06 ފެބުރުއަރީ 2024 - 18:04

ރައްޔިތުން މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން އިތުރު 10 ދުވަސް މަޑުނުކޮށް ބާއްވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނާ ގޮތުން އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުންނެވެ.
އެ ބިލާ ގުޅޭ ގޮތުން މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރޯދައިގެ ފަހުން އިތުރު 10 ދުވަސް ވަންދެން މަޑު ކުރާނަމަ ގާނޫނުއަސާސީގައި ބުނާ މުއްދަތު ފަހަނަ އަޅައިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ މިހާރު ހިނގަމުންދާ މަޖިލިސް މެންބަރުންގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިހާބު ބާއްވައި އާ މެންބަރުން އިއުލާންކޮށް ހުރިހާ ކަމެއް ނިންމަން ޖެހެ އެވެ.
"ބިލުގައި ރޯދަ މަސް ނިމިގެން 10 ދުވަސް އޮތީމަ ގާނޫނުއަސާސީގައި ބުނާ 30 ދުވަހުގެ މުއްދަތު ކިރިޔާ ލިބެނީ. ވޯޓު ގުނައި ނަތީޖާ އިއުލާން ކުރަން ހަ ދުވަސް ލިބޭނީ. ހަތް ދުވަސް ނުވެސް ލިބޭނެ." ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 10 ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް މުއްދަތު ބަދަލު ކޮށްލަން ޖެހޭ ކަމަށެވެ. އޭރުން ކޯޓަށް ދާން ޖެހުނަސް ނުވަތަ މެންބަރުންތަކެއްގެ ނަތީޖާ އެއްވަރު ވިޔަސް އިންތިހާބު ބޭއްވުމަށް ފަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވަރަށް ގިނަ ދިވަހިން ރޯދަ މަހަށް ފަހު ހަ ރޯދަ ވެސް ހިފާތީ އެ މުއްދަތު 15 ދުވަސް ފަހަށް ބަދަލު ކޮށްލުމަށް ވެސް އެދިފަ އެވެ.
ނަމަވެސް ހަބީބް ވިދާޅުވި ގޮތުގައި އިތުރަށް ފަސް ކުރާ ވަރަކަށް އީސީން ކުރަން ޖެހޭ ކަންކަން އިތުރުވާނެ ކަމަށާއި 18 އަހަރު ފުރޭ ފަރާތްތައް ހިމެނުމާއި ރީރަޖިސްޓްރޭޝަނަށް ވެސް އަލުން ހުޅުވާލަން ޖެހިދާނެ ކަމަށެވެ.
އީސީން ފުރަތަމަ ހުށަހެޅީ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމާލެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ. އެހެން ނަމަވެސް އެއީ ކުރަން މުހިންމު ކަމެއް ގޮތުގައި އޭރު ބައެއް މެންބަރުންނަށް ފެންނާތީ އެކަން ކުރާކަށް ފާހެއް ނުވެ އެވެ.