އާލިޔާ
އާލިޔާ

އާދިއްތަ ދުވަހާ ގުޅޭ

ތަން ނުފެނުނަސް އަހަންނަށް ވަހެއްދުވިއެވެ. ގިނަ އިރު ބަންދުކޮށްފައިހުންނަ ތަންތަނުން ދުވާ ކަހަލަ ވަހެކެވެ. ކިނާންގެ އެދުމަށް އަހަރެން ލޯހުޅުވައިލީމެވެ. ހަގީގަތުގައި ވެސް އަހަރެންނަށް ވަރުގަދަ ސިހުމެއް ލިބުނެވެ. އެއީ ހަމަ އެކަނި ހަތަރު ފާރެވެ. ތަނުގައި އެކައްޗެއް ނެތޭ ބުންޏަސް ރަނގަޅުވާނެއެވެ. ހައިރާންވެފައި ކިނާނަށް އަހަރެން ބަލައިލީމެވެ. ކިނާންގެ މޫނުމަތިން އުފާވެރިކަން ނޫން އެހެން އެއްޗެއް ނުފެނެއެވެ. ހީވާ ކަހަލައެވެ. އަހަންނަށް ވަދެވުނީ ގަނޑުވަރަކަށެވެ.

"ސަޅި؟ އަހަރެން ބޭނުންވީ ސަޕްރައިޒެއް ދޭން،" ކިނާން ބުންޏެވެ. "ކިހާ ތަނަވަސް."

ތަން ވަރަށް ކުޑައެކޭ ނުބުނެވޭނެއެވެ. ހަޑިއޭ ބުނާކަށް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު އެއްވެސް ފަރުނީޗަރެއް ނެތެވެ. އެ ތަނުގައި ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟ ކައްކައިކަނީ ކިހިނެއްހެއްޔެވެ؟ އަހަރެން ހިތަށްއެރިއެވެ. ކިނާނަކީ ކިހިނެއް ވިސްނާ މީހެއްހެއްޔެވެ؟ އޭނަގެ ބުއްދި ހަމަހެއްޔެވެ؟

"އެއްވެސް އެއްޗެއް ނެތެއްނު!" އަހަންނަށް ބުނެވުނީ އެހެންނެވެ. "ކޮބާ ޓޮއިލެޓް؟"

ބަދިގެކަމަށް ކިނާން ބުނި ތަނަށް ވަން އިރު، ކަބަޑެއް ނެތެވެ. ސިންކު ހުއްޓެވެ. އިސްކުރެއް ނެތެވެ. އުނދުނެއް، ދޮންނަމެޝިނެއް، އައިސްއަލަމާރިއެއް، ހިފައިގެންގުޅޭ ސާމާނެއް ނެތެވެ. ކަރަންޓު ތަރުމޯޒަކާއި، އެންމެ ޖޯޑަކާއި، އެންމެ ސަމުސަލަކާއި، ކޮފީދަޅަކާއި، ފެންކޭހެއް ހުއްޓެވެ. ތަޅުންގަނޑުގައި އިސްޕަންޖު ގޮދަޑިއެއް އޮތެވެ. ބެޑުޝީޓެއް، ބާލީހެއް ނެތެވެ. ކޮނޑުއަޅުވާ ހަރެއް ހުއްޓެވެ. އޭގައި އަންނައުނު އަޅުވާފައި ހުއްޓެވެ. އަލަމާރިއެއް، ދޮރުފޮއްޗެއް ނެތެވެ. ތަން ވަރަށް ސާފެވެ. ކުނިކޮޅެއްހައި ހިސާބު ވެސް ނެތެވެ. ފާހާނައިގައި އެކަކަށް ފުދޭ ވަރަށް ސާމާނު ހުއްޓެވެ. ތުވާއްޔަކަށް އޮތީ ކުޑަ ތުވާއްޔެކެވެ. އެ ތަން ވެސް ވަރަށް ސާފެވެ. އިސްތަށްޓެއްހައި ހިސާބު ވެސް ނެތެވެ. ކިނާނަކީ ކަންނެތް މީހެއް ނޫނެވެ. ގޮނޑުމީހެއް ވެސް ނޫނެވެ. ދެން ކޮން ކަހަލަ މީހެއްހެއްޔެވެ؟

"ކައްކައިކެވޭނެ ގޮތެއް ހަދަންވާނެއްނު،" އަހަރެން ބުނީމެވެ. "އަންނައުނު ދޮވެ އިސްތިރިކުރަން ޖެހޭނެ. އެނދަކާ، ކުޑަ ވަރެއްގެ މޭޒަކާ، ދެ ގޮނޑި ވަރު ނަމަވެސް ޖެހޭނެ ހުންނަން."

