12 ޖޫން 2016 - 09:48

ހެދުމާއި އަތް ދަބަސް، ގަހަނާ، ބޫޓު ފަދަ އެކްސަސަރީޒް ބޭނުންކުރާ ގޮތަކުން ތިމާގެ ހަށިގަނޑުގެ ރޫފަ ނުވަތަ އިސްކޮޅަށް، ފެންނަ ފެނުމަށް ބޮޑު ބަދަލުތަކެއް ގެނެސްދޭނެ އެވެ. ބޫޓުގެ ސްޓައިލުން ތަފާތުކަމެއް ގެނެސްދެވޭނެ އެވެ. ތިމާ އަކީ ކުރު މީހެއް ނަމަ، ނުވަތަ އިތުރަށް ދިގުކަމަށް ދައްކަން ބޭނުންވާ ދުވަހެއްގައި ވަރަށް ފަސޭހަ ދެ ކަމެއް ކޮށްލުމުން ބޮޑު ބަދަލުތަކެއް ފެންނާނެ އެވެ.

ބޫޓުގެ ކުލައިން ފައި އިތުރަށް ދިގުކަމަށް ދެއްކޭނެ އެވެ. ގައިގެ ހަމުގެ ކުލަ އާއި އެއްކުލައެއްގައިވާ ބޫޓަކަށް އަރާލުމުން "އޮޕްޓިކަލް އިލޫޝަނެއް" ގޮތުގައި ފަޔާއި ފައިތިލަ ރީތިކޮށް ގުޅިފައި ދިގުކަމަށް ފެންނާނެ އެވެ. ހީލްސް ނުވަތަ ކައްޓެއް ލައިފަ ހުންނަ މިވައްތަރުގެ "ނޫޑް" ބޫޓަކަށް އަރާލުމުން ރީތި ވާނެ އެވެ.
ފައި ހިމަވެފައި އިސްކޮޅު ދިގުކަމަށް ދައްކާލަން ކޮޅަށް ތޫނުކޮށް ހުންނަ ބޫޓު ސްޓައިލެއް އެކަށީގެންވެ އެވެ. މިވައްތަރުގެ "ޕޮއިންޓަޑް ޓޯ" ބޫޓު މިހާރު ތިރިކޮށް އަދި އުސްކޮށް ވެސް ހުރެ އެވެ.
ވީމާ ތިރި ނުވަތަ އުސް "ޕޮއިންޓަޑް ޓޯ" ބޫޓަކަށް އެރިޔަސް ފައި ދިގުކަމަށް ދައްކާނެ އެވެ. އަދި މިސްޓައިލަކީ އޮފީހަށް ނުވަތަ މިފަދަ ރަސްމީ މުނާސަބަތުތަކަށް އަރާލަން ރީތި އަދި ޒަމާނީ ބޫޓެކެވެ.