ހުއްދަ ނުހޯދައި ސިޓީ ކައުންސިލްގައި ހިންގި ފަސް ވިޔަފާރިއެއް ހުއްޓުވައިފިން: އާޒިމް
ހުއްދަ ނުހޯދައި ސިޓީ ކައުންސިލްގައި ހިންގި ފަސް ވިޔަފާރިއެއް ހުއްޓުވައިފިން: އާޒިމް

ހުއްދަ ނުހޯދައި މާލެ ސިޓީ ކައުންސިލްގައި ހިންގި ފަސް ވިޔަފާރިއެއް ހުއްޓުވާފައިވާ ކަމަށް އާ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ގަވައިދާ ހިލާފަށް ފަސް ވިޔަފާރިއެއް ހިންގާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ.

އެ ހުރިހާ ވިޔަފާރިއެއް މިއަދު ހުއްޓުވާފައި ވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑު އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ދިޔައިރު، އަޅުގަނޑަށް މައުލޫމާތު ލިބުނީ، އަޅުގަނޑަށް ފެނިފައި އެބަހުރި ހުއްދަ ނުހޯދައި އެ ތަނުގައި [މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި] ވިޔަފާރިތަކެއް ކުރާ ތަން. ފަސް ވިޔަފާރިއެއް ކުރަމުން ދަނީ ހުއްދަ ނުހޯދައި. އަދި އެ ތަނުގައި ކެފޭއެއް ވެސް ހިންގަމުން އެބަދޭ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވައިދާ ހިލަށްފަށް ކުރާ ކަމެއް ހުއްޓުވުމަކީ ކައުންސިލްގެ ވެސް ޒިންމާއެއް ކަމަށާއި އެހެންވެ އެކަން ހުއްޓުވާފައިވާނެ ކަމަށެވެ.

"އެއްވެސް ހާލަތެއްގައި ކައުންސިލް އެތެރެއަކީ ގަަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ވަންޏާ ކައުންސިލްގެ ހުރިހާ ބޭފުޅުން ވެސް ބޭނުންވާނެ އެކަން ހުއްޓުވަން. އެހެންވެ އެ ކަން މިއަދު އަޅުގަނޑު ވާނީ ކޮށްފައި،" އާޒިމް ވިދާޅުވި އެވެ.

ކައުންސިލުން އެންގުމުން އެ ވިޔަފާރިތަކުގެ ވެރިން އެކަން ހުއްޓާލާފައިވާ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.