އަހަންނަށް ވިސްނުނު ގޮތުގައި ކިނާން ކަނީ ހޮޓަލުންނެވެ. ނުވަތަ ތިމާގެ މީހެއްގެ ގެއިންނެވެ. ދޮވެއިސްތިރިކުރަނީ ކިހިނެއްކަމެއް ނޭނގެއެވެ. އަހަރެންގެ ގިނަ ވަގުތު ހޭދަވާނީ އޮފީހުގައެވެ. ބައިވަރު އަންނައުނާއި، ޒީނަތްތެރިވާ ސާމާނު ހުންނާނެއެވެ. އެ އެއްޗެހި ބަހައްޓާނީ ކޮން ތާކުހެއްޔެވެ؟ ދޫނިފަތު ގޮދަޑިއެއް ނޫނަސް، އަހަންނަކީ އެނދު ނޫން ތަނަކު ނިދި މީހެއް ނޫނެވެ. އެނދުގައި ފޮތިގަނޑެއް ނެތަސް ބޯއަޅާނެ ބާލީހެއް އޮންނަންޖެހޭނެއެވެ. އެހެން ނޫނީ އަހަންނަކަށް ނުނިދޭނެއެވެ. ތުނި އިސްޕަންޖު ގޮދަޑިއެއްގައި ނިދޭނެބާއޭ ވެސް ހިތަށްއެރިއެވެ. އިނދެގެން ފިރިމީހާގެ ގެއަށް ދިޔަތާ ގަޑިއެއްގެ އިރު ނުވަނީސް އެނބުރި ގެއަށް ދާނީ ކިހިނެއްހެއްޔެވެ؟ ކިނާނާ ބެހޭ ގޮތުން ދައްތައާއި މަންމަ ގާތުގައި އަހަންނަށް ވަރަށް ފޮނިކެނޑުނެވެ.

"އާނ! އަހަރެން ވެސް ހިތަށްއެރިއޭ ތިހެން،" ކިނާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އެކަމަކު އާލިޔާއަށް ކަމުދާ، ރީތި އެއްޗެހިތާ ގަންނަންވާނީ. އޭރުންތާ އަމިއްލަ ގެހެން އާލިޔާއަށް ވެސް ހީވާނީ. ހިނގާ އެ ކަމާ ނުކުންނަމާ!"

އެ ގޮތް އަހަންނަކަށް ގޯހެއް ނޫނެވެ. ކިނާންގެ އެޕާޓުމަންޓަށް އެއްޗެހި ގަތުމުގައި އަހަރެންގެ ލަފާހޯދާތީ ވަރަށް އުފާވިއެވެ. އެއީ ވެސް ކިހައި ރަނގަޅު ސިފައެއްހޭ ހިތަށްއެރިއެވެ. އަހަރެން ވިސްނީ ފައްސިކޮށެވެ. ފުރަތަމަ އަހަރުމެން ދިޔައީ ރެސްޓޯރަންޓަކަށެވެ. ކައިނިމިގެން ބިލުދެއްކި ވަގުތު ކިނާން ފާހާނައަށް ދާންޖެހިގެން ބިލުދެއްކީ އަހަންނެވެ. ދެން ފެށުނީ ފަރުނީޗަރު ހޯދުމުގެ މަސައްކަތެވެ. އަހަންނަށް ކަމުދާ ފަރުނީޗަރު ފެނުނީ ތިންވަނައަށް ވަދެވުނު ފިހާރައިންނެވެ. ލަސްވެގެނެއް ކިނާން ނޫޅެއެވެ. ފާޑެއް ވެސް ނުކިޔައެވެ. އެއިން ކޮންމެ ސިފައެއް ވެސް އަހަރެން ނޯޓުކުރީ ރަނގަޅު ސިފައެއް ގޮތުގައެވެ. ފިރިހެނުންނަކީ ވަރަށް ލައިނުގަނެގެން އުޅޭ ބައެކެވެ.

