06 ފެބުރުއަރީ 2024 - 20:33

ރާއްޖޭގެ މިނިވަންކަން ދިވެހިންނަށް އަމިއްލައަށް ދެމެހެއްޓޭނެ ކަން ރައްޔިތުންނާއި މުޅި ދުނިޔެެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވައިފި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަޑިފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، އިންތިހާބުގެ ކުރިން ރައީސް މުއިއްޒު ކެމްޕެއިނު ކުރައްވަމުން އައި ދުވަސްވަރު ރާއްޖޭގެ މިނިވަންކަން އޮތީ ވަރަށް އުނދަގޫ ހިސާބެއްގައި ކަމަށެވެ.
ރައީސް ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށްޓާކައި ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށާއި އެ ކަންކަން ރައީސް ހާސިލް ކުރައްވަމުން ގެންދަވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން އިތުރުކުރުމަށް ރައީސްގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި ކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، މިއީ މީގެ ކުރިން ވެރިކަން ކުރި އެއްވެސް ރައީސަކު ވިސްނަވާފައިވާ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ މިނިވަންކަމަކީ އަޅުގަނޑުމެންނަށް އަމިއްލައަށް އެ މިނިވަންކަން ދެމެހެއްޓޭނެ ގައުމެއްގެ ގޮތުގައި ރައްޔިތުންނާއި މުޅި ދުނިޔެއަށް ދައްކަވާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވިސްނިފައި އޮތީ އަޅުގަނޑުމެން އަބަދުވެސް ތިބެން ޖެހެނީ ކޮންމެވެސް ބަޔަކަށް ޑިޕެންޑުވެގެންނޭ. ރައީސްގެ ދުރުވިސްނުންފުޅާއެކު އަޅުގަނޑުމެން ދެ މަހެއްހާ ދުވަހު ކުރެވުނު މަސައްކަތުން އަޅުގަނޑަށް ފާހަގަކުރެވުނީ ރައީސް އެ ކާމިޔާބީ ހޯއްދެވި ގޮތް،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާ ލަފާގެ މަތިން މިހާރު ރާއްޖޭގެ ޑިޕްލޮމެޓިކް ކަންކަން ހުރީ މިހާތަނަށް ދުވަހެއްގައި ނުދާހާ ކުރީގަ އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އޭރުގެ ތިއްބެވި ޑިޕްލޮމެޓުންނާއި ރައީސް އޮފީހުން ކުރެއްވި މަސައްކަތުގައި ނުލިބޭފަދަ ކާމިޔާބީތައް ހޯއްދަވާފައިވާ ކަމަށް ވިދާޅުވި އެވެ.