ރައީސްގެ ކެމްޕެއިންގެ ވާހަކަފުޅު ހިމެނޭ ފޮތް އިދާރާތަކަށް ބަހަނީ
ރައީސްގެ ކެމްޕެއިންގެ ވާހަކަފުޅު ހިމެނޭ ފޮތް އިދާރާތަކަށް ބަހަނީ

މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކެމްޕެއިނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތް ޗާޕްކޮށްގެން މިހާރު ގެނެސްފައިވާ ކަމަށާއި އެކިއެކި އިދާރާތަކަށް އެ ފޮތް ފޮނުއްވާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕެއިންގެ ވާހަކަފުޅު ހިމެނޭ ފޮތް އިދާރާތަކަށް ބަހަނީ
ރައީސްގެ ކެމްޕެއިންގެ ވާހަކަފުޅު ހިމެނޭ ފޮތް އިދާރާތަކަށް ބަހަނީ

ރައީސްގެ މަގާމުގެ ހުވާކުރެއްވުމުގެ ދެ ދުވަަސް ކުރިން ލޯންޗުކުރި އެ ފޮތުގައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނައިފަ އެވެ. އެއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ 33 ދުވަހާއި ދެ ވަނަ ބުރުގެ ކެމްޕެއިންގެ 20 ދުވަހުގެ ދަތުރުފުޅުތަކުގައި ދެއްކެވި ވާހަކަފުޅުތަކެވެ.

ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ފޮތުގެ ބޭނުމަކީ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި ވީ ވައުދުތައް ގެއްލިޔަ ނުދީ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި ރައްޔިތުންގެ ހަނދާނުގައި އެ ވާހަކަފުޅުތައް އަބަދަށް ހަރުލެއްވުން ކަަމަށެވެ.

"މިހާރު ރަނގަޅު ފެންވަރަކަށް ޗާޕްކުރެވި، އެ ފޮތްތައް މި ހަފުތާ ތެރޭގައި މާލެ އަށް ވެސް ލިބިފައި ވަނީ. ހުރިހާ ރަށަކާއި ކައުންސިލްތަކަށް ފޮނުވާނަން. ސްކޫލުތަކަށް ފޮނުވާނަން. އަދި ރަސްމީ އިދާރާތަކަށް ފޮނުވާނަން،" ރައީސް ވިދާޅުވި އެވެ.

"ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަދި އޮންލައިންކޮށް، ޑިޖިޓަލީ ވެސް ކިޔައިލެވޭނެ. އެހެންވީމާ ވެސް އެހާ ސާފުކޮށް ފެންނަން އޮންނަ ގޮތަށް މި ކަންކަން ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި މި އޮތީ."

ރައީސް މުއިއްޒު ރޭ ވިދާޅުވި ގޮތުގައި ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދައި ދިނުމަކީ އެ މަނިކުފާނުގެ ވާޖިބެކެވެ. ވިދާޅުވީ، ބަހާއި އަމަލާ ދިމާވާން ޖެހޭނެ ކަމަށެވެ.

"ދުލުން ބޭރުކުރާ ކޮންމެ ބަހަކީ އެ ބަސް ދުލުން ބޭރުވުމަށް ފަހު އެ ބަހުގެ އަޅަކަށް އެ ބަސް ބުނި މީހާ ވާނެ. އެ ބަސް ތެދުކުރުމަކީ އެ މީހާގެ ޒިންމާއެއް. އެހެންވީމާ އެ ޒިންމާދާރުކަމާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވެ މިހާތަނަށް އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް އަކުރުން ފިއްޔަށް އެ ކަން ހާސިލް ކޮށްދިނުމަކީ އަޅުގަނޑުމެން ކުރާނެ މަސައްކަތް."

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ކެމްޕެއިންގައި ވޭމަންޑު އަށް ވެވަޑައިގެންނެވި ވައުދުތައް ވެސް މި ސަރުކާރުގައި ފުއްދަވާނެ ކަމަށެވެ. އަދި އެ ވައުދުތައް ތަކުރާރު ކުރައްވައި އެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ކުރައްވާނީ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި އަމިއްލަ އިގުތިސާދީ ބާރުވެރިކަމާއި ސިއްހީ ރަނގަޅު ހިދުމަތާއި އެކިއެކި ސިނާއަތްތަކުގައި މަސައްކަތް ކުރެވޭނެ މީހުންނަށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ކަމަށް ވިދާޅުވި އެވެ.