"އާލިޔާއަށް ކަމުދާ ހުރިހާ އެއްޗެއް ނަގާ!" ކޮންމެ އެއްޗެއް ވެސް ގަނެދޭނަމޭ ބުނާ ކަހަލަ ރާގެއްގައި ކިނާން ބުންޏެވެ. "އަހަންނަށް މައްސަލައެއް ނެތް ކޮންމެ ކުލައެއް ނެގިޔަސް. ވައިޓް ވަރަށް ގުޅޭނެ. މި ތާ ހުންނާނެ ވަރަށް ސަޅި ޑައިނިން ޓޭބަލާ، އުލާ، ސަމުސަލާ އެއްޗެހި ވެސް. މެމޮރީފޯމް ގޮދަޑި ވަރަށް އަރާމުވާނެ. އިޖިޕްޝަން ކޮޓްން ބެޑްޝީޓް ހުންނާނެ އެކޮޅުގަ."

ރަނގަޅު އެއްޗިއްސާއި، މޮޅެތި އެއްޗެހި ވެސް ކިނާނަށް އެނގެއެވެ. ބޭނުންވީ އެ ކަހަލަ ފިރިއެކެވެ. ކޮންމެ ކަމަކަށް ވެސް ހިޔާލުދެވެން ޖެހޭނެއެވެ. ފަހުގެ ނިންމުން ނިންމަން އަހަންނަށް ދޫކޮށްލަން ވެސް ޖެހޭނެއެވެ. އެއްޗެހި ގަތުމުގައި އަހަރެން އަގަކަށް ނުވިސްނަމެވެ. ވިސްނީ ސައިޒަށެވެ. ރީތިކަމަށެވެ. ބާލީހާއި ގޮދަޑި ވެސް ގަތީމެވެ. މުޅި ޖުމުލަ ސާޅީސް ތިން ހާސް ރުފިޔާ އެރިއެވެ. ކައުންޓަރުގައި އިން ކުއްޖާ ބިލު ދިއްކޮށްލިއެވެ.

"އަހަނ!" ޖީބުގައި އަތްޖައްސައިލާފައި ކިނާން ބުންޏެވެ. "ވޮލަޓް ނުލާ މި ނުކުމެވުނީ. ކޭޝްކާޑު ވެސް ވޮލެޓްގަ އޮންނާނީ. އާލިޔާ ޕޭކޮށްލަންވީނު. އަހަރެން ފަހުން ޓްރާންސްފާކޮށްލާނަން."

އަހަރެން ވަގުތުން ފައިސާދެއްކީމެވެ. ތަނާއި ވަގުތަށް ބަލާފައި އެހެން ގޮތެއް ނެތީއެވެ. އަހަރުމެން ދެމީހުން އެކަނި ތިއްބާ އެ މައްސަލަ ނުކުތް ނަމަ، ދެވަނަ ވިސްނުމަކަށް ދިޔައީމުހެވެ.

"ވަރަށް ބޮޑަށް ސޮރީ އިނގޭ!" ވަރަށް އިހުތިރާމާ އެކުގައި ކިނާން ބުންޏެވެ.

"އެ އޯކޭވާނެ!" އަހަރެން ބުނީ ހިތުގައި އޮތް ގޮތަކަށް ނޫނެވެ. "ނަސީބެއްނު އަހަންނަށް ކާޑު ގެނެވުނުކަން."

ހިތުގައިއޮންނަ ގޮތަށް ބުނަން ނުކެރުމަކީ މައްސަލައެކެވެ. ކޭޝްކާޑު ނުގެނެވޭތީ ކިނާން ބޭނުންވީ އެ ދުވަހަށް ބާޒާރުކުރުން ދެން ނިންމައިލާށެވެ. އަހަރެން ހިތަށްއެރިއެވެ. ނުކުމެވުނު ދުވަހު ވީހައި ވެސް ގިނަ އެއްޗެއް ގަތުން ބުއްދިވެރިއެވެ. އެހެން ނޫނީ ފަހުން އަހަންނަށް ވަގުތު ނުލިބިދާނެއެވެ. ފަހުން ކިނާން ފައިސާދެންޏާ މައްސަލައަކީ ކޮބައިހެއްޔެވެ؟ އެ ދުވަހު ދޮރުފޮއްޗާއި، ހިފައިގެންގުޅޭ ސާމާނާއި، އައިސްއަލަމާރިއާއި ދޮންނަމެޝިން ފަދަ ހުރިހައި އެއްޗެއް ވެސް ގަތީމެވެ. އަހަރުމެން ދެމީހުން ވެސް ބޭނުންވީ، އަވަހަށް ހަލާކުނުވާ، ރަނގަޅު އެއްޗެހި ގަންނާށެވެ. ޖުމުލަ ހަތްދިހަ ހާހެއްހައި ރުފިޔާގެ ސާމާނު ގަތީމެވެ. ކައިވެނިކުރިތާ ސައުވީސް ގަޑިއިރު ނުވާ ފިރިމީހާއަށް އަހަރެން ވަރަށް ބޮޑު އިތުބާރެއްކުރީމެވެ. އެއީ މައްސަލައެކެވެ.

