އެންމެ މަގުބޫލު "ނޮކިއާ 3310" އަލުން ބާޒާރަށް
އެންމެ މަގުބޫލު "ނޮކިއާ 3310" އަލުން ބާޒާރަށް

މިހާތަނަށް އެންމެ އިތުބާރާ އެކު ބޭނުންކުރި އަދި ގަޔާވި މޯބައިލް ފޯނަކީ، މޯބައިލް ފޯނު މާކެޓުގައި އަހަރުތަކެއް ކުރިން ރަސްކަންކުރި ނޮކިއާއިން ނެރުނު "3310" ކަމަށް އެއްބަސްވާ މީހުން ގިނަ އެވެ. މީގެ 17 އަހަރު ކުރިން ބާޒާރަށް ނެރުނު މި ފޯނަކީ މިހާރު މި ގެންގުޅޭ ސްމާޓްފޯންތަކުގެ ފެށުން ކަމަށް އޮތީ ގަބޫލުކުރެވިފަ އެވެ.

ވާދަވެރިންނާ އެކު ރޭހުގައި ހިފަހައްޓާނުލެވި ފެއިލްވި ނޮކިއާ އަލުން މޯބައިލް ފޯނު މާކެޓްގައި ބާރުގަދަކުރަން ފަށާފައިވާ މަސައްކަތުގައި މިހާރު ނިންމާފައި ވަނީ އެ ކުންފުނިން މިހާތަނަށް އުފެއްދި އެންމެ މަގުބޫލު ފޯނު ކަމަށްވާ "3310" އަލުން ބާޒާރަށް ނެރޭށެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އަދި އެންމެ އިތުބާރު ބޮޑު ފޯނު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މި މަހު އޮންނަ މޯބައިލް ވޯލްޑް ކޮންގްރެސްގައި މި ފޯނު އަލުން ދައްކާލާނެ ކަމަށް، މިކަމާ ބެހޭ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރި އީވާން ބްލާސް ވަނީ ބުނެފަ އެވެ. އޭނާ އަކީ މޯބައިލް ފޯނުތައް ބާޒާރަށް ނެރުމުގެ ކުރިން އެ ތަކެއްޗާ ބެހޭ ވަރަށް ގިނަ ސައްހަ މައުލޫމާތު މީގެ ކުރިން ވެސް ލީކުކޮށްފައިވާ އިތުބާރު ހިފޭ މީހެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފަ އެވެ.

ނޮކިއާގެ މި ފޯނުގެ އަގު އުޅޭނީ 80 ޑޮލަރަށް ވުރެ ދަށުގައި ކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެ އެވެ.

މިހާރުވެސް މީހުން ބޭނުންކޮށްފައި ހުންނަ "ނޮކިއާ 3310" އޮންލައިން ފިހާރަކުން ލިބެން އެބަހުއްޓެވެ. އެކަމަކު 2000 ވަނަ އަހަރު ބާޒާރަށް ނެރުނު މި ފޯނު ނޮކިއާ ކުންފުނިން މިހާރަކު ނުވިއްކަ އެވެ.

ނޮކިއާއަށް ކުރިމަތިވި ނާކާމިޔާބީއާ ހެދި އެންމެ ފަހުން ފޯނުގެ ވިޔަފާރި މައިކްރޮސޮފްޓަށް ވިއްކާލި އެވެ. އެކަމަކު މިހާރު ނޮކިއާ ބްރޭންޑުގެ ފޯނު ވިއްކަނީ ފިންލެންޑުގެ ކުންފުންޏެއް ކަމަށްވާ އެމްއެމްޑީ ގްލޯބަލްއިންނެވެ.

މޯބައިލް ވޯލްޑް ކޮންގްރެސްގައި ނޮކިއާއިން ސްމާޓްފޯނުތަކެއް ވެސް ދައްކާލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމަކު "3310" އެނބުރި އަންނަ ވާހަކައާ އެކު ސަމާލުކަން ވަނީ އިތުރުވެފަ އެވެ.