ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ކޮމިޓީން ފާސްކޮށްފި
ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ކޮމިޓީން ފާސްކޮށްފި

ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައިވާ ގޮތުން، މަޖިލީހުގެ މި އަހަރުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ، އެ ދުވަސްވަރު އިންތިހާބު ނުބޭއްވުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ ހުށަހަޅައިފަ އެވެ.

އެހެންވެ، ރޯދައިގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. އެކަން ދިރާސާކުރަން ވަގުތީ ކޮމިޓީއެއް އެކުލަވާލައި އިއްޔެ އާއި މިއަދު ވަނީ ބައްދަލުވުން ބާއްވައިފަ އެވެ.

އެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަކާ ދިމާވާނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ ނިމޭތާ 10 ދުވަސް ފަހުން ކަމަށެވެ. އޭގެ އިތުރުން، ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުމަށް ވެސް ފާސްކޮށްފައިވެ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފަ އެވެ. އެއާއެކު، މިއަދުގެ ވަގުތެއްގައި ތަޅުމަށް އެ ރިޕޯޓު ފޮނުވާނެ ކަމަށް، ކޮމިޓީޗެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.