ގެއަށް އައީ ދެ ދުވަހަކަށް ވާ ވަރަށް ކާއެއްޗެހި ގަނެގެންނެވެ. ފައިސާދެއްކީ އަހަންނެވެ. ގެއަށް ވަދެފައި ކިނާން ވަނީ ފާހާނަޔަށެވެ. އަހަރެން ގޮދަޑީގައި އިށީނދެލައިގެން އިނީއެވެ. ކުރެވޭނެ އެހެން ކަމެއް ނެތެވެ. ހިތަށްއެރިއެވެ. ކިނާން ކަހަލަ މީހަކު އެ ތަނުގައި ދިރިއުޅެނީ ކިހިނެއްހެއްޔެވެ؟ ދެން އެ ދުވަހު ކުރި ކަމަކީ، ދައްތަ ގޭގައި ހުރި އަހަރެންގެ ހުރިހައި ސާމާނުތައް އެޕާޓުމަންޓަށް ބަދަލުކުރުމުގެ މަސައްކަތެވެ. ޕިކަޕަށް ފައިސާދިނީ ވެސް އަހަންނެވެ. ގެއަށް އައިސްފައި ވޮލަޓުގެ ވާހަކައެއް ކިނާން ނުދައްކައެވެ. އަހަރެންގެ ފައިސާ އަނބުރައި ދޭކަށް ވެސް ނޫޅުނެވެ. އަހަންނަކީ ކެރޭ މީހެކެވެ. އެހެނަސް، ލާރިކޮޅު ކޮބައިހޭ އަހާކަށް ނުކެރުނެވެ. ކިނާން އިސްވެ އެ ވާހަކަދައްކާނެކަމަށް މަޑުކުރީއެވެ. އެއީ ވެސް މައްސަލައެކެވެ.

ނިދާ ވަގުތު ޖެހުނެވެ. ބެޑުޝީޓާއި ބާލީސް ގަނެވުނުކަން ނަސީބެކޭ ހިތަށްއެރިއެވެ. އަހަރެން އޮށޯތީމެވެ. ކައިވެނީގެ ފުރަތަމަ ރެޔަކީ ހާއްސަ ރެޔެކެވެ. އިންތިޒާރުކުރެވޭ ރެޔެކެވެ. އެކަމަކު އަަހަރެން އޮށޯތީ ހިތްހަމަޖެހިގެނެއް ނޫނެވެ. އެތައް ކަމަކާ ހެދި އަހަރެން އޮތީ ވަރަށް އުނދަގޫވެފައެވެ. ކިނާނަށް އެ ރެޔަކީ ކައިވެނީގެ ފުރަތަމަ ރެޔެވެ. ނުތަނަވަސްކަމެއް، ފިކުރެއް ނެތެވެ. މާމުއިހަނދުގެ ފޮނިކަން ފިސާރި ރަނގަޅަށް އޭނަ ހޯދިއެވެ. އަހަރެން ހުރިހައި ޝަކުވާއެއް ދިރުވައިލީއެވެ. މައްސަލައިގެ ބޮޅުފައްޗަށް އަނެއްކާ ވެސް ބޮޅެއް އިތުރުވީއެވެ.

އިރުއެރިއެވެ. ކިނާން ވަރަށް އަރާމުކޮށް ނިދާފައިއޮތެވެ. ގާތުގައި އޭނަ އޮތް ނަމަވެސް، އަހަރެންގެ ލޯހުޅުވުނީ ފަޅު ކޮޓަރިޔަކަށެވެ. ވަރަށް އެހެން ގޮތެއް ހީވިއެވެ. ގަތް ފަރުނީޗަރުތައް އޭރު އަދި ނުގެނެއެވެ. ގެއިން އަހަރެން ގެނައި ސާމާނުތައް ހުރީ ފޮށިފޮށީގައެވެ. އަހަންނަށް ވިސްނެނީ އޮފީހަށްދާން އަހަރެން އުޅެންޖެހޭނެ ހާލެވެ. ތެދުވަން ހަރަކާތްކޮށްލުމާއެކު ކިނާން އަހަރެން ހިފޭއްޓިއެވެ. އޭނަ އޮތީ ނިދިކަމަށްހަދައިގެންނެވެ.

