީއެކްޓިވޭޓުކުރުމަށް މެސެޖުގައިވާ ލިންކަށް ވަނުމަށެވެ.
ބީއެމްއެލްއިން ކުރި ޓުވީޓްގައި ބުނެފައި ވަނީ އެއްވެސް ލިންކަކަށް ވަނުމަށް އެދި އެ ބެންކުން މެސެޖުނުކުރާނެ ކަމަށެވެ. އެ މެސެޖަކީ ބީއެމްއެލްގެ މެސެޖެއް ނޫން ކަމަށާއި އެފަދަ މެސެޖުތަކަށް ސަމާލުވުމަށް އެ ބެންކުން ވަނީ އެދިފަ އެވެ.
ފައިސާ ހޯދަން ހިންގާ އެކި ސްކޭމްތަކުގައި މީގެކުރިން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައި، މެސެޖުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 1،657 ވުރެ ގިނަ ސްކޭމް މައްސަލަ ބީއެމްއެލްއަށް ހުށަހަޅާފައިވާ ކަމަށް އެ ބެންކުންވަނީ ބުނެފަ އެވެ.
ބީއެމްއެލްއިން އަންނަނީ މެދުނުކެނޑި ސްކޭމްތަކަށް ސަމާލުވުމަށް އާއްމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ. އަދި އެ ބޭންކުން ވަނީ އޮންލައިން ބޭންކިންގެ ފީޗާތައް ވެސް ވަރުގަދަކޮށްފަ އެވެ.