އޮކްޓޫބަރު 7 ގެ ހަމަލާއަށް ހަމާސް އިން ތަމްރީން ހެދި ތަން ފެނިއްޖެ: އިޒްރޭލް
އޮކްޓޫބަރު 7 ގެ ހަމަލާއަށް ހަމާސް އިން ތަމްރީން ހެދި ތަން ފެނިއްޖެ: އިޒްރޭލް

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަށް ހަމާސް އިން ތަމްރީން ހަދަން ބޭނުންކުރި ބިން ހޯދައި އެ ސަރަހައްދަށް އިޒްރޭލު ވަދެފައިވާ ކަމަށް އިޒްރޭލު ސިފައިން ބުނެފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މިތަން އޮތީ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގައި ކަމަށެވެ. އެތަނުގެ އިޒްރޭލުގެ އަސްކަރީ ބޭސްތަކުގެ މޮޑެލްތަކާއި ހަތިޔާރު އެޅި ވެހިކަލްތަކާއި އާންމުން އުޅޭ ސަރަހައްދުތަކަށް ވަންނަ މަގުތަކުގެ މޮޑެލްތައް ހުރި ކަމަށް ބުންޏެވެ.

މިތަން ހޯދައި ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައިރު ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރެއް ކަމަށްވާ މުހައްމަދު ސިންވާރްގެ އޮފީހަށް ވެސް ވަދެފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އޭނާ އަކީ އިއްޒުއްދީން އަލް ގައްސާމް ބްރިގޭޓްސްގެ ކޮމާންޑަރެކެވެ.

އަދި މިއީ އޮކްޓޫބަރު 7 ގައި ދިން ހަމަލާގެ މޭސްތިރިޔާ ކަމަށް އިޒްްރޭލުން ތުހުމަތުކުރާ ޔަހްޔާ ސިންވާރްގެ ބޭބެއެކެކެވެ. އެއީ ހަމާސްގެ ޣައްޒާ ގޮފީގެ ވެރިޔާ އެވެ.

އިޒްރޭލުން ބުނީ ހަމަލާ ދިނުމަށް ތަމްރީން ހެދުމަށް ބޭނުންކުރި ސަރަހައްދަށް ވަންނަން އުޅުމުން ހަމާސް އިން ހަމަލާ ދިން ކަމަށެވެ. އެކަމަކު ސްނައިޕަރުންނާއި ޓޭންކުން އަދި ވައިގެ މަގުން ދިން ހަމަލާތަކުގައި އެ މީހުން "ނައްތާލެވުނު" ކަމަށް ބުންޏެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން 1،140 މީހަކު މަރުވެފައިވާ ކަމަށް އޭއެފްޕީގެ ހިސާބުތަކުން ދައްކަ އެވެ. އަދި މަދުވެގެން 250 މީހަކު ރަހީނުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން މިނިވަންކޮށްފައި ވާއިރު އަދިވެސް 132 މީހަކު ޣައްޒާ ތެރޭ އެބަ ތިބި ކަމަށް އިޒްރޭލުން ބުނެ އެވެ.

މި ހަމަލާތަކުގެ ރައްދުގައި، ހަމާސް ނައްތާލާނެ ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 27،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ހަމާސްގެ މެންބަރުންނަށް ވުރެ ގިނައީ އަންހެންނާއި ކުޑަކުދިންނެވެ. --އޭއެފްޕީ