"އޮފީސް ގަޑިޖެހިދާނެ." ވަރަށް ލޯތްބާއެކު އަހަރެން ބުނީމެވެ.

"މިއަދު ޗުއްޓީކޮށްލާ!" ނިދިއަޑަކުން ކިނާން ބުންޏެވެ. "އެންމެ ދުވަހަކު އޮފީހަށް ނުދެވުނަސް އޯކޭވާނެ. އަހަރެން އާލިޔާއަށް ސައިހަދާނަމޭ! ވަރަށް ރޮމޭންޓިކް ބްރޭކްފާސްޓެއް."

އަހަރެން ހިތަށްއެރިއެވެ. އަހަންނަށް މި އިނދެވުނީ ކޮން ކަހަލަ ވިސްނުމެއްގެ މީހަކާބާއެވެ؟ އަހަރެން ސައިހަދާނަމޭ ބުނާ އިރު އެ ކަން ކުރާނެ ގޮތެއް ކިނާން ވިސްނައިލިބާއެވެ؟ ބޮޑު ވަރަކަށް ހެދޭނީ ސޭންޑުވިޗެކެވެ. ދެން ހިތަށްއެރިއެވެ. ސައިފަތް ނުގަނެވެއެވެ. މިރުހެއް، ފިޔައެއް ނެތެވެ. އެއްޗެއް ކޮށާނެ ވަޅިއެއް ނެތެވެ. އުނދުނެއް އަދި ނުގެނެއެވެ. ސައިބޮއިގެން އޮފީހަށް ނުދެވޭނެކަން އަހަންނަށް ޔަގީންވިއެވެ. އަހަންނަކީ ދުވަހަކު ވެސް އޮފީހަށް ގަނޑިޖެހުނު މީހެއް ނޫނެވެ. ވަރަށް ބަލިވެގެން ނޫނީ ސަލާމެއް ނުބުނަމެވެ. ހާޒިރީ ރަނގަޅުވެގެން އޮފީހުން ކޮންމެ އަހަރަކު ދޭ އިނާމު އަހަންނަށް ލިބޭތާ ދެ އަހަރުވެއްޖެއެވެ. ތިނެއް ހަމަވެއްޖެ ނަމަ، ހަނދާނީފިލާ މިލްކުވާނެއެވެ. އެއީ އަހަރެންގެ އަޒުމެކެވެ. ކިނާންގެ އެހީޔާ ނުލައި އަހަންނަކަށް ދެނެއް އެ ކަމެއް ނުވާނެއެވެ.

"ކޯޗެއް ތި ވިސްނަނީ؟" ކިނާން މަޑުމަޑުން ބުންޏެވެ.

"ދެން ހަމަ ވިސްނާލީ،" އަހަރެން ބުނީމެވެ. "ކޮންތާކު އަލަމާރި ބަހައްޓާނީ؟ ޑްރެސިންޓޭބަލް.."

"ތި ކަމާ އިހަށް ނުވިސްނަބަލަ!" ކިނާން އެދުނެވެ.

ކިނާނާއި އަހަރެންގެ ވިސްނުން ހުރީ ދެ ކަމަކަށެވެ. އެ ގަޑީގައި ކިނާނަށް ފޯނެއްއައިކަން އެއީ އަހަރެންގެ ނަސީބެވެ. އަހަރެން ފެންވަރައިގެން އޮފީހަށް ދާން ތައްޔާރުވީމެވެ. ތަން އާވުމާއި ތަރުތީބު ގެއްލިފައިވުމުން، އެއް ކަމެއް ވެސް ރަނގަޅަކަށް ނުދިޔައެވެ. ސައިހަދައިދޭން ބުނި ކިނާނަކަށް އެ ކަމެއް ވެސް ނުވިއެވެ. ގަޑިބަލަމުން، ތެޅެމުންފޮޅެމުން އަހަރެން ތައްޔާރުވީމެވެ. ކުޑަކޮށް ރޫހުރި ނަމަވެސް އަހަރެން ލީ އާ ހެދުމެކެވެ. ކުލައަކީ މުށިކުލައެވެ. އަހަރެންގެ ގަޔަށް އެންމެ ރީތި ކުލައެވެ. ތުންފަތުގައި ޖެއްސީ ރޯސްވުޑް ކުލައެވެ. އަހަންނާ އެންމެ ގުޅޭ ކުލައެވެ. އެއީ އަހަންނަށް ކުރެވުނު އެންމެ މޮޔަކަންތަކެވެ.

ނުނިމޭ