07 ފެބުރުއަރީ 2024 - 13:19

ރާއްޖޭގެ އިގުތިސޯދާއި ދަރަނީގެ ހާލަތު އޮތް ނާޒުކު ފައްތަރުން އަރައިގަންނަން ސަބްސިޑީ ދިނުމުގެ އުސޫލާއި ފައިސާ ޗާޕުކުރުން ހުއްޓައިލުން ފަދަ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔައިފި އެވެ.
ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ހާލަތު ވަޒަން ކުރަން މިދިޔަ މަހުގެ 23 އިން އިއްޔެ އާ ހަމައަށް އައިއެމްއެފުގެ ވަފްދެއް ރާއްޖެ އަށް ކުރި ދަތުރަށް ފަހު ނެރުނު ވަގުތީ ބަޔާނުގައި ބުނީ ކޮވިޑަށް ފަހު 2022 ވަނަ އަހަރު 13.9 ޕަސަންޓުން ދިވެހި އިގުތިސޯދު ކުރި އެރި ކަމަށެވެ.
އަދި މި އަހަރު ވެސް ރާއްޖޭގެ އިގުތިސޯދު 5.4 ޕަސަންޓު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބުންޏެވެ. އެކަމުގެ ފަހަތުގައި މައިގަނޑު ގޮތެއްގައި އޮތީ އެ ބަޔާނުގައި ބުނި ގޮތުގައި، ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމާއި އިތުރު ރިސޯޓުތައް ހުޅުވި ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވުމެވެ.
އެކަމަކު އެ އަންދާޒާތަކުގެ ވަށައިގެން އޮތް ހިރާސްތަކާއި ނުރައްކާތައް ބޮޑު ކަމަށް އައިއެމްއެފުން ބުންޏެވެ.
"ސިޔާސަތަށް މާބޮޑު ބަދަލެއް ނުގެންނަމަ، ޖުމްލަ ޑެފިސިޓާއި އާންމު ދަރަނި މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ބޭރުގެ އަދި ޖުމްލަ ދަރަނީގެ ދަތިކަމުގެ ނުރައްކާ ބޮޑު،" އެ ވަފްދުގައި އިސްކޮށް ހުންނެވި ޕިޔާޕޯން ސޮޑްސްރިވިބޫން ވިދާޅުވި އެވެ.
އެ ނުރައްކާތަކާއި ހިރާސްތައް ކުޑަކުރަން މި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ފިސްކަލް އިސްލާހީ އެޖެންޑާ އަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި މިހާރު ގެންގުޅޭ ސަބްސިޑީ ދިނުމުގެ އުސޫލު ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތައް އިސްކަން ދޭ ތަރުތީބަކުން ހިންގުމަށް ނިންމާފައިވާ ނިންމުން ސޮޑްސްރިވިބޫން ވަނީ އެ ބަޔާނުގައި ފާހަގަކުރައްވައިފަ އެވެ.
"...އެމްއެމްއޭ މެދުވެރިކޮށް ޕަބްލިކް އެކައުންޓު އޯވާޑްރޯ [ފައިސާ ޗާޕުކުރުން] ކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ފެށުމެއް،" އޭނާ ވިދާޅުވި އެވެ.
އަދި ކުރިއަށް ތަނުގައި ވިޔަފާރިކުރުމުގެ މާހައުލު ރަނގަޅުކޮށް، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހުނަރު ތަރައްގީކުރުން އިތުރުކުރުމަކީ ވެސް ހަރުދަނާ، ވަށައިޖެހޭ އަދި ދެމެހެއްޓެނެވި އިގުތިސޯދީ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.