05 ފެބުރުއަރީ 2024 - 14:05

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުތަކުގެ 60 ޕަސެންޓް ދީފައިވަނީ ޝަރުތު ހަމަނުވާ މީހުންނަށް ވިޔަސް، އެ ފްލެޓްތަކާ ދޭތެރޭ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރަމުން އަންނަ ފްލެޓުތަކުގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ނިއުސް ކޮންފަރެންސްގައި، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓު ހޯދަން ގޯސްކޮށް މައުލޫމާތު ދީފައިވާ މީހުންނާ މެދު އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަކީ އޭސީސީގެ މެންޑޭޓާ ތަންކޮޅެއް ދުރު ކަމެއް ކަމަށެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަނަކީ އެއްގޮތަކަށް ވެސް ފްލެޓު ދޭ ތަނެއް ނޫން....އަޅުގަނޑުމެންނަށް އޮންނަ ގޮތަކީ އޭގައި އޮންނަ މައިގަނޑު މަސްއޫލިއްޔަތަކީ ގޯސް ގޮތް ބުނެދިނުން. އަޅުގަނޑުމެން މި ބުނެދިނީ ކޮންމެ ގޮތަކަށް ކުރިއަސް އެގޮތް ވާން ޖެހޭނީ ތިއްބެވި ބޭފުޅުންގެ، އެއް ކަމަކަށް އަސާސަށް އުސޫލަށް އަމަލުކުރުމޭ. އެ އުސޫލުގައި ނެތް ކަމަކީ އެންމެންގެ މެދުގައި ހަމަހަމަ، ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަށް ހެދުމޭ." ޝަމާލް ވިދާޅުވި އެވެ.
އެކަމުގައި އޭސީސީ އަށް ފާހަގަކުރެވުނު ކަންތައްތައް ހައުސިން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ މިނިސްޓްރީން ކަމަށް ކަމަށް ޝާމިލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ވަނީ، ފްލެޓާ ގުޅޭ ކަންކަމުގައި އޭސީސީއާއެކު މަޝްވަރާކޮށްފަ އެވެ. ކުރިއަށް އޮތް ތަނުގައި އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް މިނިސްޓްރީން ރޭ ބުންޏެވެ.
- 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމުވާ ގިނަ ބަޔަކު ހިމަނާފައިވޭ
- ފޯމުތަކުގައި ދީފައިވާ މައުލޫމާތު ފުށުއެރުން
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން
- ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި
- ޕޮއިންޓްދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ޕޮއިންޓް ދީފައިވޭ
- ގިނަ ފަރާތްތަކެއް ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަކުރެވުނު
ޕްރެސް ކޮންފަރެންސްގައި ދެއްކި ޕްރެޒެންޓޭޝަންގައިވާ ގޮތުން، ފްލެޓާ ގުޅޭގޮތުން ކުރި ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބެލި ކަމަށެވެ. އޭގެ ތެރެއިން 59.6 ޕަސެންޓް ފޯމުގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުންޏެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.
ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައި ކަމަށާއި ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރީ 19.7 ޕަސެންޓް ފޯމުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އެއީ ގާތްގަނޑަށް 1،600 ފްލެޓެވެ.
އެ ސްކީމުގެ ދަށުން ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ދޭށެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.