07 ފެބުރުއަރީ 2024 - 05:58

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހި ސަލާމަތްވެވޭނެ ގޮތެއް ނެތިފައި ތިބި 8،000 މީހަކު ޣައްޒާގެ މައި ހޮސްޕިޓަލުން ހިމާޔަތް ހޯދަމުން ދިޔަ ކަމަށާއި އެ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ކަމަށް ރެޑް ކްރޮސް އިން އިއްޔެ ބުނެފި އެވެ.
"ޣައްޒާގެ ހާލަތު އޮތީ ކާރިސާއެއްގެ ތެރޭގައި ވެސް ނޯންނަހާ ނުރައްކާކޮށް،" އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރްރީ) ގެ ތަރުޖަމާނު ޓޮމާސޯ ޑެލާ ލޮންގާ ވިދާޅުވި އެވެ.
ޖެނީވާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ 8،000 މީހަކު ހިމާޔަތް ހޯދަމުން ދިޔައީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މައި ހޮސްޕިޓަލް އަލް އަމާލް އިން ކަމަށެވެ.
ލޮންގާ ވިދާޅުވި ގޮތުގައި އަލް އަމާލް ހޮސްޕިޓަލް އޮތީ އިޒްރޭލުން އެ ސަރަހައްދު ހިސާރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެތަނަށް ފަރުވާ ހޯދަން މީހުންނަށް ނުދެވޭ ގޮތް ވެފަ އެވެ.
"ޣައްޒާގެ އެތެރޭގައި ހާލުގައި ޖެހި ގެދޮރު ގެއްލިފައި ތިބި 8،000 މީހަކު އެ ހޮސްޕިޓަލުން ހިމާޔަތް ހޯދަން ވަދެ އެ ތަނުގައި ބަންދުވެފައި ތިއްބާ އިއްޔެ (އާދީއްތަ ދުވަހު) ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި،" އޭނާ ވިދާޅުވި އެވެ.
ލޮންގާ ވިދާޅުވީ ހޮސްޕިޓަލް ހުންނަ ސަރަހައްދު ވަށައިގެން ހަމަލާ ބަދަލުކުރަމުންދާ ކަމަށާއި އެ ސަރަހައްދު އެއްކޮށް ބަންދުވެފައި އޮންނަތާ ދެ ހަފްތާ ވެއްޖެ ކަމަށެވެ. އެތައް ފަހަރަކު ހޮސްޕިޓަލަށް ވެސް ހަމަލާތައް އަމާޒުވި ކަމަށާއި އޭގެ ތެރެއިން އެއް ހަމަލާގައި ރެޑް ކްރޮސްގެ މުވައްޒަފަކު ވެސް މަރުވި ކަމަށް ލޮންގާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ 100 ވަރަކަށް މީހުން އަދިވެސް ހޮސްޕިޓަލްގައި 100 ވަރަކަށް މުވައްޒަފުންނާ އެކު އެބަ ތިއްބެވެ.
ހޮސްޕިޓަލަށް ބޭނުންވާ ބޭހާއި އަސާސީ ސާމާނު ލިބުން ވަރަށް ދަތި ކަމަށާއި އެތަނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ވެސް ނުކުރެވޭ ވަރުގެ ނުރައްކާ ކަމަކަށް ވެފައިވާ ކަމަށް ލޮންގާ ވިދާޅުވި އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ހަތަރު މަސް ވެފައި ވާއިރު މިހާތަނަށް 27،000 އަށް ވުރެ ގިނަ މީހުން ވަނީ ހަމަލާތަކުގައި ޝަހީދުވެފަ އެވެ. މި ހަމަލާތައް ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕުތަކަށް ވެސް ދަނީ އަމާޒުކުރަމުންނެވެ. -- އޭއެފްޕީ