ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް
ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް

ބަލާބެލުމަށް ވައްތަރީ ރިސޯޓެއްގެ ޖެޓީއަކާ އެވެ. އާންމުކޮށް މި ކަހަލަ ޖެޓީތައް ފެންނަނީ ރާއްޖޭގެ ރިސޯޓުތަކުން ކަމަށް ވާތީ އެވެ. އެކަމަކު، މިއީ ރިސޯޓެއް ނޫނެވެ. މި ފެންނަނީ އދ. ދަނގެތީގެ ހުޅަނގު ފަރާތުގައި މިހާރު އޮންނަ ތަފާތު، ނަލަނަލަ ޖެޓީ އެވެ.

ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް
ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް

މިއީ ދަނގެތީ ކައުންސިލްގެ ނަމޫނާ މަސައްކަތުން ރަށަށް ލިބުނު އިތުރު ރީތި ކަމެކެވެ.

ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް
ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް

އެ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ މި އާ ޖެޓީ ހަދާ ސަރަހައްދުގައި ކުރިން އެ ރަށުގެ ރައްޔިތުންގެ ކޮންކްރީޓާއި ވަކަރުން އެޅި ޖެޓީއެއް އޮތް ކަމަށެވެ. ނަމަވެސް، އޭނާ ކައުންސިލާ ހަވާލުވި އިރު އެތަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް
ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް

އެހެންވެ ކައުންސިލުން ނިންމީ އެ ޖެޓީ ނަގައި، އެ ތަނުގައި ރީތި ޑިޒައިނެއްގެ އާ ޖެޓީއެއް ހަދާށެވެ. މިހާރު ފެންނަން އެ ހުރީ އެ ވިސްނުމުގެ ދަށުން ކުރި މަސައްކަތުގެ ޗާލު މަންޒަރެވެ.

ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް
ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް

ކައުންސިލުގެ އިރުޝާދުގެ ދަށުން މި ޖެޓީ ޑިޒައިންކުރީ އެޗް ސްޓޫޑިއޯ ކިޔާ ކުންފުންޏަކުންނެވެ.

ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް
ދަނގެތީގައި ތަފާތު، ނަލަ ޖެޓީއެއް

"ބޮޑަށް ބޭނުންވީ ވީހާ ވެސް މޮޑާން، ޒަމާނީ ގޮތަކަށް ޖެޓީ ޑިޒައިންކުރަން. އަދި ފަސޭހައިން މެއިންޓަނަންސް ބެލެހެއްޓޭނެ ގޮތަށް،" މުއާވިޔަތު ވިދާޅުވި އެވެ.

ކޮންކްރީޓާއި ލަކުޑި ބޭނުންކޮށްގެން ހެދި މި ޖެޓީގެ ދިގުމިނުގައި 250 ފޫޓް ހުރެ އެވެ. އަދި ފުޅާމިނުގައި 11 ފޫޓް ހުރެ އެވެ. ޖެޓީ ހަދަން ތިން މިލިއަނެއްހާ ރުފިޔާ ހަރަދުކުރި އެވެ.

"އެއީ މުޅިން ވެސް ރައްޔިތުންގެ ފައިސާ. ރަށުގެ ބިންތަކާއި އެއްޗެހި ކުއްޔަށް ދީގެން ރައްޔިތުންނަށް ލިބިފައި ހުރި ފައިސާ އިން މަސައްކަތް މި ކުރީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މި ޖެޓީގެ މެދުގައި ވަނީ އިށީނދެލައިގެން ތިބޭ ގޮތަށް ބެންޗު ވެސް ބަހައްޓައިފަ އެވެ. އަދި ޖެޓީގެ އެންމެ ކޮޅުގައި ވެސް ބެންޗު ބަހައްޓައި ވަނީ ހިޔާކޮށްފަ އެވެ.

މުއާވިޔަތު ވިދާޅުވި ގޮތުގައި، މި ޖެޓީގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު 8 މަސްދުވަސްވެއްޖެ އެވެ. އަދި މިހާރު ވަނީ މި ޖެޓީގެ 95 ޕަސެންޓް މަސައްކަތް ނިމިފަ އެވެ.

މުއާވިޔަތު ވިދާޅުވި ގޮތުގައި، ދަނގެއްޗަކީ މިހާރު ފުޅާދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރަމުން އަންނަ ރަށަކަށް ވާތީ މި ޖެޓީ ހާއްސަ ކުރާނީ ވެސް ޓޫރިޒަމަށެވެ.

"ފަތުރުވެރިންނަށް ހާއްސަ ސަފާރީތަކާ އެއްޗެހި ވަރަށް ގިނައިން މި ރަށާ ކައިރި ކުރޭ. އެހެންވެ، އެ ކަހަލަ އުޅަނދުތަކުން ރަށަށް އަރާ ފައިބާ ފަތުރުވެރިންނަށް މި ތަން ބޮޑަށް ހާއްސަ ކުރާނީ،" އޭނާ ވިދާޅުވި އެވެ.