ސިޓީގެ ޖީސަސް އަށް ސީޒަން ނިމުމުގެ ބިރާ ކުރިމަތިވެއްޖެ
ސިޓީގެ ޖީސަސް އަށް ސީޒަން ނިމުމުގެ ބިރާ ކުރިމަތިވެއްޖެ

ލަންޑަން (ޖެނުއަރީ 15) - ފައިތިލަ އަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން މެންޗެސްޓާ ސިޓީގެ ޒުވާން ފޯވާޑް ގަބްރިއެލް ޖީސަސް އަށް ސީޒަން ނިމުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ބޯންމައުތު އަތުން ސިޓީ މޮޅުވި މެޗުގެ 13 ވަނަ މިނިޓްގައި ލިބުނު އަނިޔާގެ ސަބަބުން ޖީސަސް ވަނީ ބަދަލުކޮށްފަ އެވެ. ޓެސްޓްތަކުން ދެއްކި ގޮތުގައި އޭނާގެ ފައިތިލައިގައި ވަނީ ރެނދު ލައިފަ އެވެ.

ސިޓީން ބުނީ ޖީސަސް ކުޅުމާ ދުރު ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ބުނަން ނޭނގޭ ކަމަށާއި އުއްމީދުކުރަނީ މި ސީޒަން ނިމުމުގެ ކުރިން އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން އެންމެ އަވަހަށް ވެސް ޖީސަަސް އަށް އަލުން ދަނޑަށް ނުކުމެވޭނީ މަދުވެގެން ތިން މަސް ފަހުންނެވެ.

ބްރެޒިލް ލީގުން ވިދާލި އުމުރުން 19 އަހަރުގެ ޖީސަސް އަކީ ސިޓީގެ އިތުރުން ބްރެޒިލް ގައުމީ ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އޮލިމްޕިކް ރަން މެޑަލް ހޯދި ބްރެޒިލް ޓީމުގައި ހިމެނޭ ޖީސަސް ވަނީ އެންމެ ފަހުން ބްރެޒިލް ސީނިއާ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗުތަކުގައި ކުޅެފަ އެވެ.

ބްރެޒިލްގެ ކްލަބް ޕަލްމެއިރަސް ދޫކޮށް 27 މިލިއަން ޕައުންޑަށް ސިޓީއާ މިދިޔަ މަހު ގުޅުމަށް ފަހު މިހާތަނަށް ސިޓީ އަށް ކުޅެދިން މެޗުތަކުން އޭނާ ވަނީ އެ ޓީމަށް ތިން ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ޖީސަސް ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފަހަތައް ޖައްސާލުމަށް ފަހު އެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ޖީސަސް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔެއްގެ ތައުރީފް އޭނާ އަށް އަންނަނީ ލިބެމުންނެވެ. ހޯމަ ދުވަހުގެރޭގެ މޮޅާ އެކު ސިޓީ ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޖެހިލާފައިވާއިރު، އެ ޓީމު އަންނަނީ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގައި ވެސް ވާދަކުރަމުންނެވެ. ޖީސަސް ނެތުމަކީ ސިޓީ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.