06 ފެބުރުއަރީ 2024 - 09:36

ބްރެންޓްފާޑް (ފެބްރުއަރީ 6) - އާލިންގް ހާލަންޑާއި ކެވިން ޑި ބްރޭނާ އެކުއެކީގައި އެނބުރި ކުޅުމުގެ ތެރެއަށް އައި މެޗުގައި ފިލް ފޯޑެންގެ ހެޓްރިކުން ބްރެންޓްފާޑް 3-1 ން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ތަށީގެ ރޭސް ފޯރިގަދަ ކޮށްލައިފި އެވެ.

ސިތީ މިހާރު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓް ފަހަތުން ތާވާލުގެ ދެވަނައިގަ އެވެ. އާސެނަލް އަށް 51 ޕޮއިންޓެވެ. ސިޓީ އާއި ތިންވަނައިގައި އޮތް އާސެނަލް އަށް ވެސް 49 ޕޮއިންޓެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ލިބުނު ހިތްހަމަޖެހުމަކީ ހަ މަސް ފަހުން ހާލަންޑާއި ޑި ބްރޭނާ އަށް އެކު އެކީގައި ކުޅެން ނެރެވުމުގެ ފުރުސަތު ލިބުމެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ބްރެންޓްފޯޑުން ނީލް މައުޕޭ އެވެ. އެކަމަކު ޕްރިމިއާ ލީގުގައި ގާޑިއޯލާ އެއް ޓީމެއްގެ އަތުން ތިން ފަހަރަށް ބަލިވެފައެއް ނެތެވެ. މީގެ ކުރިން ދެ ފަހަރަށް ބްރެންޓްފާޑް އަތުން ބަލިވެފައިވާ ސިޓީން، ތިން ވަނަ ފަަހަރަށް އެކަން ވިޔަދޭކަށް ބޭނުމެއް ނުވި އެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ފޯޑެން ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ސިޓީގެ އަނެއް ދެ ލަނޑު އޭނާ ޖެހީ 53 ވަނަ މިނެޓް އަދި 70 ވަނަ މިނެޓްގަ އެވެ.
މެޗަށް ފަހު ގާޑިއޯލާ ބުނީ، ފޯޑެންގެ ފެންވަރު އެބަހުރި ކަމަށެވެ. އޭނާ ބޭނުން ކޮންމެ ކަމެއް ދަނޑުމަތީގައި ކުރުމުގެ ހުނަރާއި ގާބިލުކަން އޭނާގެ ކިބައިގައި ހުރި ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
"ފިލް އަށް ކުރިއަށް ދެވޭނެ މިންވަރު ނިންމާނީ އޭނާ އަމިއްލަ އަށް. އެ ލިމިޓް ކަނޑައަޅާނީ އޭނާ،" ގާޑިއޯލާ ބުންޏެވެ "އިދިކޮޅު ޓީމުގެ ޑިފެންސުން މާ ބޮޑު ޖާގަ ނުދީ ކުޅޭ އިރު ވެސް އެ ހަނި ޖާގަތަކުން ބޯޅަ ހިފައިގެން ދެމިގަނެގެން ދާއިރު އޭނާގެ އަސަރު މެޗުން ފެނޭ އޭނާ އަށް ލަނޑު ޖަހާނެ ކަމަށް މިހާރު ގަބޫލުކުރެވޭނެ."