05 ފެބުރުއަރީ 2024 - 16:22

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެ ބޭންކުގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ތިން ޑިރެކްޓަރުން ހޮވާނެ އެވެ. އެ މަގާމަށް ކުރިމަތިލެވޭނީ އާއްމު ހިއްސާދާރުންގެ ތެރެއިން އުމުރުން 30-70 އަހަރުގެ މީހުންނަށެެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. އެ މަގާމަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހުން ފޯމާއި ލިޔެކިޔުން ބީއެމްއެލްގެ ހެޑް އޮފީހުގެ ހަ ވަނަ ފްލޯ އަށް ހުށަހެޅޭނެ އެވެ. ބޭންކުގެ ސެކްރެޓަރު އީމެއިލް އެޑްރެސް[email protected]އަށް ވެސް ލިޔެކިޔުން ހުށަހެޅޭނެ އެވެ.
ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި 11 ޑިރެކްޓަރުން ތިބޭއިރު މީގެ ތެރެއިން 8 މެމްބަރުން އައްޔަންކުރަނީ ސަރުކާރުންނެވެ. ބާކީ ތިން މެމްބަރުންނަކީ އާއްމު ހިއްސާދާރުން ތަމްސީލު ކުރަން އެ ހިއްސާދާރުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންތަކެކެވެ.
ޑިރެކްޓަރު ކަމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަންތައް މި އަހަރު އޮންނަ ބޭންކުގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅާނެ އެވެ. ބޯޑަށް މެމްބަރުން ހޮވާނީ އެ ޖަލްސާގައި ނަގާ ވޯޓުންނެވެ.