05 ފެބުރުއަރީ 2024 - 18:46

ޒަކާތާ ގުޅޭ ކަންކަން ކުރުމަށް އަލަށް އުފައްދާފައިވާ އިދާރާ "މޯލްޑިވްސް ޒަކާތު ހައުސް"ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ޑިރެކްޓަ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް މީހަކު ހޯދަނީ އެއް އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓު އުސޫލުން ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަލައި ރަނގަޅު ނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައިވާ ބުނެފައި ވަނީ މި މަގާމަށް ހޮވޭ މީހަކަށް މަހު މުސާރައިގެ ގޮތުގައި 43،500ރ. ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 28،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 12،500ރ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500ރ. އެވެ.
މި މަގާމަށް ހޮވާ ފަރާތެއް ކަނޑައެޅުމުގައި ބަލާ ޝަރުތުތަކަކީ؛
• އިސްލާމީ އިލްމުތަކުގެ ރޮނގަކުން ދަށްވެގެން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، އަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ މީހަކަށް ވުން.
ނުވަތަ،
• އިސްލާމީ އިލްމުތަކުގެ ރޮނގަކުން ދަށްވެގެން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، އަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ މީހަކަށް ވުން.
މި މަގާމުގެ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތު ހައުސްގެ ތަސައްވުރާއި އަމާޒުތައް ހާސިލުކުރުމަށް ކަނޑައަޅަން ޖެހޭ ސިޔާސަތުތައް ޒަކާތު ހައުސްގެ ޗެއަމަންގެ ލަފާގެ މަތިން އެކުލަވައިލުމާއި ޒަކާތު ހައުސްގެ ކަންކަން ހިންގައި ބެލެހެއްޓުމަށް އެކުލަވާލަން ޖެހޭ އެންމެހާ އުސޫލުތައް ޒަކާތު ކޮމެޓީ އާއި ޝަރީއާ ސުޕަވައިޒަރީ ކޮމެޓީ އަދި އިންވެސްޓްމަންޓް އެޑްވައިޒަރީ ކޮމެޓީގެ ލަފާގެ މަތިން އެކުލަވައިލުން ހިމެނޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނީ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކާ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އިފްތިތާހްކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އަދި މި އިދާރާ އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.