އޮސްޓްރޭލިޔާގެ އެންމެ ފިޓް އަންހެން ބޮޑީބިލްޑަރުގެ ކުއްލި މަރު
އޮސްޓްރޭލިޔާގެ އެންމެ ފިޓް އަންހެން ބޮޑީބިލްޑަރުގެ ކުއްލި މަރު

އެންޑީ ޕޭޖް އަކީ އޮސްޓްރޭލިއާގެ އެންމެ ގިނަ ބަޔަކު އެންމެ ގަދަރުކުރާ އަދި އެންމެ ސިއްހަތު ރަނގަޅު އެންމެ ފިޓް ބޮޑީބިލްޑަރުންގެ ތެރޭގައި ހިމެނޭ އަންހެނެކެވެ.

ހޮނިހިރު ވިލޭރޭ އެންޑީ ނިދަން އޮށޯތީ ހެނދުނުގެ ނާސްތާއާ ބެހޭ ގޮތުންނާއި ދެން ހަދާ ވޯކްއައުޓާ ބެހޭ ވީޑިއޯއެއް ވެސް ޕޯސްޓްކޮށްފަ އެވެ. ނަމަވެސް އެރޭ ނިދި ގޮތަކަށް އެންޑީ ނުހޭލި އެވެ. ހެނދުނު ނުތެދުވެގެން ބެލިއިރު އޭނާ އޮތީ މަރުވެފަ އެވެ.

އުމުރުން އެންމެ 32 އަހަރުގެ ފިޓްނަސް މޮޑެލް އެރޭ ނިދީ އަރިކައްޓަށް ތަދުވާތީ އުޅެފަ އެވެ. ނަމަވެސް އެރޭގެ ނިންޖަކީ އުމުރަށް ނިދި ނިދުމެކެވެ.

އެންޑީގެ ކުއްލި މަރާ ގުޅިގެން އާއިލާ އާއި ރައްޓެހިން އަދި ގިނަ ބަޔަކު ވަރަށް ހިތާމަކޮށް ސޯޝަލް މީޑިއާގައި ތަފާތު މެސެޖުތައް ޕޯސްޓްކޮށްފައިވެ އެވެ.

އެންޑީ މަރުވީ ކީއްވެގެން ކަމެއް އަދި އެއްވެސް މީހަކަށް ބުނާކަށް ނޭނގެ އެވެ. އޭނާގެ މަރަކީ ކުއްލި އަދި ހަގީގަތް ނޭނގޭ މަރެކެވެ.

އެންޑީގެ ފުރަތަމަ އެމޭޗާ ފައިޓަށް އޭނާ ތަމްރީނުކޮށްދިން ގޯލްޑް ކޯސްޓް ބޮކްސިން ޕްރޮމޯޓާ ޖެމީ މޭޔާ ބުނި ގޮތުގައި އެންޑީ އަކީ ތަފާތު މީހެކެވެ.

"އެންޑީ އަކީ ވަރަށް އުފާވެރި އަދި އަނގަތަޅާ މަޖާ މީހެއް. އޭނާ ދާ ކޮންމެ ތަނަކަށް އުފާވެރިކަން ގެނެސްދޭނެ. އަދި ކުރާ ކޮންމެ ކަމަކަށް 100 ޕަސެންޓް ދޭނެ،" ޖެމީ ބުންޏެވެ.

އެންޑީ މަސްތުވާތަކެތި އެއްވެސް ވަރަކަށް ބޭނުން ކުރާކަމަކަށް ޖެމީއެއް ގަބޫލެއް ނުކުރެ އެވެ. ޖެމީ ބުނަނީ އެންޑީ އަކީ އެކަހަލަ މީހެއް ނޫން ކަމަށެވެ.

އެންޑީ ދިރިއުޅެނީ ގޯލްޑް ކޯސްޓްގަ އެވެ. އޭނާ މަސައްކަތްކުރަނީ އެކްސަސައިޒް ފިޒިއޮލޮޖިސްޓެއްގެ ގޮތުގަ އެވެ. އޭނާއަކީ ގައުމީ ފެންވަރުގެ ފެތުންތެރިއެކެވެ. އަދި އޮސްޓްރޭލިއަން ސާފް ލައިފްސޭވިން ގައި ވެސް ވާދަކުރި އެވެ.

އެންޑީ ބޮޑީބިލްޑްކުރަން ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. އަދި މަޑުމަޑުން އެޑްވާންސް ވަމުން އައިސް ސްޓޭޓް އަދި ނެޝަނަލް ލެވެލްގައި ކާމިޔާބުތައް ހޯދައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރި އެވެ.
އެންޑީ ވަނީ 2014 ގައި ކޯޗު ނަތަން ޕޭޖް އާ ސިޑްނީގައި ކައިވެނިކޮށް އެރަށުގައި އެމީހުންގެ އަމިއްލަ ފިޓްނަސް ސެންޓަރެއް، "ފިޓްނަސް ރިޕަބްލިކް"ގެ ނަމުގައި ހުޅުވާފަ އެވެ. ނަމަވެސް ވިޔަފާރި މާ ރަނގަޅަށް ހިނގާގޮތް ނުވުމުން އެ ވިޔަފާރި ވިއްކާލުމަށްފަހު އަނެއްކާވެސް ގޯލްޑް ކޯސްޓަށް އެންޑީ އާއި ފިރިމީހާ ވަނީ ބަދަލުވެފަ އެވެ.

އެންޑީގެ ފިރިމީހާ ނަތާން އާއި އާއިލާއިން އެންޑީގެ މަރާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. އެމީހުންނަށް ލިބިފައިވާ ހިތާމައިގެ ސަބަބުން މިވަގުތު އެއްވެސް ވާހަކައެއް ދެއްކެން ނެތް ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

އެންޑީގެ މަރުގައި އެއްވެސް ޝައްކުކުރެވޭ ކަހަލަ ކަމެއް ހިނގާފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.